ޓައިގާ ޒިންދާ ހޭ: ޔާޝް ރާޖްގެ އެންމެ ކާމިޔާބު ފިލްމު
ޓައިގާ ޒިންދާ ހޭ: ޔާޝް ރާޖްގެ އެންމެ ކާމިޔާބު ފިލްމު

ރިލީޒްކުރިތާ އެންމެ 16 ދުވަހުގެ ތެރޭގައި "ޓައިގާ ޒިންދާ ހޭ" 300 ކްރޯޑު ރުޕީސް ހޯދައިގެން، އެ ފިލްމު ޕްރޮޑިއުސްކުރި ޔާޝް ރާޖް ފިލްމްސް އިން މިހާތަނަށް އުފެއްދި އެންމެ ކާމިޔާބު ފިލްމުގެ ރެކޯޑް މުގުރާލައިފި އެވެ. މި ލިސްޓުގެ ދެ ވަނައިގައި އޮތީ ސަލްމާންގެ "ސުލްތާން" އެވެ. މި ދެ ފިލްމުގެ ވެސް ޑައިރެކްޓަކީ އަލީ އައްބާސް ޒަފަރް އެވެ. ތިން ވަނައިގައި އޮތީ އާމިރު ޚާން ބަތަލުގެ ބައި ކުޅެފައިވާ "ދޫމް 3" އެވެ.

ޓްރޭޑް އެނަލިސްޓް ތަރަން އާދާޝް ކުރި ޓުވީޓެއްގައި ބުނެފައިވާ ގޮތުގައި ޔާޝްރާޖް ފިލްމްގެ އެންމެ ކާމިޔާބު ފަސް ފިލްމުގެ ތެރެެއިން ތިން ފިލްމަކީ ސަލްމާންގެ ފިލްމުތަކެވެ. އެއީ މި ލިސްޓުގެ ހަތަރު ވަނަ "އޭކް ތާ ޓައިގާ" އަށް ލިބިފައި ވާތީ އެވެ. އެ ފިލްމުގައި ވެސް ސަލްމާނާއެކު ހަރަކާތްތެރިވެފައިވަނީ ކެޓުރީނާ ކައިފް އެވެ. ފަސް ވަނައިގައި މިހާރު އޮތީ ޝާހްރުކް ޚާން ބަތަލުގެ ބައި ކުޅެފައިވާ "ޖަބް ތަކް ހެ ޖާން" ކަމަށް ތަރަންގެ ޓުވީޓްގައި ބުނެފައިވެ އެވެ.

ތަރަންގެ އެހެން ޓުވީޓެއްގައި، މިހާތަނަށް 300 ކްރޯޑު ކްލަބަށް ވަދެފައިވާ މަދު ފިލްމުތަކުގެ ނަންތައް ފާހަގަކޮށްފައި ވެ އެވެ. އެ ފިލްމުތަކުގެ ތެރޭގައި ހިމެނެނީ 2014 ގައި ނުކުތް އާމިރު ޚާންގެ "ޕީކޭ" އާއި 2015 ގައި ނުކުތް ސަލްމާންގެ "ބަޖްރަންގީ ބައިޖާން"، 2016 ގައި ނުކުތް އާމިރުގެ "ދަންގަލް" އަދި 2017 ނިމެނިކޮށް ރިލީޒްކުރި ސަލްމާންގެ "ޓައިގާ ޒިންދާ ހޭ" އެވެ. އޭނާ ލިޔެފައިވާ ގޮތުގައި "ބަހޫބަލީ 2" އަކީ ވެސް 300 ކްރޯޑު ހޯދާފައިވާ ފިލްމެކެވެ. ނަމަވެސް އެއީ އަސްލު ހިންދީ ބަހުން އުފައްދާފައިވާ ފިލްމަކަށް ނުވާތީ މި ލިސްޓުގައި އެ ފިލްމެއް ނުހިމެނޭނެ އެވެ. ފިލްމު އިންޑަސްޓްރީގެ ރެކޯޑްތައް ދައްކާ ގޮތުން މިހާތަނަށް 500 ކްރޯޑު ހޯދައިގެން 500 ކްރޯޑު ކްލަބް އުފައްދައި އެ ކްލަބަށް ހަމައެކަނި ވަދެވިފައިވަނީ "ބަހޫބަލީ 2" އަށެވެ. "ޓައިގާ ޒިންދާ ހޭ" އަށް ވެސް މި ރެކޯޑާ ހަމައަށް ނުދެވޭނެކަމަށް ޓްރޭޑް އެނަލިސްޓުން ވަނީ ލަފާކޮށްފަ އެވެ.

"ޓައިގާ ޒިންދާ ހޭ"ގައި ސަލްމާން ސިއްރު އޭޖެންޓް އަވިނާޝް ސިންގް ރާތޯރުގެ ގޮތުގައި އެނބުރި އާދެ އެވެ. ފިލްމުގައި އޭނާ އުޅެނީ އަންހެނުން ޒޯޔާ (ކެޓުރީނާ ކައިފް) އާއި ފިރިހެން ދަރިފުޅާއެކު އޮސްޓްރިއާގައި ވަރަށް އަމާން ދިރިއުޅުމެކެވެ. ހަރުކަށި ޖަމާއަތެއްގެ ބަޔަކު އަތުލައިގަންނަ އިންޑިއާ ނަރުހުންތަކެއް ސަލާމަތްކުރުމުގެ މަސައްކަތް ކުއްލިއަކަށް އޭނާއާ ހަވާލުވެ އެވެ. މިއީ އައިއެސް ޖަމާއަތުން ހަގީގަތުގައި ވެސް އަތުލައިގަނެގެން ގެންގުޅުނު އިންޑިއާގެ ނަރުހުންތަކެއްގެ ހަގީގީ ހާދިސާއަކަށް ކުޅެފައިވާ ފިލްމެކެވެ.

ފިލްމު ގިނަ ބަޔަކަށް އެހާ ކަމުގޮސްފައިވަނީ އެކްޝަން މަންޒަރުތަކުގެ ފުރިހަމަކަމާއި ބެކްގްރައުންޑް ސްކޯ ވެސް މޮޅުކަމުންނެވެ. އަދި ފިލްމުގެ މަންޒަރުތައް ނަގާފައިހުރިލެއް ފުރިހަމަކަމުން ބަލާލަން ވަރަށް ހިތްގައިމު ފިލްމަކަށް ވީމަ އެވެ.

އިންޑިއާ ނޫން އެހެން ގައުމުތަކުން ވެސް މި ފިލްމަށް މިހާރު 100 ކްރޯޑަށް ވުރެ ގިނައިން ލިބިފައިވެ އެވެ.