07 ޖެނުއަރީ 2018 - 16:59

ކ. ކާށިދޫ ކައުންސިލްގެ ކުރީގެ ރައީސް އީސާ ޚަލީލް، އެ ރަށުގައި ޑިންގީއެއްގައި އަވަހާރަވެފައި އޮއްވާ މިއަދު ފެނިއްޖެ އެވެ.
އޭނާ އަވަހާރަވެފައި އޮއްވާ ފެނުނީ މިއަދު މެންދުރު 2:45 ހާއިރު، ކާށިދޫ ބަނދަރު ސަރަހައްދުން އޮޔާދިޔަ ޑިންގީއެއްގެ ތެރޭގަ އެވެ.
ކާށިދޫ ކައުންސިލްގެ ރައީސް އަލީ ސުލްތާން ވިދާޅުވީ ޚަލީލް 57، ސިއްހީ މަރުކަޒަށް ގެންދިޔައިރު ވެސް އަވަހާރަ ވެފައިވާ ކަމަށެވެ. އަދި ޚަލީލްގެ ހަށިގަނޑުގެ ބޭރުފުށުން އެއްވެސް އަނިޔާއެއް ލިބިފައި ނެތް ކަމަށް ވެސް ސުލްތާން ވިދާޅުވި އެވެ.
"ބަޔަކު މި ރަށަށް ލާފައި ހަލީލް މިދިޔައީ ޑިންގީގައި. [އޭގެ ފަހުން] ބަނދަރާ ދިމާލުން ޑިންގިއެއް އޮޔާދާހެން ހީވާތީ ބަޔަކު މި ބެލީ. އޮށޯވެގެން އޮތް ކަހަލަ ގޮތަކަށް [ޚަލީލް ފެނުނުއިރު] އޮތީ،" ސުލްތާން ވިދާޅުވި އެވެ.
ޚަލީލްގެ ހަށިގަނޑު މިހާރު ވަނީ ކާށިދޫ ސިއްހީ މަރުކަޒަށް ގެންގޮސްފަ އެވެ.