ޔާމީންގެ މަރުގެ ޝަރީއަތުގެ މިއަދުގެ އަޑުއެހުން ކެންސަލްކޮށްފި
ޔާމީންގެ މަރުގެ ޝަރީއަތުގެ މިއަދުގެ އަޑުއެހުން ކެންސަލްކޮށްފި

މިދިޔަ އަހަރުގެ އޭޕްރިލް މަހު ވަޅިން ހަމަލާދީ މަރައިލި ޔާމީން ރަޝީދުގެ މަރުގެ ޝަރީއަތުގެ މިއަދުގެ އަޑުއެހުން ކެންސަލްކޮށްފި އެވެ.

ޔާމީން މަރައިލި މައްސަލައިގައި ދައުލަތުން ދައުވާކުރަނީ ހަތް މީހެއްގެ މައްޗަށެވެ. މިއަދު ބާއްވަން އޮތީ އޭގެ ތެރެއިން ހަ މީހެއްގެ މައްސަލަ އެވެ.

އެއީ ހ. އަންނާރުމާގޭ، އިސްމާއިލް ހައިޝަމް ރަޝީދާއި މ. އިރާސްމިކުގޭ، އަހުމަދު ޒިހާން އިސްމާއިލާއި ގދ. ގައްދޫ ސިންދުބާދުގޭ، މުހައްމަދު ދިފްރާން ނ. ކުދެހިގޭ، ހަސަން ޝިފާޒްގެ އިތުރުން މ. ތާއިފް، އިސްމާއިލް ރަޝީދު އަދި މ. ކޮޅުފުށީ އީސްޓް، ހުސައިން ޒިޔާދުގެ މައްސަލަ އެވެ. އެ މީހުންގެ މައްޗަށް ކުރަނީ ތޫނު އެއްޗެއް ބޭނުން ކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާ އެވެ.

އެ މައްސަލައިގެ އަޑުއެހުމެއް މިއަދު މެންދުރު ބާއްވަން ހަމަޖެއްސުމަށް ފަހު ކެންސަލްކުރި ސަބަބެއް އަދި ސާފެއް ނުވެ އެވެ. އެ މައްސަލައިގައި މިހާރު ކުރި އަށް ދަނީ އިބްތިދާއީ މަރުހަލާގެ އަޑުއެހުންތަކެވެ. އެ ބައި ކުރިއަށް ގެންދަނީ ސިއްރު ކޮށްގެންނެވެ.

ޔާމީން މަރާލާފައި އޮއްވާ ފެނުނީ އޭނާ ދިރިއުޅުނު ގޭގެ އެންމެ ތިރީ ބުރީގެ ސިޑި ކައިރިންނެވެ. ފުލުހުން ބުނެފައިވާ ގޮތުގައި އޭނާ މަރައިލީ، އޭނާ މަސައްކަތް ކުރި އޮފީހުން ގެއަށް ދާން ނުކުތުމުން، މަގުމަތިން ބަޔަކު ފާރަލަމުން ގޮސް، އޭނާ ގެ އަށް ވަން ވަގުތު އެވެ.