އެއް ޕޮއިންޓުގެ ލީޑަކާ ނަޕޯލީ ފިނި މޫސުމުގެ ޗުއްޓީއަށް
އެއް ޕޮއިންޓުގެ ލީޑަކާ ނަޕޯލީ ފިނި މޫސުމުގެ ޗުއްޓީއަށް

ނޭޕްލްސް (ޖެނުއަރީ 7) – ހެލަސް ވެރޯނާ އަތުން 2-0 އިން މޮޅުވެ ނަޕޯލީން ތާވަލުގެ އެއް ވަނައިގައި އެއް ޕޮއިންޓުގެ ލީޑަކާ ފިނި މޫސޫމުގެ ޗުއްޓީއާ ކުރިމަތިލައިފި އެވެ.

ފިނި މޫސުމަށް ދެ ހަފުތާ އަށް އިޓާލިއަން ލީގު މެދުކަނޑާލިއިރު އެ ޓީމު ކުރީގައި އޮތީ 51 ޕޮއިންޓާ އެކު އެވެ. ރޭ ކަލިއާރީ އަތުން 1-0 އިން މޮޅުވި ޔުވެންޓަސް ދެ ވަނައިގައި އޮތީ 50 ޕޮއިންޓާ އެކު އެވެ. ތިން ވަނައިގައި އޮތީ 42 ޕޮއިންޓާ އެކު އިންޓަ އެވެ.

އަމިއްލަ ދަނޑުގައި ނަޕޯލީ ކުޅުނު މެޗުގައި އެ ޓީމަށް ކުރި ހޯދައިދިނީ 65 ވަނަ މިނެޓުގައި ހަލިދޫ ކޫލިބަލީ އެވެ. ދެ ވަނަ ލަނޑު 78 ވަނަ މިނެޓުގައި ޖެހީ ހޯސޭ ކަލެޔޮން އެވެ.

ކަލިއާރީ އަތުން ރަށުން ބޭރުގައި ޔުވެންޓަސް މޮޅުވި މެޗުގައި އެ ޓީމުގެ ހަމައެކަނި ގޯލް ޖެހީ 74 ވަނަ މިނެޓުގައި ފެޑެރިކޯ ބާނެޑެސްކީ އެވެ. އޭނާ އަކީ މި ސީޒަނުގައި ފިއޮރެންޓީނާ އިން ޔުވެންޓަސްއާ ގުޅުނު ކުޅުންތެރިޔެކެވެ.

ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު ލާޒިއޯ ވަނީ ސްޕަލް އަތުން 5-2 އިން މޮޅުވެ 40 ޕޮއިންޓާ އެކު ހަތަރު ވަނަ އަށް އަރައިފަ އެވެ. ކުރިން އެ މަގާމުގައި އޮތް ރޯމާ މިހާރު އޮތީ 39 ޕޮއިންޓާ އެކު ފަސް ވަނައިގަ އެވެ. އެ ޓީމު ވަނީ ރޭ އެޓަލާންޓާ އަތުން 2-1 އިން ބަލިވެފަ އެވެ.