08 ޖެނުއަރީ 2018 - 06:37

މަޝްހޫރު ސޯޝަލް ނެޓްވޯކްތަކުގައި "ޖެރީރިގްއެވްރީތިންގް" އަކީ މަޝްހޫރު ނަމެކެވެ. މިއީ ނަމަކަށް ވުރެ ބޮޑަށް ސްމާޓްފޯނުތައް ރޫޅައި، ރާވައި އަދި މަރާމާތުކުރާނެ ގޮތްފޮތް ކިޔައިދޭ ސޯޝަލް ޗެނަލެކެވެ.
އިންޓަނެޓް ޚަބަރު ސަފުހާތަކުގެ ސަމާލުކަން "ޖެރީރިގްއެވްރީތިންގް" އަށް މިފަހަރު ދީފައި ވަނީ ސްމާޓްފޯނުތަކަށް އެ ޗަނަލުން ޚާއްސަކުރި އިނާމުތަކަކާ ގުޅިގެންނެވެ. އެންމެ ގިނަ ދުވަހު ގެންގުޅޭވޭ ފޯނަކަށް ވަކި އިނާމެކެވެ. ރޫޅައި ރާވަން އެންމެ ފަސޭހަ ފޯނު، ޑިސްޕްލޭ އެންމެ ފަސޭހައިން ތަޅައިގެންދާ ފޯނު އަދި މަރާމާތުކުރަން އެންމެ އުނދަގޫ ފޯނެވެ.
"ޖެރީރިގްއެވްރީތިންގް"އިން ސްމާޓްފޯނުތަކަށް ޚާއްސަކުރި ވަނަތަކުގެ ތެރެއިން، އެންމެ ގިނަ ދުވަހު ގެންގުޅެވޭ ފޯނެއް ކަމަށް ހޮވާފައި ވަނީ ނޮކިޔާ 6 އެވެ. ޑިސްޕްލޭ އެންމެ ފަސޭހައިން ތަޅައިގެންދާ ފޯނަކަށް ހޮވުނީ އެޗްޓީސީ ޔޫ11 އެވެ.
ގޫގުލް ޕިކްސެލް 2 ގައި ސޮފްޓްވެއާ އަދި ހާޑްވެއާ އުނދަގޫތަކެއް ހުރި ކަމަށް އެ ފޯނު ބޭނުންކުރާ މީހުން ބުނި ނަމަވެސް، "ޖެރީރިގްއެވްރީތިންގް" އަށް އެ ފޯނު ވެފައި ވަނީ މަރާމާތުކުރަން އެންމެ ފަސޭހަ ފޯނަށެވެ.
އެޕަލްގެ ތިން ފޯނަކަށް ވެސް ރަނގަޅު ވަނަތަކެއް ލިބުނެވެ. އެއީ އައިފޯން 8، އައިފޯން 8 ޕްލަސް އަދި އައިފޯން 10 އެވެ. މި ތިން ފޯނަށް ވެސް ލިބުނީ މަރާމާތުކުރަން އެންމެ އުނދަގޫ ފޯނަކަށް ދޭން ކަނޑައެޅި އިނާމެވެ. މިއިން ފޯނެއް ހަލާކުވެއްޖެ ނަމަ މަރާމަތުކުރުން އެއްކައިރިކޮށްފައި، ބޭނުންވާ ސާމާނަށް ވެސް ބޮޑު ޚަރަދެއްކުރަން ޖެހެ އެވެ. މަރާމާތުކުރުމަށް އެންމެ ބޮޑު ހޭދައެއްކުރަން ޖެހޭ ފޯނަކަށް އިނާމެއް ކަނޑައެޅި ނަމަ ވެސް އެޕަލް ނޫން ފޯނަކަށް ނުލިބުނީހެވެ.
ސްމާޓްފޯނުތަކުގެ ތެރެއިން، ފާއިތުވި އަހަރު އެންމެ ބޮޑު ކުރިއެރުމެއް ހޯދާފައި ވަނީ "ބްލެކްބެރީ ކީވަން" އެވެ. އެންމެ އުފެއްދުންތެރި ފޯނަކީ "އެޗްޓީސީ ޔޫ އަލްޓްރާ" އެވެ. ދެން އޮތް އިނާމު ލިބުނީ ވަންޕްލަސް އަށެވެ. ވަންޕްލަސް 5ޓީ އަށް ދީފައި ވަނީ ހުރިހާ ގޮތަކުން އެންމެ ކަމުދާ ބަޖެޓް ފޯނަކަށް ދޭ އިނާމެވެ.