07 ޖެނުއަރީ 2018 - 13:33

އާ ސީޒަނަށް ތައްޔާރުވާން ޓީސީ ސްޕޯޓްސް ކްލަބް ހުކުރު ދުވަހު ޕްރެކްޓިސް ފަށާފައިވާއިރު މިދިޔަ ސީޒަނުގައި ކުޅުނު ބިދޭސީ ކުޅުންތެރިންގެ ތެރެއިން މި ފަހަރު ގެންނާނީ މިސްރު ޑިފެންޑަރު އަލާ ނާސިރު އެކަނި ކަމަށް އެ ކްލަބުން ބުނެފި އެވެ.
ޓީސީން ވަނީ ނޭޕާލް ގޯލްކީޕަރު ކިރަން ޝެމްޝޮން އާއި ހަލީލް ޖަމާލް އަދި ސެއިންޓް ވިންސެންޓުގެ ފޯވާޑް ކޮނޭލިއަސް ސްޓެވާޓް ނުގެންނަން ނިންމައިފި އެވެ.
ޓީސީގެ ރައީސް އަހުމަދު އައްބާސް ވިދާޅުވީ އެ ތިން ކުޅުންތެރިންގެ ބަދަލުގައި ބިދޭސީ އެހެން ކުޅުންތެރިން ގެންނާނެ ކަމަށާއި ހަފުތާއެއްގެ ތެރޭ އެކަން ހަމަޖެހޭނެ ކަމަށެވެ. ޓީސީން ދެން ވެސް ގެންނާނީ ބިދޭސީ ގޯލްކީޕަރަކާއި މިޑްފީލްޑަރަކާއި ފޯވާޑެކެވެ.
ޓީސީން ދޫކޮށްލި ތިން ކުޅުންތެރިންގެ ތެރެއިން ކިރަން ވަނީ ޖުމްލަކޮށް ރަނގަޅު ކުޅުމެއް ދައްކައިފަ އެވެ. އަދި ސްޓެވާޓް ވެސް ފެނުނީ ގޯލާ ވަރަށް ރަށްޓެހި ކުޅުންތެރިޔެއްގެ ގޮތުގަ އެވެ. އެކަމަކު ސީޒަނުގެ ފަހުކޮޅު އަނިޔާގެ ސަބަބުން އޭނާ އަށް އެންމެ އެކަށީގެންވާ ކުޅުމެއް ނުދެއްކުނެވެ.
ޓީސީން ވަނީ މިހާތަނަށް ދިވެހި ދެ ކުޅުންތެރިން ގެނެސްފަ އެވެ. އެއީ މިދިޔަ ސީޒަނުގައި އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ށ. މިލަންދޫ އަށް ކުޅުނު ފޯވާޑް އިޝާން އިބްރާހިމް (ސައްޓު) އާއި އއ. މާޅޮހަށް ކުޅުނު އަހުމަދު އާރިފް އެވެ. މީގެ ތެރެއިން ސައްޓު ވަނީ ޓީމާ އެކު ޕްރެކްޓިސް ނުކޮށް ވެސް، އަރައި މުހިއްމު ގޯލްތަކެއް ޖަހައިދީފަ އެވެ. ޓީސީ ދޫކޮށްދިޔައީ މިދިޔަ ސީޒަނުގައި އެ ޓީމުގައި އެންމެ މުހިއްމު ދައުރެއް އަދާކުރި އެއް ކުޅުންތެރިޔާ ނާއިޒް ހަސަން (ދާދު) އެވެ. އޭނާ ދިޔައީ މާޒިޔާ އަށެވެ.
މިދިޔަ އަހަރު ބަންގްލަދޭޝްގައި ބޭއްވި ޝެއިޚް ކަމާލް ގޯލްޑް ކަޕުގެ ޗެމްޕިއަންކަން ހޯދި ޓީސީ ވަނީ ޕްރިމިއާ ލީގުގެ ދެ ވަނަ ހޯދައި އެފްއޭ ކަޕާއި ޕްރެޒިޑެންޓްސް ކަޕުގެ ފައިނަލުގައި ވާދަކޮށްފަ އެވެ.
އާ ސީޒަނަށް އެންމެ ފުރަތަމަ ޕްރެކްޓިސް ފެށި ޓީމަކަށްވި އިރު އާ ސީޒަން އެންމެ އަވަހަށް ފަށާނީ ވެސް އެ ޓީމެވެ. އެގޮތުން އެންމެ ފުރަތަމަ އޮންނާނީ އޭއެފްސީ ކަޕުގެ ޕްރިލިމިނަރީ ބުރުގައި މި މަހު 23 ގައި އަދި 30 ގައި ކުޅޭ މެޗެވެ. އެ ބުރުން ކުރި ލިބިއްޖެ ނަމަ ޕްލޭއޮފުގައި ކުޅެން ޖެހޭނީ ފެބްރުއަރީ 13 އަދި 20 ގަ އެވެ. ޕްލޭއޮފުން ހޮވިއްޖެ ނަމަ ގްރޫޕް ސްޓޭޖުން ފުރުސަތު ލިބޭނެ އެވެ.