06 ޖެނުއަރީ 2018 - 23:37

މިދިއަ ބުދަދުވަހު މާލޭގައި އަންހެން ކުއްޖަކު ރޭޕްކޮށްލިކަމުގެ ތުހުމަތުގައި 34 އަހަރުގެ ފިރިހެނަކު ގދ. ތިނަދޫން ފުލުހުން މިރޭ ހައްޔަރުކޮށްފި އެވެ.
މިދިއަ ހަފުތާގައި މާލޭގެ އާޓް ސްޓޫޑިއޯއެއްގައި 19 އަހަރުގެ އަންހެން ކުއްޖާ ރޭޕްކޮށްލި ކަމަށް ވަނީ އޭނާގެ އާޓް ޕްރޮޖެކްޓަކަށް އެހީތެރިވާން އެތަނަށް ގެންގޮސްފައި ކަމަށް، އަޑު ފެތުރިފައިވެ އެވެ. އެކަމަކު ފުލުހުން އެ މައްސަލައިގެ ތަފްސީލެއް އަދި ހާމައެއް ނުކުރެ އެވެ.
ކޯޓު އަމުރެއްގެ ދަށުން ފިރިހެންމީހާ ހައްޔަރުކުރީ ގދ. ތިނަދޫންނެވެ. އޭނާ ހައްޔަރުކޮށްގެން ގެންދާ ފުލުހުންގެ ވޭނުގެ ފޮޓޯއެއް ވެސް ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ.
ބައެއް މީޑިއާތަކުގައި އަންހެން ކުއްޖާއާ ހަވާލާދީ ލިއެފައިވާ ގޮތުގައި ރޭޕްކުރުމަށް ފަހު އެކަން ސިއްރުކުރަން އޭނާއަށް ފައިސާ ވެސް ހުށަހެޅި އެވެ. އެކަމަކު އޭނާ ވަނީ އެކަން ގަބޫލުނުކޮށް ކަމާ ބެހޭ ފަރާތްތަކަށް މައްސަލަ ހުށަހަޅާފައިވާ ކަމަށް ބައެއް މީޑިއާތަކުން ބުނެ އެވެ.
ތުހުމަތުކުރެވޭ ފިރިހެންމީހާ ވެސް ބައެއް މީޑިއާތަކާ ވާހަކަ ދެއްކި އެވެ. އޭނާ ބުނި ގޮތުގައި އަންހެން ކުއްޖާ އުޅުނީ އޭނާ އަތުން ފައިސާ ހޯދާށެވެ. އެކަމަކު ފައިސާ ނުދިނުމުން އަގުވައްޓާލަން މަސައްކަތް ކުރަނީ ކަމަށް، ފިރިހެންމީހާ ތުހުމަތުކުރެ އެވެ.
ރޭޕްގެ މި މައްސަލައިގެ ހަބަރު އާންމުންގެ ތެރެއަށް ފެތުރުނީ ފިރިހެންމީހާ އަކީ ރައްޔިތުންގެ މަޖިލިހުގެ މެމްބަރެއްގެ ތިމާގެ މީހެއް ކަމަށް ބުނެ އެވެ. އަދި އެއްވެސް މީހަކަށް އޭނާ ހައްޔަރުނުކުރެވޭނެ ކަމަށް ބުނި ކަމަށް، އަންހެން ކުއްޖާ ބައެއް މީޑިއާތަކަށް މައުލޫމާތު ދީފައިވެ އެވެ.
މީޑިއާގައި އެ ވާހަކަތައް އާންމުކުރުމާ އެކު ޕީޕީއެމްގެ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރުގެ އަހުމަދު ނިހާން ކުރެއްވި ޓްވީޓެއްގައި ގޮވާލެއްވީ އެ އަމަލް ހިންގީ ކޮންމެ މީހެއް ނަމަވެސް އެމީހަކު ވަގުތުން ހައްޔަރުކޮށް ހަރުކަށި އަދަބު ދިނުމަށެވެ.