ބަޖެޓް ތަންފީޒު ކުރުމުގެ މުއާމަލާތްތައް އިލެކްޓްރޯނިކް ވިއުގައަކުން ގުޅާލަން ޕޯޓަލެއް އިފުތިތާހުކޮށްފި
ބަޖެޓް ތަންފީޒު ކުރުމުގެ މުއާމަލާތްތައް އިލެކްޓްރޯނިކް ވިއުގައަކުން ގުޅާލަން ޕޯޓަލެއް އިފުތިތާހުކޮށްފި

ދައުލަތުގެ ބަޖެޓް ތަންފީޒުކުރުމާ ބެހޭ މުއާމަލާތްތައް އިލެކްޓްރޯނިކް ވިއުގައަކުން ގުޅާލުމަށް "ބަނޑޭރި ޕޯޓަލް"ގެ ނަމުގައި ފިނޭންސް މިނިސްޓްރީން ހެދި ޕޯޓަލެއް މިއަދު އިފްތިތާހްކޮށްފި އެވެ.

އެ ޕޯޓަލް އިފްތިތާހު ކޮށްދެއްވީ ފިނޭންސް މިނިސްޓްރީގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ސީނިއާ އެޑްވައިޒަ ޓު ދަ ފިނޭންސް މިނިސްޓަރު އަދި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ސަރުކާރުގެ ފަހު ދުވަސްކޮޅުގެ ފިނޭންސް މިނިސްޓަރު މުހައްމަދު ޖަލީލެވެ.

ފިނޭންސް މިނިސްޓްރީން ބުނީ "ބަނޑޭރި ޕޯޓަލް" މެދުވެރިކޮށް، ތިން ބާވަތެއްގެ ރިކުއެސްޓް އޮފީސްތަކުން އެ މިނިސްޓްރީއަށް ހުށަހެޅޭނެ ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ، ބަޖެޓްގެ އެއް ކޯޑުން އަނެއް ކޯޑަށް ފައިސާ ބަދަލުކުރުމާއި އެޑްވާންސް ފަންޑުން ފައިސާ ހޯދުން ނުވަތަ ބަޖެޓް އިތުރު ކުރުމާއި ޚިދުމަތް ހޯދުމަށް ނުވަތަ މަސައްކަތެއް ކުރަން ވަކިފަރާތަކާ ހަވާލުކުރުމަށް އެދި ހުށަހަޅާ ރިކްއެސްޓެވެ. އަދި ދައުލަތުގެ ދަތުރުތައް އެއްވިއުގައަކުން ގުޅާލައި ހިންގައި ބެލެހެއްޓުމަށް، ދަތުރުތަކުގެ ހުއްދަ ދިނުން ވެސް އެ ޕޯޓަލަށް ބަދަލުކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ބުންޏެވެ.

އެ މިނިސްޓްރީން ބުނިގޮތުގައި، އަލަށް ތައާރަފްކުރި "ބަނޑޭރި ޕޯޓަލް" އާ އެކު ދައުލަތުގެ މާލީ ނިޒާމު އިތުރަށް ހަރުދަނާވެ، ޚިދުމަތް ފޯރުކޮށްދިނުމުގައި ކުރިއަށް ވުރެ ހަލުވި ވާނެ އެވެ. އަދި އެ ޕޯޓަލް މެދުވެރިކޮށް ފިނޭންސް މިނިސްޓްރީއާ އެކު ކުރަމުންދާ މުއާމަލާތްތަކާއި ދައުލަތުގެ މުޅި މާލީ ނިޒާމުގެ ހިންގުން އަވަސްވެ، ހަރުދަނާވެ، ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް މިނިސްޓްރީން ބުނެ އެވެ. އެގޮތުން ކުރިއާ ޚިލާފަށް ބަޖެޓާ ގުޅޭ ގޮތުން ހުށަހެޅޭ ރިކްއެސްޓްތައް ފުރިހަމަ މަޢުލޫމާތާ އެކު ޕޯޓަލް މެދުވެރިކޮށް ލިބުމުން، އެކަމާ މެދު ގޮތް ނިންމުމަށް ފަސޭހަވެ، އަވަސްވާނެ ކަމަށް ވެސް ފިނޭންސް މިނިސްޓްރީން ބުންޏެވެ.

ބަނޑޭރި ޕޯޓަލް ބޭނުންކުރަން ފެށުމާއެކު، މިހާރު ފިނޭންސް މިނިސްޓްރީއާ އެކު ބަދަލުކުރަމުންދާ ލިޔެކިޔުންތައް އިލެކްޓްރޯނިކް ނިޒާމަކަށް ބަދަލުކުރުމުގެ ނަތީޖާއަކީ، ބޭނުންކުރާ ކަރުދާސް އެތައް ގުނައެއް މަދުވުން ކަމަށް ވެސް އެ މިނިސްޓްރީން ފާހަގަކުރެ އެވެ.