07 ޖެނުއަރީ 2018 - 09:47

މެންޗެސްޓާ (ޖެނުއަރީ 7) – ބާންލީ އަތުން 4-1 އިން މޮޅުވެ އިނގިރޭސި އެފްއޭ ކަޕުގެ ހަތަރު ވަނަ ބުރުން މެންޗެސްޓާ ސިޓީ ޖާގަ ހޯދިއިރު ނޯވިޗް ސިޓީ އާއި ޗެލްސީ 0-0 އިން އެއްވަރުވެ ރީޕްލޭ މެޗެއް ކުޅެން ޖެހިއްޖެ އެވެ.
ސިޓީގެ ދަނޑުގައި ކުޅުނު މެޗުގައި ލީޑު ނެގީ ބާންލީންނެވެ. އެ ޓީމަށް 25 ވަނަ މިނެޓުގައި ގޯލް ޖަހައިދިނީ އޭޝްލީ ބާންސް އެވެ. ސިޓީ އަށް އެއްވަރުކޮށްދިނީ ވެސް އަދި ލީޑު ނަގައިދިނީ ވެސް ސާޖިއޯ އަގުއޭރޯ އެވެ. އޭނާ ގޯލް ޖެހީ 56 ވަނަ މިނެޓާއި 58 ވަނަ މިނެޓުގަ އެވެ. އެ ޓީމުގެ ތިން ވަނަ ގޯލް 71 ވަނަ މިނެޓުގައި ލެރޯއީ ސާނޭ ޖެހިއިރު ފަހު ލަނޑު 82 ވަނަ މިނެޓުގައި ޖެހީ ބެނާޑޯ ސިލްވާ އެވެ.
ނޯވިޗުގެ ދަނޑުގައި އެ ޓީމާއި ޗެލްސީ ކުޅުނު މެޗު 0-0 އިން އެއްވަރުވިއިރު ރީޕްލޭ މެޗު އޮންނާނީ މި މަހުގެ ތާރީހެއްގަ އެވެ.
ރޭގެ މެޗުގައި އަގުއޭރޯ މޮޅު ކުޅުމެއް ދެއްކިއިރު ރިޕޯޓްތައް ބުނާ ގޮތުގައި ބޮޑެތި މެޗުތަކުން ފުރުސަތު ނުލިބޭތީ އޭނާ ކުރިން ހުރީ ހިތްހަމަނުޖެހިފަ އެވެ. މެޗަށް ފަހު ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނީ އޭނާގެ ޓީމުގައި އަގުއޭރޯ ހުރުމަކީ ލިބޭ ޝަރަފެއް ކަމަށެވެ.
"އޭނާ އަކީ އަބަދުވެސް ކުޅެން ބޭނުންވާ ވިސްނުމުގެ ކުޅުންތެރިޔެއް. އެހެންވީމާ އަހަންނަށް ގަބޫލުކުރެވޭ އޭނާ ނުކުޅޭތީ ބައެއް ފަހަރު ދެރަވާކަން. އެކަމަކު އަހަރެން ބޭނުންވަނީ އޭނާ އުފާވެފައި ހުންނަން،" ގާޑިއޯލާ ބުންޏެވެ.
ސިޓީގެ ބްރެޒިލް ފޯވާޑް ގެބްރިއަލް ޖީސަސް އަނިޔާގެ ސަބަބުން ދެ މަހެއްހާ ދުވަހަށް ކުޅުމާ ދުރަށް ދާން ޖެހިފައިވާތީ ކުރިއަށް އޮތްތަނުގައި އަގުއޭރޯގެ ޑިމާންޑް ވަރަށް ބޮޑުވާނެ އެވެ.