ޓޭންކަރަކާއި ކާގޯ ބޯޓެއް ޖެހި 32 މީހުން ގެއްލިއްޖެ
ޓޭންކަރަކާއި ކާގޯ ބޯޓެއް ޖެހި 32 މީހުން ގެއްލިއްޖެ

ޝެންހާއީ (ޖެނުއަރީ 7) - ޗައިނާގެ އިރުމަތީގެ ކަނޑުގެ ސަރަހައްދުން ކާގޯ ބޯޓަކާއި ތެޔޮ ޓޭންކަރެއް ޖެހި އިއްޔެ ހަވީރު ހިނގި އެކްސިޑެންޓުގައި 32 މީހުން ގެއްލިއްޖެ އެވެ.

ޕެނަމާގައި ރަޖިސްޓްރީކޮށްފައިވާ ސަންޗީ ޓޭންކަރުގައި ހުރީ އީރާނުން ބަރުކޮށްފައިވާ 136،000 ޓަނުގެ ތެލެވެ. އެކްސިޑެންޓް ހިނގުމާ އެކު ޓޭންކަރުގައި ވަނީ އަލިފާން ރޯވެފަ އެވެ.

ޗައިނާގެ ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ ގެއްލިފައި ވަނީ ޓޭންކަރުގެ ފަޅުވެރިން ކަމަށެވެ. އެއީ އީރާނުގެ 30 މީހުންނާއި ބަންގްލަދޭޝްގެ ދެ މީހުންނެވެ. ހޮން ކޮންގައި ރަޖިސްޓްރީ ކޮށްފައިވާ އެފްސީ ކްރިސްޓަލްގައި ހުރީ އެމެރިކާ އިން ޗައިނާގެ ގުއަންގްޑޮން އަށް ގެންދިޔަ 64،000 ޓަނުގެ މުދަލެވެ. ކާގޯ ބޯޓުގައި ތިބީ މުޅިން ވެސް ޗައިނާގެ ފަޅުވެރިންނެވެ. ކާގޯ ބޯޓުގެ 21 ފަޅުވެރިން ވަނީ ސަލާމަތްކޮށްފަ އެވެ.

"ޓޭންކަރުގައި އަލިފާން ރޯވެ ތެޔޮ ލީކުވާން ވަނީ ފަށާފައި،" މިނިސްޓްރީން ބުންޏެވެ.

އެކްސިޑެންޓް ހިނގާފައި ވަނީ ޝަންހާއީގެ އިރުން 160 މޭލު ދުރުންނެވެ. މީހުން ސަލާމަތް ކުރުމަށް ޗައިނާގެ އަށް ބޯޓު ވަނީ ފޮނުވައިފަ އެވެ. ސައުތު ކޮރެއާ އިން ވެސް ވަނީ ކޯސްޓް ގާޑަކާއި ހެލިކޮޕްޓަރެއް ފޮނުވައިފަ އެވެ.