ފަސް ކޫރުން
ފަސް ކޫރުން

ބުދަ ދުވަހާ ގުޅޭ

އެ ދުވަހު އަހަރެންނަށް ވަރަށް އުނދަގޫވިއެވެ. ހިތްދަތިވިއެވެ. ކައިވެނިކުރަން އަހަރެން ކުރިޔަށް އެޅި ފިޔަވަޅުގެ ބަދަލުގައި ފަހަތަށް ދެ ފިޔަވަޅުއަޅަން ޖެހުނީއެވެ. އަޔާޒު ލެއްވި ހިތި ރަހަ އަހަރެންގެ އަރުތެރެއިން ފިލައިގެން ނުގޮސް އުޅެނިކޮށް އަނެއްކާ ވެސް ހިތިބޭސް ބޯން ޖެހުނީއެވެ. އޮފީހުގައި ކިތަންމެ ހިތްވަރުކުރި ނަމަވެސް، ސަމީރާ ކުރިމަތީގައި އަހަރެން ރުއީއެވެ.

"އަޅެ ކީއްވެގެންތަ އަހަންނަށް އަބަދު މިހެން ވަނީ؟" އަހަރެން ރޮމުން ބުނީމެވެ. "ފުނިފުންޏަށް އެންމެންނަށް ލޯބި ލިބޭއިރު އެންމެ ފުކެއް ނުލިބިގެން މަ މި އުޅެނީ. އޭނަ އެހެން މީހެއް ދެކެ ލޯބިވަންޏާ ދެން އޭނަޔާ އިނީމަ ނިމުނީނު. ކޮންހާ ދޮގުތަކެއް ހަދާކަށް؟"

"ދެން ހުއްޓާލާ!" ސަމީރާ ހިތްވަރުދިނެވެ. "ތި އަޑެއް ނީވޭނެ އޭނަޔަކަށް. އިވުނަސް އެ ކަހަލަ މީހެއްގެ ހިތަކަށް އަސަރެއް ވެސް ނުކުރާނެ. އަހަންނަކަށް ނުފެނޭ މި ރޭ އެ ގެއަށް ދާކަށް. ކީއްކުރަން؟"

"ދާނަން!" އަހަރެންގެ ނިންމުން ބަދަލެއް ނުވިއެވެ. "އަހަންނަކަށް ނޭނގެ އޭނަ ފެނުނީމަ މަށަށް ބުނެވޭނީ ކީކޭކަމެއް. ކުރެވޭނީ ކީއްކަމެއް. އެކަމަކު އަހަންނަށް ފެނުނުކަން އަންގާލަން ބޭނުން."

ރޭގަނޑު ލީނާ ގުޅިއެވެ. އެ ގޭގައި ހަމްޒާ އިންކަމަށް ޚަބަރު ދިނެވެ. އަހަރެންގެ ފައި ތުރުތުރުއަޅަން ފެށިއެވެ. ހަނދާނަށް އަންނަން ފެށީ ހަމްޒާ ދައްކައިފައިވާ ވާހަކަތަކެވެ. އަހަރެން ދެކެ ހަމްޒާ ކިހާ ލޯބިވާކަމެވެ. ކިހާ ދެކޭހިތްވާ ކަމާއި ކިހާ ހަނދާންވާ ކަމެވެ. އަހަންނާ ދުރުގައި ހުންނަން ހަމްޒާއަށް ކިހާ އުނދަގޫވާ ކަމާއި، އަހަރެން ނުލިބިއްޖެ ނަމަ ދިރިހުންނަން ހަމްޒާއަށް ކިހާ އުނދަގޫވާނެ ކަމެވެ. ހިތަށްއަރައެވެ. ލޯބިނުވިޔަސް ދޮގުނަހަދާ ނަމައެވެ. ދުށް ހުވަފެންތައް ބިލާހަކަށް ނުހެދި ނަމައެވެ. ފޮނިކަން ހިތަށް ލިބުނު ލަފުޒުތައް ޒަހަރަށް ބަދަލުވުމުން ހިތަށް ވަރަށް ތަދުވެއެވެ. ކޮންމެ ވިންދަކާ އެކުގައި ތަދުގެ އަސަރު ބޮޑުވެއެވެ. ލޯބީގެ އުފާވެރި ހަނދާންތައް ލޭގެ އެންމެ ހިމަ ނާރާ ހަމައަށް ވަނީ ފެތުރި އެތުރިފައެވެ. އެހެން އަންހެނެއްގެ އުނގުގައި ހަމްޒާ ބޯއަޅައިގެން އޮތްތަން ބެލުމަކީ ކުރާހިތުން އަހަރެން ކުރާނެ ކަމެއް ނޫނެވެ. މަޖުބޫރުވުމުން ކުރަން ޖެހުނު ކަމެކެވެ.

އަހަރެން ވަރަށް ހިތްވަރުކޮށްފައި ޓެކްސީއެއްގައި އެ ގެއަށް ދިޔައީމެވެ. އޭރު ވެސް ހިތަށްއެރިއެވެ. ކުރެވެން މި އުޅެނީ ކީއްހެއްޔެވެ؟ ހަމްޒާޔާ ހަތަރުކަޅި ހަމަކޮށްފައި ދެން ކުރާނީ ކީއްހެއްޔެވެ؟ ބުނާނީ ކީކޭ ހެއްޔެވެ؟ ވިސްނައިވިސްނައި ވެސް އަހަރެންނަކަށް އެކައްޗެއް ވެސް ނުވިސްނުނެވެ. އެހެން އިންދައި އެ ގޭ ކުރިމައްޗަށް ޓެކްސީ މަޑުކުރިއެވެ. ލީނާ ހުރީ ދޮރުމައްޗަށް ނުކުމެއެވެ. ކާރުން ފޭބިތަނާ ފުރަތަމަ ވެސް އަހަރެންގެ ލޮލުގައި އަޅައިގަތީ ހަމްޒާގެ ސައިކަލެވެ. އިތުރަށް ބޭނުންވަނީ ކޮން ހެއްކެއް ހެއްޔެވެ؟ ސައިކަލަށް ބަލަހައްޓައިގެން އަހަންނަށް ހުރެވުނީއެވެ. ޓެކްސީ ބަރުގޮނު އަޅައިލިއެވެ. އަހަރެން ދަތުރުގެ އުޖޫރަ ދިނީމެވެ. ފެންކަޅިވުމުން އިސްޖަހައިލީމެވެ. ވަންނަންވީކަމެއް، ދާންވީކަމެއް ނުވަތަ މަގުމަތީގައި ހުންނަންވީކަމެއް ނޭނގުނެވެ.

"ކޮންމެހެން ނުޖެހެއެއްނު އެތެރެއަށް ވަންނާކަށް،" ލީނާ ބުންޏެވެ. "މިހާރު ޔަގީން ވެއްޖެއެއްނު!"

ލޮލުން ކަރުނަ ފުހެލައިފައި ގެއަށް ވަނީމެވެ. އަހަރެންގެ ފަހަތުން ލީނާ ވެސް ވަނެވެ. ލޮލުގެ އިޝާރާތުން ލީނާ ދައްކައިލީ ގުރޭޝާގެ ކޮޓަރިއެވެ. ދޮރުމަތީގައި ހަމްޒާގެ ފައިވާން ހުއްޓެވެ. އަހަރެން ސޯފާގައި އިށީނދެލީމެވެ. ޓީވީ ބަލަން އިރުކޮޅަކު އަހަރުމެން ތިބީމެވެ. ލީނާ އިނީ އަހަރެންގެ އިޝާރާތަކަށް ބަލަބަލައެވެ. އަހަރެން ފުން ނޭވައެއް ލައިފައި ބޯޖަހައިލީމެވެ. އަހަރެންގެ އަތުގައި ހިފައިގެން ލީނާ ގޮސް ގުރޭޝާގެ ކޮޓަރީގެ ދޮރުގައި ޓަކިޖަހައިލިއެވެ.

"ގުރޭ ވަދެވޭ ވަދެވޭ!" ލީނާ ބުންޏެވެ.

ލީނާ ދޮރު ހުޅުވައިލިއެވެ. ގުރޭޝާ އިނީ އެނދުގައި އިށީނދެލައިގެންނެވެ. ހަމްޒާ އޮތީ އެނދުގައި އޮށޯވެލައިގެންނެވެ. ހަމްޒާ އޮށޯވެގެން އޮތް ގޮތުން، ދޮރުން ވަންނަ މީހާ ހަމްޒާއަށް ފެންނާނީ ތަންކޮޅެއް އެތެރެއަށް ވަނީމައެވެ.

"އޮފީސްކުއްޖަކާ އެއްކޮށް މި ވަނީ އިނގޭ،" ލީނާ އެތެރެއަށް ވަންނަމުން ބުންޏެވެ. "އެއްކަލަ ފޮތް ބަލާ!"

ލީނާ ވަދެގެން ގޮސް އަލަމާރި ހުޅުވައިލިއެވެ. އަހަރެން މަޑުމަޑުން އެތެރެއަށް ވަދެގެން ގޮސް ހަމްޒާގެ ކުރިމައްޗަށް ހުއްޓުނީމެވެ. އަހަރެން ފެނުމުން ހަމްޒާއަށް ސިހުމެއް ލިބުނެވެ. އެހެންނަމަވެސް އޭނަ ވަރަށް ކުޅަދާނައެވެ. ހިރިވެސް ނުލައި އޮތީއެވެ. ފާޑެއްގެ ހިންޏެއް އައިސްފައެވެ. އަހަންނަށް އޭރު ވަމުންދިޔައީ ބުނަން ނޭނގޭ ކަހަލަ ގޮތްތަކެކެވެ. ހިނދުކޮޅަކަށް ދެ ފައި ގަނޑުވި ކަހަލައެވެ. އަހަރެން ދަންނަކަމަކަށް ހަމްޒާ ނުހެދިއެވެ. ގުރޭޝާއަށް ޝައްކުވާނޭ ފަދަ އެއްވެސް ކަމެއް ހަމްޒާ ނުކުރެއެވެ. އެއްޗެއް ބުނާނެ ހިތްވަރެއް އަހަންނަކަށް ނުލިބުނެވެ. ބުނާނެ އެއްޗެއް ވެސް ނޭނގުނީއެވެ. ފޮތް ހިފައިގެން ލީނާ ނުކުންނަން ފެށުމުން ލީނާގެ ފަހަތުން އަހަރެން ވެސް ނުކުތީމެވެ.

"ލަދުގެ ކަންފުޅެއް ވެސް ހުރި މީހެއް ނަމަ ކެރުނީސްތަ އެ ފާޑަށް ހިނިއައިސްފަ އޮންނަން؟" ލީނާ ރުޅިއައިސްފައި ބުންޏެވެ. "މޫނުމަތީގަ އެތިފަހަރެއް ޖެހި ނަމަ."

"ލީންއަށް އެނގޭނެ އަހަންނަކަށް ނުކެރޭނެކަން ޖަހާކަށް،" ނުރޯން ހިތްވަރުކުރަމުން އަހަރެން ބުނީމެވެ. "ބޭރު ގެއެއްގަ ކޮންމެހެން ކީއްކުރަން ޑުރާމާއެއް ކުޅެންވީ؟ ދަނީ ދެން."

ޓެކްސީއަކަށް ގުޅައިދޭން ލީނާ އުޅުނެވެ. އެކަމަކު އަހަރެން ބޭނުންވީ ހިނގައިފައި ގެއަށް ދާށެވެ. ގެއަށް ވަންއިރު ވެސް އަހަރެންގެ ލޮލުން ކަރުނަ ނުހިކެއެވެ. ހިތްހަމަޖެހޭ ވަރަށް އަހަރެންނަށް ރޮއިގަނެވުނީ، ކޮޓަރިއަށް ވަދެފައި މޫނުމަތީގައި ބާލީސްއަޅައި ބާރުކޮށްލުމަށް ފަހުގައެވެ. ބާލީހުގެ ތެރެއަށް އަހަރެންގެ އަޑާއި ކަރުނަ އޮބިގެން ދިޔައީއެވެ. އަހާނެ އެކަކު ވެސް ނެތެވެ. ހަމްޒާގެ ހުރި ގޮތެއް ނެތް ކަމަކީ، އެ ހުރިހައި ކަމަކަށް ފަހު ވެސް އެ ރޭ އަހަންނާ ބައްދަލުކުރަން އައި ކަމެވެ. ރޮއެރޮއެ އަހަރެންގެ ލޯ ހުރީ ރަތްވެފައެވެ. ހަމްޒާއަކަށް އެ ކަން ފާހަގައެއް ނުވިއެވެ. އަހަރެން ދައްކާނެ ވާހަކައެއް ނެތެވެ. ހަމްޒާގެ މޫނަކަށް ނުވެސް ބަލަމެވެ.

"އެއީ ފްރެންޑެއް އިނގޭ!" ހަމްޒާގެ ވާހަކަ ފެއްޓީ އެހެންނެވެ. "އޭނަޔާ މީޓްކޮށްލަން ވެގެން އެ ގެއަށް ދިޔައީ."

އަހަރެން އެއްވެސް އެއްޗެއް ނުބުނަމެވެ. ހަމްޒާ ހީކުރީ އޭނަގެ ކެހިވެރި މަޅީގައި އަހަރެން އަނެއްކާ ވެސް ޖެހުނީކަމަށެވެ.

"އަނެއްކާ ގޯސް ގޮތަކަށް ނުވިސްނާތި އިނގޭ،" ހަމްޒާ އެދުނެވެ. "އޭނަ ބަލިވެ އުޅޭތީ އޭނަޔާ ހަމަ މީޓްކޮށްލަން ދިޔައީ."

"އެކަމަކު ފެނުނު މަންޒަރުން އަހަންނަށް ހީވީ ހަމްޒާހެން ބަލިވެފަ އޮތީ،" އަހަރެން ޖަވާބުގައި ބުނީމެވެ. "ހަމްޒާ ވިއްޔަ އެނދުގަ އޮށޯވެގެން އޮތީ."

ހަމްޒާ އައިގޮތަށް އައިސް މާފަށް އެދުނު ނަމަ، ފަހަރެއްގައި އަހަރެންނަށް ދެވަނަ ވިސްނުމަކަށް ދެވުނީހެވެ. ބަދަލުގައި ދެން ވެސް ހަމްޒާ މަސައްކަތް ކުރީ އަހަރެން މޮޔަހައްދާށެވެ.

"އާނ އެ ވީ ގޮތަކީ، އެނދުގަ އިށީނދެ އިންނަން އުނދަގޫވެގެން ލެނގިލިތަނާ އޮށޯވެވުނީ،" ހަމްޒާ ބުންޏެވެ. "ހަނާ މާ ސީރިޔަސްކޮށް އެ ކަހަލަ ކަންތައް ނުނަގައްޗޭ އިނގޭ. ގުރޭ އިޒް ޖަސްޓް އަ ފްރެންޑް ހަމަ."

"ކިހާ ދުވަހެއް ވެއްޖެ ތި ފްރެންޑަކާ އެއްކޮށް އުޅޭތާ؟" އަހަރެން އެހީމެވެ.

"އެ ދެން ވަރަށް ކުޑައިރުގެ ފްރެންޑެކޭ. އެ ފެމެލީ އެންމެން ވެސް އަހަންނާ ވަރަށް ކްލޯސްވާނެ." އެއް ދޮގަށް ފަހު އަނެއް ދޮގުހަދަން ހަމްޒާ މަސައްކަތް ކުރިއެވެ.

"ކުރިޔަށް އޮތް ތަނުގަ އަދި މާ ކްލޯސް ވާނެއްނު!" އަހަރެން ރަނގަޅު ދަނޑިވަޅުގައި ބުނީމެވެ. "އިންނަން ވިއްޔަ ތި އުޅެނީ. ގުރޭ ބައްޕަ ކީއްވެގެންތަ އޯކޭނުވެގެން އެ އުޅެނީ. އެ މީހުންނަކަށް ނޭނގޭތަ ތީ ކިހާ ތެދުވެރި މީހެއްކަމެއް، ކިހާ ކުޅަދާނަ މީހެއްކަމެއް؟"

ހީކުރި ވަރަށް ވުރެ ގިނަ މައުލޫމާތު އަހަންނަށް އެނގޭކަން އެނގުމުން ހަމްޒާ ގާތަށް ރުޅިއައެވެ. އަނގަބަންދު ވުމުން ރުޅިއައުމަކީ ބައެއް މީހުންގެ އާދައެކެވެ.

"އަހަންނަށް ޝައްކު ކޮށްގެން ފާރަލާން ދޯ ހަނާ އެ ގެޔަށް ދިޔައީ؟" ހަމްޒާ ބުންޏެވެ. "އަދި ލީނާ ވެސް ބުނެފިއެއްނު އެއްޗެއް ހޯދާށޭ ވަނީ. ތި ފާޑަށް ގުރޫޕު ހަދައިގެން ފާރަލާ އަންހެނުންނަކީ އަހަރެން ވަރަށް ފޫހިވާ ބަޔެއް. ތީ އަސްލު އަންހެނުން އުޅެންވާ ގޮތެއް ނޫނޭ. ތިއެއް ނޫނޭ އަންހެނުންގެ މަޤާމަކީ. ފިރިހެނުންގެ ބެލުމުގެ ދަށުގަ އަންހެނުން ތިބެން ޖެހޭނީ."

ހަމްޒާ ހުރީ އަހަރެންގެ ގޭގައެވެ. ބޭނުން ނަމަ ހަމްޒާއަށް ވުރެ ދެ ގުނަ ބާރަށް އަހަންނަށް ވާހަކަދެއްކުނީހެވެ. އެކަމަކު ހަމްޒާ ކަހަލަ މީހަކަށް ޓަކައި ހަކަތަ ބޭކާރު ކުރަން އަހަރެން ބޭނުން ނުވީއެވެ.

"ތި ފާޑަށް ވާހަކަދައްކާ މީހުން ދެކެ އަހަރެން އަދި މާ ފޫހިވޭ،" ފޯނު ނަގަމުން އަހަރެން ބުނީމެވެ. "ގުރޭޝާއަށް ގުޅަންވީތަ؟"

ހަމްޒާ ނުކުމެގެން ދިޔައީއެވެ. ކޮޓަރިން އެކަންޏެއް ނޫނެވެ. އަހަރެންގެ ހިތުން ވެސް މެއެވެ. ކައިވެނި އަވަސްކުރަން ބޭނުންވެފައި ހުއްޓައި، އަނެއްކާ ވެސް އަހަރެން ހުއްޓެން ޖެހުނީ ފެށި ތަނަށެވެ. ކުރި ހުރިހައި މަސައްކަތެއް އަލުންބަލުން ފަށަންވީއެވެ.

ދޮންތަ ވިހެއީ ލޯބިލޯބި އަންހެންކުއްޖެކެވެ. ވިހައިގެން ހޮސްޕިޓަލުގައި އޮތްއިރު، މުބާހުގެ އުނދަގުލާ ހެދި އަހަންނަށް ކެތްވާ ވަރެއް ނޫނެވެ. ކުރިން އަހަރެން ބެލީ ރެކިގެން އުޅެވޭތޯއެވެ. ރައްދުގައި އެއްވެސް ކަމެއް ނުކުރަމެވެ. ނަތީޖާއަކަށްވީ ގޮތްކުޑަކަމުގައި މުބާހު ހައްދު ފަހަނައަޅައިދިޔުމެވެ. އެ ކަމެއް ހިނގީ ސޯފާގައި އަހަރެން އިންދައެވެ. އަބުރު ރައްކާތެރި ކުރުމަށް ޓަކައި، މުބާހުގެ އަތްމަތީގައި ވަރަށް ބާރަށް އަހަރެން ޖެހީމެވެ. މުބާހު ދިޔައީ ސިއްސައިގެންނެވެ.

"މުބާހު ދެކެ ބިރަކުން ނޫން އެކަމަކު ދޮންތަޔާ ދޭތެރޭ ވިސްނާލާތީ އަހަރެން މަޑުން މި ހުންނަނީ އިނގޭ،" އަހަރެން ވަރުގަދަ އިންޒާރެއް ދިނީމެވެ. "ހަނދާންކުރާތި! ދެން މަގޭ ގައިގަ އަތްލައިފިއްޔާ.."

"ކީއްކުރެވޭނީ؟ ބުނެބަލަ! ހީވޭތަ މި ގޭގެ އެއްވެސް މީހަކު ހަނާ ދައްކާ ވާހަކަ ގަބޫލުކުރާނެހެން؟" ކިބުރުވެރިކަމާ އެކުގައި މުބާހު ބުންޏެވެ. "އަސްލު އެނގޭތަ! ގިނަ އަންހެންކުދިން ތިބޭ ގޭގޭގަ އެކަކާ އިނީމަ ހުރިހާ ކުދިންނާ ސަމާސާ ކުރުމުގެ ހުއްދަ އޮޓޯއިން ލިބޭނެ."

ނުނިމޭ