ދީޕިކާ އާއި ރަންވީރު ރާއްޖޭގައި އެންގޭޖްވީތަ؟
ދީޕިކާ އާއި ރަންވީރު ރާއްޖޭގައި އެންގޭޖްވީތަ؟

ދީޕިކާ ޕަދުކޯން އާއި ރަންވީރު ސިންގް ރާއްޖޭގައި ހަފުތާއެއްގެ ޗުއްޓީ ހޭދަކުރުމަށްފަހު މިހާރު ވަނީ ފުރައިގެން ގޮސްފަ އެވެ. މި ދަތުރުގައި މި ދެ ތަރިން އެންގޭޖްވާން އުޅޭ ކަމުގެ ޚަބަރުތަކެއް ވެސް އިންޑިޔާގެ ނޫސްތަކުން ފަތުރާފައިވެ އެވެ. ނަމަވެސް ދީޕިކާގެ 32 ވަނަ އުފަން ދުވަސް ކަމަށްވާ ޖެނުއަރީ 5 ވަނަ ދުވަހު މި ދެ އެކްޓަރުން އެންގޭޖްވި ކަމެއް އެނގިފައެއް ނުވެ އެވެ. ދެ އެކްޓަރުން ޗުއްޓީ ނިންމާފައި އެނބުރި އިންޑިޔާއަށް ދިޔަ އިރު ވެސް މި ވާހަކަތަކުގެ ހަގީގަތެއް ހާމައެއް ނުވެ އެވެ.

މި ދެ ތަރިން ޗުއްޓީ ހޭދަކުރާ ގައުމެއް ސިއްރު ކުރުމަށް ދީޕިކާ އާއި ރަންވީރުގެ ޓީމުން މިފަހަރު ކުރި މަސައްކަތް ކޮންމެވެސް ވަރަކަށް ވަނީ ކާމިޔާބު ވެފަ އެވެ. އެކަން ޔަގީންވަނީ މި ދެ ތަރިން ޗުއްޓީ ހޭދަކުރަނީ ސްރީ ލަންކާގައި ކަމަށް ބުނެ އިންޑިއާ ނޫސްތަކުން ޚަބަރު ފަތުރާފައިވާތީ އެވެ.

ނަމަވެސް ދީޕިކާ އާއި ރަންވީރު އައީ ރާއްޖެއަށް ކަމަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ވާހަކަ ދެއްކި މީހަކު ބުނި ކަމަށް އިންޑިއާގެ ނޫސްތަކުން ފަހުން ރިޕޯޓު ކޮށްފައިވެ އެވެ.

ދީޕިކާ އާއި ރަންވީރު ސްރީ ލަންކާގައި އެންގޭޖްވި ކަމުގެ ޚަބަރުތަކެއް ފެތުރުނީ ދާދިފަހުން ކައިވެނިކުރި އިންޑިޔާގެ ކްރިކެޓް ކެޕްޓަން ވިރާޓު ކޯލީ އާއި ފިލްމީ ބަތަލާ އަނުޝްކާ ޝަރުމާ އެމީހުންގެ ކައިވެނީގެ އިންތިޒާމްތައް ހަމަޖެއްސީ ސްރީ ލަންކާގައި ކަމަށް ވާތީ އެރި އޮޅުމަކުން ކަމަށް ބެލެވެ އެވެ.

ދީޕިކާ އާއި ރަންވީރު ރާއްޖެ އައީ ވަކިވަކިންނެވެ. ދީޕިކާ އައީ ވިއެނާ އިންނެވެ. ރަންވީރު އައީ އިންޑިއާ އިންނެވެ. ރަންވީރުއާ، ފިލްމީ ތަރިން ކަމަށްވާ ޓައިގާ ޝްރޮފް އާއި ދިޝާ ޕަޓާނީ އާ ސްރީ ލަންކާ އެއާޕޯޓުން ބައްދަލުވެ އެކުގައި ނަގާފައިވާ ފޮޓޯތަކެއް ވެސް ސޯޝަލް މީޑިއާގައި ދައުރުވި އެވެ. އެހެންވެ އޭރު އިންޑިއާގެ ނޫސްތަކުން ލިޔެފައިވަނީ ޓައިގާ އާއި ރަންވީރު ވެސް ޗުއްޓީ ހޭދަކުރަން ދިޔައީ ސްރީ ލަންކާ އަށް ކަމަށެވެ.

ރަންވީރު އާއި ދީޕިކާ މިފަހަރު ރާއްޖެއަށް ކުރި ދަތުރުގައި ކެނޯ ދުއްވައި ވިންޑްސާފްކޮށް އަދި ސްޕާ އާއި ފިޓްނަސް ސެންޓަރުގައި ވެސް ވަގުތު ހޭދަކުރި ކަމަށް މުމްބައި މިރާގައި ބުނެފައިވެ އެވެ.