11 ޖުލައި 2016 - 17:23

ރޯމް، އިޓަލީ (ޖުލައި 11) - ލާޒިއޯ އަށް ކުޅޭ އިޓަލީ ގައުމީ ޓީމުގެ މިޑްފީލްޑަރު އެންޓޯނިއޯ ކަންޑްރޭވާ ޗެލްސީއާ ގުޅެން ޝައުގުވެރިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
ޗެލްސީގެ ކޯޗު އަދި ޔޫރޯގައި އިޓަލީއަށް ކޯޗުކޮށްދިން އެންޓޯނިއޯ ކޮންޓޭ އަންނަނީ ޗެލްސީ އަށް ކަންޑްރޭވާ ގެންދަން މަސައްކަތްކުރަމުންނެވެ. އުމުރުން 29 އަހަރުގެ ކަންޑްރޭވާ އަކީ އިޓަލީ ޓީމުގެ ވެސް މުހިއްމު ކުޅުންތެރިއެކެވެ. މި ފަހަރު ޔޫރޯގައި ވެސް އޭނާ މޮޅު ކުޅުމެއް ދެއްކި އެވެ.
ލާޒިއޯގެ ޗީފް އިގްލީ ޓާރޭ ބުނީ ކަންޑްރޭވާ ވަނީ ކްލަބް ދޫކޮށްލަން އެދިފައިކަމަށާއި އޭނާއާ މަޝްވަރާ ކުރުމަށް ފަހު ވަރަށް އަވަހަށް ގޮތެއް ނިންމާނެ ކަމަށެވެ.
ކަންޑްރޭވާ ހޯދަން ޗެލްސީގެ އިތުރުން އިންޓަ އާއި އެތުލެޓިކޯ މެޑްރިޑް އަދި ނަޕޯލީން އަންނަނީ މަސައްކަތް ކުރަމުންނެވެ. ލާޒިއޯ އިން ކަންޑްރޭވާ ވިއްކަން ކިޔާ އަގަކީ 25 މިލިއަން ޕައުންޑެވެ.