18 ޖެނުއަރީ 2018 - 06:01

ސޯނަމް ކަޕޫރަކީ ވަރަށް މަޖާ މިޒާޖެއްގެ މީހަކަށް ވާތީ ހުރިހާ މީހުންނާ ވެސް އޭނާއާ ވަރަށް ގާތް ގުޅުމެއް އޮވެ އެވެ. އެގޮތުން އޭނާގެ އަލަށް ރިލީޒްކުރާ "ޕެޑްމޭން"ގެ ބަތަލު އަކްޝޭ ކުމާރާއި އެ ފިލްމުގެ ޕްރޮޑިއުސަރު އަދި އަކްޝޭގެ އަންހެނުން ޓްވިންކަލްއާ ވެސް ސޯނަމްގެ ގުޅުން ރަނގަޅެވެ.
މީގެ ދުވަސްކޮޅެއް ކުޅިން އޮތް ޕްރެސް ކޮންފްރެންސެއްގައި ސޯނަމް ބުނީ ޓީނާ (ޓްވިންކަލް) ދެކެ އަކްޝޭ ވަރަށް ބިރުގަންނަ ކަމަށެވެ. ނަމަވެސް މި ވާހަކައިގެ މާ ބޮޑު ތަފްސީލެއް އޭނާ ނުދެ އެވެ.
"ޕެޑްމޭން" ސެޓުގެ ތަޖުރިބާތައް ހިއްސާކުރަމުން ސޯނަމް ބުނީ އޭނާ ޓްވިންކަލް ދަންނަތާ ވަރަށް ގިނަ ދުވަސް ވެއްޖެ ކަމަށެވެ. އޭނާ ބުނި ގޮތުގައި ފިލްމުގެ ޑައިރެކްޓަރު އާރް. ބާލްކީއާ އޭނާ ވާހަކަ ދައްކާ ވަގުތުތަކުގައި ޕްރޮޑިއުސަރުގެ ހައިސިއްޔަތުން ޓްވިންކަލް އެއްގޮތަކަށް ވެސް އެ ދެމެދަށް ވަދެ ގޮތް ކިޔައެއް ނަހަދަ އެވެ. އަދި ބާލްކީ އަކީ ފިލްމުގެ ކެޕްޓަން ކަމަށް ބަލައިގެން އޭނާ ބުނާ ގޮތަށް ހުރިހާ ކަމެއް ވެސް ކޮށްދެ އެވެ.
ސޯނަމް ބުނީ އޭނާގެ ގޭގައި އަންހެން ކުދިންނާއި ފިރިހެންކުދިން ތަފާތު ނުކުރާ ކަމަށެވެ. އަދި ސޯނަމް އާއި ރިއާ ލިބުނު ފަހުން އޭނާގެ މަންމަ ތިން ވަނަ ކުއްޖަކަށް ބަލިވެ އިނުމުން ވެސް ބައްޕަ އަނިލް ކަޕޫރު ބޭނުންވީ އަންހެން ކުއްޖެއް ކަމަށް ސޯނަމް ބުންޏެވެ.