08 ޖެނުއަރީ 2018 - 10:07

ލަންޑަން (ޖެނުއަރީ 8) – އިނގިރޭސި ދެ ވަނަ ޑިވިޝަނުގެ ނޮޓިންހަމް ފޮރެސްޓް އަތުން 4-2 އިން ބަލިވެ އެފްއޭ ކަޕުގެ ތިން ވަނަ ބުރުން ލަދުވެތި ގޮތަކަށް އާސެނަލް ކަޓައިފި އެވެ.
މިއީ އެންމެ ފަހުގެ ޗެމްޕިއަން އާސެނަލްގެ ކޯޗު އާސެން ވެންގާގެ ކޯޗުކަމުގެ ދަށުން އެ ޓީމު މުބާރާތުގެ ތިން ވަނަ ބުރުން ކެޓި ފުރަތަމަ ފަހަރެވެ. މި މެޗުގައި ވެންގާ އަށް ޓީމަށް އިރުޝާދުދޭން ބެންޗަށް ދެވޭ ގޮތެއް ނުވި އެވެ. އޭނާ ހުރީ ރެފްރީ އަށް ފާޑުކިޔުމުގެ ސަބަބުން ކުރިމަތިވި ތިން މެޗުގެ ސަސްޕެންޝަނެއްގަ އެވެ.
ފޮރެސްޓުގެ ދަނޑުގައި ކުޅުނު މި މެޗުގެ 20 ވަނަ މިނެޓުގައި އެ ޓީމުގެ އެމެރިކާ ޑިފެންޑަރު އެރިކް ލިކަޖް ވަނީ ލީޑު ނަގައިދީފަ އެވެ. އޭގެ ތިން މިނެޓު ފަހުން އާސެނަލްގެ ޑިފެންޑަރު ޕާ މާޓަސެކާ ވަނީ އެ ޓީމަށް އެއްވަރުކޮށްދީފަ އެވެ. ފުރަތަމަ ހާފުގެ ފަހު މިނެޓުގައި ފޮރެސްޓަށް އަލުން ކުރި ހޯދައިދިނީ ވެސް ލިކަޖް އެވެ.
އަދި 64 ވަނަ މިނެޓުގައި ޕެނަލްޓީއަކުން ބެން ބްރެރެޓަން ލަނޑު ޖަހައި ފޮރެސްޓަށް ތަފާތު ބޮޑުކޮށްދިނެވެ. އާސެނަލަށް ތަފާތު ކުޑަކޮށްދިނީ 79 ވަނަ މިނެޓުގައި ޑެނީ ވެލްބެކެވެ. މެޗުގެ 84 ވަނަ މިނެޓުގައި ފޮރެސްޓުގެ ޖޯ ވޮރާލަށް ދެ ވަނަ ރީނދޫ ކާޑާ އެކު ރަތްކާޑެއް ދައްކާފައިވަނިކޮށް އެ ޓީމުގެ ހަތަރު ވަނަ ލަނޑު އޭގެ މިނެޓެއް ފަހުން ޖެހީ ޕެނަލްޓީއަކުން ކިއެރަން ޑޮވެލް އެވެ.
އާސެނަލްގެ ކޯޗު ވެންގާ ބުނީ ބެންޗަށް ނުދެވި ކުޅިބަަލަން ހުންނަން ޖެހުމުން ވަަރަށް ބޮޑަށް ހިތްހަމަނުޖެހުނު ކަމަށާއި އަދި ނަސީބު ދެރަކަމުން، އެކަން އެހެންވީއިރު ބަލަން ޖެހުނީ ޓީމު ބަލިވީ މަންޒަރު ކަމަށެވެ.
"އަހަރެމެން އިދިކޮޅަށް ކުޅުނީ ވަރަށް ރަނގަޅަށް ކުޅުނު ޓީމަކާ. ވަރަށް ވިސްނުންތެރިކަމާ އެކު ކުޅުނީ. ޖުމްލަކޮށް އަހަރެމެންގެ ކުޅުން ރަނގަޅެއް ނޫން،" ވެންގާ ބުންޏެވެ.
މި ވަގުތު އާދައިގެ ޓީމެއްގެ ގޮތުގައި އޮތް ނަމަވެސް ނޮޓިންހަމް ފޮރެސްޓަކީ އިނގިރޭސި ފުޓްބޯޅައިގައި މަޝްހޫރު ނަމެކެވެ. ޔޫރަޕުގެ ޗެމްޕިއަންކަން 1979 ވަނަ އަހަރާއި 1980 ވަނަ އަހަރު ހޯދާފާއިވާއިރު އެ ޓީމު ޔޫރަޕުގައި އާސެނަލަށް ވުރެ ވެސް ކާމިޔާބެވެ. މީގެ އިތުރުން ފޮރެސްޓުން ވަނީ އިނގިރޭސި ލީގު ޗެމްޕިއަންކަން 1978 ވަނަ އަހަރު ހޯދައި އެފްއޭ ކަޕް ދެ ފަހަރެއްގެ މަތިން ހޯދައިފަ އެވެ.