08 ޖެނުއަރީ 2018 - 10:30

ބާސެލޯނާ (ޖެނުއަރީ 8) – ބާސެލޯނާ އަށް ލިއޮނަލް މެސީ ކުޅެދިން 400 ވަނަ މެޗުގައި އޭނާ ޖެހި ލަނޑާ އެކު ލެވަންޓޭ އަތުން 3-0 އިން މޮޅުވެ ބާސެލޯނާ އިން ސްޕެނިޝް ލީގުގެ އެއް ވަނައިގައި ނުވަ ޕޮއިންޓުގެ ލީޑު ދަމަހައްޓައިފި އެވެ.
އެ ޓީމު 48 ޕޮއިންޓް އެއްކޮށްފައިވާއިރު ދެ ވަނައިގައި 39 ޕޮއިންޓާ އެކު އޮތީ އެތުލެޓިކޯ މެޑްރިޑެވެ. އެ ޓީމު ވަނީ ހޮނިހިރު ދުވަހު ގެޓަފޭ އަތުން 2-0 އިން މޮޅުވެފަ އެވެ.
ރޭ ރެއާލް މެޑްރިޑް ކުޅުނު މެޗުގައި ސެލްޓާ ޑި ވީގޯއާ 2-2 އިން އެއްވަރުވިއިރު އެ ޓީމު އޮތީ 32 ޕޮއިންޓާ އެކު ހަތަރު ވަނައިގަ އެވެ. މި ނަތީޖާއާ އެކު އެ ޓީމާ ބާސެލޯނާއާ ދެމެދު އޮތް ފަރަގު ވަނީ 16 ޕޮއިންޓަށް ބޮޑުވެފަ އެވެ.
ބާސެލޯނާގެ ދަނޑުގައި ލެވަންޓޭ އަތުން މޮޅުވިއިރު ލަނޑު ޖަހައިދިނީ މެސީގެ އިތުރުން ލުއިސް ސުއަރޭޒާއި ޕައުލީނިއޯ އެވެ.
ސެލްޓާ އާއި ރެއާލް މެޑްރިޑް ކުޅުނު މެޗުގެ 33 ވަނަ މިނެޓުގައި ސެލްޓާގެ ޑެނިއަލް ވާސް ވަނީ ލީޑު ނަގައިފަ އެވެ. ރަށުން ބޭރުގައި ކުޅުނު މެޗުގައި މެޑްރިޑަށް ދެ ލަނޑު ވެސް ޖަހައިދިނީ ގަރެތު ބޭލް އެވެ. ފުރަތަމަ ލަނޑު 36 ވަނަ މިނެޓުގައި ޖެހއިިރު ދެ ވަނަ ލަނޑު ޖެހީ އޭގެ ދެ މިނެޓު ފަހުންނެވެ. ސެލްޓާ އިން އެއްވަރުކުރީ 82 ވަނަ މިނެޓުގައި މެކްސިމިލިއާނޯ ގޯމޭޒް ގޮންޒާލޭޒް ޖެހި ގޯލުންނެވެ.