ގާޒީ ނިހާނާ މެދު ގޮތެއް ނިންމާނީ އިސްތިއުނާފް މަރުހަލާ އަށް ފަހު: ޖޭއެސްސީ
ގާޒީ ނިހާނާ މެދު ގޮތެއް ނިންމާނީ އިސްތިއުނާފް މަރުހަލާ އަށް ފަހު: ޖޭއެސްސީ

ރައީސް އަބްދުﷲ ޔާމީން ހައްޔަރުކުރަން ސައްހަ ނޫން އަމުރެއް ހެދި މައްސަލާގައި 17 އަހަރުގެ ޖަލު ހުކުމެއް އައިސްފައިވާ އދ. މާމިގިލީ ކޯޓުގެ އިސް މެޖިސްޓްރޭޓް އަހުމަދު ނިހާނާ މެދު ގޮތެއް ނިންމާނީ އިސްތިއުނާފްގެ މަރުހަލާ އަށް ފަހު ކަމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބުނެފި އެވެ.

މިދިޔަ ފެބްރުއަރީ 6 ވަނަ ދުވަހުގެ ރޭ މެންދަމު މާމިގިލީ ކޯޓު ހުޅުވައި، ސައްހަ ނޫން އަމުރެއް ހެދި މައްސަލާގައި ނިހާން 17 އަހަރަށް ޖަލަށް ލާން މިދިޔަ މަހު ކްރިމިނަލް ކޯޓުން ކުރި ހުކުމް އިސްތިއުނާފް ކުރަން ނިހާން ފަރާތުން ވަނީ ހުށަހަޅައިފަ އެވެ.

ޖޭއެސްސީގެ މީޑިއާ އޮފިޝަލް ވިދާޅުވީ ނިހާންގެ އެ ހުކުމް އިސްތިއުނާފް ކުރަން އޭނާ ނިންމާފައިވާތީ އޭނާއާ މެދު ކޮމިޝަނުން ގޮތެއް ނިންމާނީ އިސްތިއުނާފް މަރުހަލާ ނިމުމުން ކަމަށެވެ.

"އިސްތިއުނާފް މަރުހަލާގައި ހުކުމް ރިވާސް ވެސް ވެދާނެ ނޫންތޯ، އެހެންވެ އިސްތިއުނާފް ކުރާނެ ކަމަށް ވިދާޅުވެފައި އޮތީމަ އަދި ކޮމިޝަނުން ގޮތެއް ނުނިންމަނީ،" އޮފިޝަލް ވިދާޅުވި އެވެ.

ގާނޫނު އަސާސީ ބުނާ ގޮތުން ފަނޑިޔާރުކަމުން މީހަކު ވަކިކުރެވޭނީ އެ މީހަކު ވަކި ކުރަން ޖޭއެސްސީން ނިންމުމުން އެކަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި، މަޖިލީހުގެ ތިން ބައި ކުޅަ ދެ ބައިގެ މެމްބަރުންގެ އަޣުލަބިއްޔަތުން ފާސްކުރުމުންނެވެ.

މުއްދަތެއް ނެތް ގޮތަށް ފަނޑިޔާރުކަމުން ސަސްޕެންްޑްކޮށްފައިވާ ނިހާންގެ މައްޗަށް އެ މައްސަލާގައި އިތުރު ތިން ދައުވާއެއް ވެސް ދައުލަތުން ކުރެއެވެ. އެކަމަކު އެ މައްސަލަތަކުގެ ހުކުމެއް އަދި ނީއްވަ އެވެ،

އެ މައްސަލާގައި ނިހާންގެ އިތުރުން ކުރީގެ ޕްރޮޮސެކިއުޓާ ޖެނެރަލް މުހުތާޒް މުހުސިންގެ މައްޗަށް ވެސް 17 އަހަރުގެ ޖަލު ހުކުމެއް ވަނީ އިއްވައިފަ އެވެ.