"ޕަދްމާވަތީ" އާއި "ޕެޑްމޭން" އެއް ދުވަހަކު
"ޕަދްމާވަތީ" އާއި "ޕެޑްމޭން" އެއް ދުވަހަކު

ސަންޖޭ ލީލާ ބާންސާލީ ޑައިރެކްޓްކުރި "ޕަދްމާވަތީ" ރިލީޒްކުރަން ކުރިން ހަމަޖައްސާފައި އޮތީ މިދިޔަ ޑިސެމްބަރު މަހު އެވެ. ނަމަވެސް ސެންސަރު ބޯޑުން ފިލްމު ފާސްކޮށްދިނުން ލަސްކުރުމުގެ ސަބަބުން ފިލްމު ރިލީޒްކުރުން ވަނީ ފަސްކޮށްފަ އެވެ.

ފިލްމަށް ސެންސަރު ބޯޑުން ހުށަހަޅާ ބަދަލުތައް ގެނައުމުން ފިލްމު ފާސްކޮށްދޭން ނިންމާފައިވާ ކަމަށް މިދިޔަ ހަފުތާގައި ސެންސަރު ބޯޑުން ބުނެފައިވެ އެވެ. އެއާ އެކު ފިލްމު ރިލީޒްކުރާނެ ތާރީޚެއްގެ ވާހަކަތައް މީޑިއާތަކުގައި އެކި ގޮތްގޮތަށް ވަނީ ދެކެވެން ފަށައިފަ އެވެ.

ގިނަ ބަޔަކު ބުނަނީ ފިލްމު މި މަހު 25 ގައި ރިލީޒްކުރަން ތައްޔާރުވަމުން އަންނަ ކަމަށެވެ. އެއީ އަކްޝޭ ކުމާރުގެ "ޕެޑްމޭން" ރިލީޒްކުރަން ހަމަޖެހިފައިވާ ދުވަހެވެ. "ޕަދްމާވަތީ" އެ ދުވަހު ރިލީޒްކުރަން އުޅޭ ކަމުގެ ޚަބަރުތައް ފެތުރުުމުން "ޕެޑްމޭން" އުފެއްދި ފަރާތުން ބުނެފައިވަނީ ކޮންމެ ގޮތެއް ވިޔަސް އެ ފިލްމު ރިލީޒްކުރާ ތާރީޚަށް ބަދަލު ނުގެންނާނެ ކަމަށެވެ.

ފިލްމުގެ ޕްރޮޑިއުސަރުން ބުނި ގޮތުގައި "ޕަދްމާވަތީ" ރިލީޒްކުރަނީ "ޕެޑްމޭން" ރިލީޒްކުރާ ދުވަހު ކަމެއް އެއްގޮތަކަށް ވެސް އެނގިފައެއް ނެތެވެ. އަދި މި ދެ ފިލްމު ބޮކްސް އޮފީހުގައި މުޑިއަރާފާނެ ކަމަކަށް އެ މީހުން ހިތަކަށް ވެސް ނާރަ އެވެ.

މިކަމާ ގުޅޭ ގޮތުން އަކްޝޭ ނެރެފައިވާ ބަޔާނެއްގައި ބުނީ މި ދެ ފިލްމު މިފަދަ ކުރިމަތިލުމަކަށް ހިނގައިދާނެ ކަމަށް ވިސްނާފައި ނެތް ކަމަށެވެ. "ޕަދްމާވަތީ" މި މަހު 25 ގައި ރިލީޒްކުރަން އުޅޭ ކަމުގެ ޚަބަރުތަކެއް އޭނާ ވެސް އަޑުއަހާފައިވާ ކަމަށް އަކްޝޭ ބުންޏެވެ.

"އަހަންނަށް އެނގޭ އެއްޗަކީ ކޮންމެ ގޮތެއް ވިޔަސް އަހަރެމެން އިއުލާން ކުރި ތާރީޚުގައި 'ޕެޑްމޭން' ރިލީޒްކުރާނެކަން،" އަކްޝޭ ބުންޏެވެ.

"ޕެޑްމޭން" އަކީ އަކްޝޭގެ އަންހެނުން ޓްވިންކަލް ކަންނާ އާއި ޕްރޭރްނާ އަރޯރާ ގުޅިގެން ޕްރޮޑިއުސްކުރާ ފިލްމެކެވެ. ޕްރޭރްނާ ބުނީ "ޕަދްމާވަތީ" އަކީ ވަރަށް މުހިއްމު ފިލްމެއް ކަމަށާއި ފިލްމު އަވަހަށް ރިލީޒްކުރަން ވެސް ޖެހޭނެ ކަމަށެވެ. އެ ފިލްމު ރިލީޒްކުރާނެ ތާރީޚެއް ކަނޑައަޅާނީ ސަންޖޭ ލީލާ ބާންސާލީގެ ޕްރޮޑަކްޝަން ހައުސް އިންނާއި ފިލްމުގެ އަނެއް ޕްރޮޑިއުސަރު ކަމަށްވާ ވަޔަކޮމް 18 މޯޝަން ޕިކްޗާޒް އިން ކަމަށް ވެސް ޕްރޭރްނާ ބުންޏެވެ.

އެއް ދުވަހެއްގައި ދެ ފިލްމު ރިލީޒްކުރާނަމަ "ޕެޑްމޭން" ރިލީޒްކުރާ ތާރީޚު ފަސްކުރާނެތޯ ނޫސްވެރިއަކު ސުވާލުކުރުމުން ފިލްމުގެ އެއް ޕްރޮޑިއުސަރު ބުނީ އެފަދަ ކަމަކާ މަޝްވަރާ ކުރަމުން ނުދާ ކަމަށެވެ.

ބައެއް ރިޕޯޓްތައް ބުނަނީ "ޕަދްމާވަތީ" ރިލީޒްކުރާނީ ފެބްރުއަރީ 9 ގައި ކަމަށް ލަފާކުރެވޭ ކަމަށެވެ. އެހެން ކަމަށް ވެއްޖެ ނަމަ މި ފިލްމާ ބޮކްސް އޮފީހުގައި ކުރިމަތިލާނީ އަނުޝްކާ ޝަރުމާ ޕްރޮޑިއުސްކޮށް އޭނާ ބަތަލާގެ ރޯލު ކުޅެފައިވާ "ޕަރީ" އާއި ލަވް ރަންޖަންގެ "ސޯނޫ ކޭ ޓީޓޫ ކީ ސްވީޓީ" އާ އެވެ.

"ޕަދްމާވަތީ" ފާސްކޮށްދޭން ސެންސަރު ބޯޑުން ނިންމި ކަމަށް ވިޔަސް ފިލްމުގެ ޕްރޮޑިސަރުން އަދި ފިލްމު ރިލީޒްކުރާނެ ތާރީޚަކާ ބެހޭ ގޮތުން އެއްވެސް އެއްޗެއް ނުބުނެ އެވެ.

ފިލްމާ ދެކޮޅު ހެދި ފަރާތްތަކުން ބުނެފައިވަނީ ޖެނުއަރީ ފަހުކޮޅުން ފެށިގެން އަނެއްކާވެސް މުމްބައި އާއި ބޮޑެތި ޝަހަރުތަކުގައި ވަރުގަދަ ހަޅުތާލުތަކެއް ފަށާނެ ކަމަށެވެ. އަދި ފިލްމު އަޅުވާ ސިނަމާތަކަށް ގެއްލުން ދޭނެކަމުގެ އިންޒާރުތައް ވެސް އެމީހުން ދަނީ ދެމުންނެވެ.