ބޭސްފަރުވާއަށް ބޭޭރަށް ފޮނުވުމުގެ މައްސަލަ ކޯޓަށް ބެލޭނެ: އަދީބު
ބޭސްފަރުވާއަށް ބޭޭރަށް ފޮނުވުމުގެ މައްސަލަ ކޯޓަށް ބެލޭނެ: އަދީބު

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ބޭސްފަރުވާ އަށް ރާއްޖެއިން ބޭރަށް ފޮނުވުމުގެ އަމުރަކަށް އެދި ހުށަހެޅި މައްސަލަ ސިވިލް ކޯޓަށް ނުބެލޭނެ ކަމަށް ދައުލަތުން ބުނި ނަމަވެސް، އެ މައްސަަލަ ސިވިލް ކޯޓަށް ބެލޭނެ ކަމަށް އޭނާގެ ފަރާތުން އެ ކޯޓަށް މިއަދު ހުށަހެޅި ޖަވާބުގައި ބުނެފި އެވެ.

ޖަލުގައި ހުކުމް ތަންފީޒު ކުރަމުން ގެންދާ އަދީބު ބޭސްފަރުވާ އަށް ރާއްޖެއިން ބޭރަށް ފޮނުވުމުގެ އަމުރަކަށް އެދި ހުށަހެޅި މައްސަލަ ކޯޓަށް ނުބެލޭނެ ކަމަށް ބުނެ ދައުލަތުން ކުރިން އޮތީ އިޖްރާއީ ނުކުތާއެއް ނަގައިފަ އެވެ. އެ މައްސަލަ ކޯޓަށް ނުބެލޭނެ ކަމަށް ދައުލަތުން ބުނަނީ ބޭސްފަރުވާ އަށް ބޭރަށް ފޮނުވުމާ ގުޅޭގޮތުން ފުރިހަމަ ކުރަންޖެހޭ ދެ އިޖްރާއާތެއް ފުރިހަމަ ނުކުރެވި އޮތުމުންނެވެ.

އެގޮތުން ބޭރަށް ފޮނުވަން ޑޮކްޓަރު ލަފާ ދިނުމުން އެކަން ބެލުމަށްޓަކައި އައިޖީއެމްއެޗްގެ ޚާއްސަ ޑިޕާޓްމެންޓަށް ހުށަހަޅާފައި ނެތުމާއި އެ ޑިޕާޓްމެންޓުގެ ދެ ޑޮކްޓަރަކު އެކަން ދިރާސާކޮށް، ކަރެކްޝަނަލް ސާވިސަސްގެ މެޑިކަލް ބޯޑަށް ހުށަހަޅާފައި ނެތްކަން ދައުލަތުން ވަނީ ފާހަގަކޮށްފަ އެވެ. އަދި ރާއްޖެއިން ބޭރަށް މީހަކު ފޮނުވަން ހުއްދަ ދެވެނީ އެކަމަށް މެޑިކަލް ބޯޑުން ހުއްދަ ދީ، ކޮމިޝަނާ އޮފް ޕްރިޒަންސް އެކަމަށް ރަސްމީކޮށް ހުއްދަ ދިނުމުން ކަމަށް ވާއިރު، އެ އިޖްރާއާތު ފުރިހަމަ ނުކުރެވި އޮތް މައްސަލަ ދައުލަތުން ވަނީ ފާހަގަކޮށްފަ އެވެ.

ދައުލަތުން ނެގި އެ ނުކުތާއާ ގުޅިގެން އަދީބުގެ ފަރާތުން ހުށަހެޅި ޖަވާބުގައި ވަނީ އެ މައްސަލަ ކޯޓަށް ނުބެލޭނެ ކަމަށް ބުނެ ދައުލަތުން ބުނާ ބުނުމަކީ ޒިންމާދާރު ކަން ކުޑަ އަމަލެއް ކަމަށާއި އެ މައްސަލަ ސިވިލް ކޯޓަށް ބެލޭނެ ކަމަށެވެ.

އެ މައްސަލާގައި ފުރިހަމަ ނުކުރެވި ހުރި ކަމަށް ދައުލަތުން ފާހަގަކުރާ އެއްވެސް އިޖްރާއާތަކީ އަދީބު ފުރިހަމަ ކުރަންޖެހޭ އަދި އޭނާ އަށް ފުރިހަމަ ކުރެވޭނެ އިޖްރާއާތެއް ނޫން ކަމަށް ޖަވާބުގައި ވެ އެވެ. އަދި އެއީ އައިޖީއެމްއެޗާއި ކަރެކްޝަނަލް ސާވިސުން ފުރިހަމަ ކުރަންޖެހޭ އިޖްރާއާތުތަކެއް ކަމަށާއި ޑޮކްޓަރުން ދޭ ލިޔުންތައް ވެސް އާއިލާ އާއި ވަކީލުންނަށް ނުލިބޭ ކަމަށް އަދީބުގެ ފަރާތުން ބުންޏެވެ.

"ދައުލަތުން ދައްކާފައިވާ ހުއްޖަތަކީ އަހުމަދު އަދީބު އަބްދުލްޣަފޫރަށް ބާރު ފޯރުވޭނެ ފަދަ ކަމަކަށް ނުވާތީ އެއީ މި މައްސަލަ ސިވިލް ކޯޓުގައި ކުރިއަށް ނުގެންދިއުމަށް އިޖްރާއީ ގޮތުން ކުރެވޭނެ އިއުތިރާޒެއް ނޫން.." އަދީބުގެ ޖަވާބުގައި ވެ އެވެ.

މީގެ އިތުރުން ހުރަސްފުސް ނުހުންނަ ތަނަކަށް އަދީބު ބަދަލުކުރަން ޑޮކްޓަރުން ލަފާ ދީފައިވާއިރު، އެކަން އެގޮތަށް ކުރުމަކީ ކަރެކްޝަނަލް ސާވިސަސްގެ މައްޗަށް ލާޒިމް ކަމެއް ކަމަށް އަދީބުގެ ފަރާތުން ބުންޏެވެ. ފުލުހުންގެ ބެލުމުގެ ދަށުން ދޫނިދޫ ގޮޅީގައި މިހާރު އަދީބު ބަހައްޓާފައި ހުންނައިރު އެއީ ހިރަފުހުން ރައްކާތެރިވެފައިވާ ތަނެއް ކަމަށް ނުބެލެވޭ ކަމަށް ވެސް އެ ޖަވާބުގައި ވެ އެވެ.

އަދީބަށް ފަރުވާ ދިނުމުގައި ކަރެކްޝަންސްގެ ނިޔަތާ މެދު ސުވާލު އުފެދޭ ކަންކަން ހިނގާފައި ހުރި ކަމަށް އެ ޖަވާބުގައި ފާހަގަކޮށްފައިވެ އެވެ. އެގޮތުން އޭނާ އަވަހާރަކޮށްލަން އުޅޭ ކަމުގެ މައުލޫމާތެއް ލިބިފައި ވަނިކޮށް، ޑޮކްޓަރުން މެދުވެރިކޮށް އަދީބަށް ފަރުވާ ދިނުމުގެ ގޮތުން އޭނާގެ ގަޔަށް އިންޖެކްޝަނެއް ޖެހުމަށް ކަރެކްޝަންސް އިން މަސައްކަތް ކުރި ކަމަށާއި އެކަމަކު އޭގެ ސައްހަ މައުލޫމާތު ނުލިބޭތީ އެކަމުގެ ހުއްދަ އާއިލާ އިން ނުދިނީ ކަމަށް ވެސް ޖަވާބުގައި ބުނެފައިވެ އެވެ.

އަދީބުގެ އާއިލާއިން ބުނެފައިވާ ގޮތުގައި އޭނާއަށް ވަނީ ލޮލުގެ ބައްޔެއް ކަމަށްވާ ގްލުކޮމާ ޖެހިފަ އެވެ. އަދި އޭނާގެ އެތެރެހަށީގެ ސިސްޓެއް އުފެދިފައިވާ ކަމަށް ވެސް ޑޮކްޓަރުންނާ ހަވާލާދީ އޭނާގެ އާއިލާއިން ބުނެފައިވެ އެވެ.

ސަރުކާރުން ބުނެފައިވަނީ އަދީބަށް ރާއްޖެއިން ބޭރަށް ދެވޭނީ އޭނާ ދައުލަތަށް ދައްކަންޖެހޭ ފައިސާ ދެއްކުމުންނެވެ.