09 ޖެނުއަރީ 2018 - 06:12

ބެޓެރީ ބައްތި އާއި ޑައިނަމޯ ބައްތީގެ ޒަމާން މަޑުމަޑުން ނިމެނީ އެވެ. ޔޫރަޕުގެ ގައުމުތަކުގައި މިހާރު ގިނަ މީހުންނަށް ކަމުދަނީ ސްމާޓް ބައްތިއެވެ. އެއަށްވުރެ ދަރަޖައެއް ކުރިއަށް ޖެހިލުމަށްފަހު، ބައިސްކަލު ބައްތި އީޖާދުކުރުމުގައި މަޝްހޫރު ޑާކް ސްޓްރޯތުމަން މިފަހަރު އުފެއްދީ ކަރަންޓުން ދިއްލާ ބައްތިއެކެވެ.

ގިނަ ވާތަކެއް ބޭނުން ކުރަން ނުޖެހޭ ގޮތަށް އުފެއްދި މިބައްތިއަކީ މެގްނިކް މައިކްރޯލައިޓްސް އެވެ. މިބައްތި ދިއްލެނީ ފުރޮޅުގެ ވޮށިތެރޭ ފުރާފައި ހުންނަ ހިމަ ދަގަނޑުތަކާއި ބައްތި ހަރުކޮށްފައިވާ ކުޑަ ގޮށީގައި ހުންނަ ދަގަތްފާނުގެ ބާރުން ނުކުންނަ ކަރަންޓަކުންނެވެ. ބައްތި ހަރުކޮށްފައި ހުންނަނީ ހަމައެކަނި ކުރިމައްޗަށް އަލިވާ ގޮތަކަށް ނޫނެވެ. ފަހަތު ފުރޮޅުގައި ވެސް މީގެ ބައްތި ހުރެއެވެ. ގޯޅި އެޅިޔަސް ބުރަކި ޖެއްސިޔަސް ބޮކީގެ އަލިކަމަށް އަންނަ ބަދަލުން އެކަން އަންގައިދެ އެވެ.
އެހެން ބައްތިތަކާ މެގްނިކް މައިކްރޯލައިޓްސްގެ ހުރި އަނެއް ތަފާތަކީ މި ބައްތި ބައިސްކަލުގެ ބުރަކީގައި ހަރުކޮށްފައި ހުރުމެވެ. ބުރަކި ޖައްސައިގެން ބައިސްކަލް ހުއްޓުނަސް ކެޕޭސިޓަރެއްގެ އެހީގައި ބައްތި ނުނިވި ހިފަހައްޓާލައެވެ.
މެގްނިކް މައިކްރޯލައިޓްސް ބޮޑަށް އަލިގަދަވަނީ ބުރަކި ޖައްސާ އިރެވެ. ހުންގާނުގެ ކަނާތު ބުރަތްކަށް ދެ ފަހަރަށް ފިތާލުމުން ކަނާތު ބައްތި ދިއްލި، ކަނާތްފަރާތަށް ގޯޅި އަޅަން އުޅޭކަން އަންގައިދެއެވެ. ވައަތް ފަރާތުން ބުރަތްކަށް ފިތާލީމާ ދިއްލޭނީ ވައަތްފަރާތު ބޮތްކެވެ. އެއީ ވައަތް ފަރާތަށް ގޯޅި އެޅޭ ކަމުގެ އިޝާރާތެކެވެ.