"ބިގް ބޮސް": ލަވް ތިޔާގީ ކެޓީބާ؟
"ބިގް ބޮސް": ލަވް ތިޔާގީ ކެޓީބާ؟

ޓީވީގެ އެންމެ ހަމަނުޖެހުން ބޮޑު ޝޯ "ބިގް ބޮސް"ގެ 11 ވަނަ ސީޒަން ނިމެން އެންމެ ދެ ހަފުތާއަށް ވެފައިވާއިރު މިހާރު ޝޯގައި ތިބި ބައިވެރިންގެ މެދުގައި ވެސް ވާދަވެރިކަން ވަނީ ބޮޑުވެފަ އެވެ. މިފަހަރު ބިގް ބޮސްގެ ގެއިން ނެރެލުމަށް ނޮމިނޭޓް ވެފައިވަނީ ލަވް ތިޔާގީ އާއި ޝިލްޕާ ޝިންޑޭ، ހީނާ ޚާން އަދި ވިކާސް ގުޕްތާ އެވެ.

މި ހަތަރު ބައިވެރިންގެ ތެރެއިން ބޭރުވާނީ ކާކުތޯ ބަލަން މިފަހަރު އޮތީ ވަގުތުން ވޯޓު ދިނުމެވެ. އެގޮތުން ހީނާ އާއި ޝިލްޕާ އަދި ލަވް އާއި ވިކާސް ބިގްބޮސްގެ ގެއިން ނެރެގެން ޝޮޕިން މޯލަކަށް ގެންގޮސް އެތާގައި ހަދާފައި ހުރި ކޮއްޓެއްގައި ބައިތިއްބައިގެން އެމީހުން ލައްވާ ފޭނުންގެ ކިބައިން ވޯޓަށް އެހޭނެ އިންތިޒާމް ހަމަޖެއްސި އެވެ. އަދި އެތަނުގައި ތިބި މީހުން ލައިވްކޮށް ވޯޓް ލައިގެން އެމީހުންގެ ފޭވަރިޓް ބައިވެރިޔާ ސަލާމަތް ކުރުމުގެ ފުރުސަތު ހުޅުވާލި އެވެ.

ނަމަވެސް ޝޮޕިން މޯލްގެ ވެރިންނާއި ޝޯ އިންތިޒާމްކުރި ފަރާތްތައް އުންމީދުކުރި ކަހަލަ ގޮތަކަށް މިކަމެއް ނުގެންދެވުނެވެ. އެމީހުން އުންމީދުކުރި ވަރަށް ވުރެ މާ ގިނަ މީހުން އެ ޝޮޕިން މޯލަށް އައިސް މުޅި ތަން ފުރިބާރުވެ އަދި އާންމު މީހަކު ހީނާ ޚާންގެ އިސްތަށިގަނޑުގައި ހިފާ ދަމާ ވެސް ހެދި އެވެ.

ޝޯގެ ބައިވެރިން އެތަނަށް ޒިޔާރަތްކުރިތާ 15 ވަރަކަށް މިނިޓް ތެރޭގައި އަލުން ޖެހުނީ އަނބުރާ ގެންދާށެވެ. ނަމަވެސް އޭރުން ފެށިގެން ވަގުތުން ވޯޓް ލެވޭނެ ގޮތް އޮތީ ހަމަޖައްސަފަ އެވެ.

ބައެއް ޚަބަރުތައް ބުނާ ގޮތުން އެންމެ ގިނަ ވޯޓު ލިބުނީ ޝިލްޕާ އަށެވެ. މި ޚަބަރާ އެކު ލަވް ތިޔާގީގެ ފޭނުންތައް ރުޅިގަދަވި އެވެ. އަދި "ބިގް ބޮސް" ވަނީ ވަރަށް ބޮޑަށް އެއް ފަރާތަކަށް ޖެހިފައި ކަމަށް ބުނަން ފެށި އެވެ.

އެމީހުން ބުނަނީ ވަގުތުން ވޯޓު ލުން ބޭއްވީ ފަންނާނުން ސަލާމަތް ކުރުމުގެ މަގްސަދުގަ އެވެ. ސަބަބަކީ ޓީވީގައި މަސައްކަތްކުރާ އެކްޓަރުން ކަހަލަ ފަންނާނުންނަކީ ވަރަށް ގިނަ ބައެއްގެ މަގްބޫލުކަން ކުރިއްސުރެ ހޯދާފައިވާ ބަޔަކަށް ވާތީ އާދައިގެ މީހަކަށް ވުރެ އެ މީހުންނަށް ލިބޭ ވޯޓް މާ ގިނަ ވާނެ ކަމަށް ގަބޫލުކުރެވޭތީ އެވެ.

ބައެއް ޚަބަރުތައް ބުނާ ގޮތުން ލަވް ތިޔާގީ ވަނީ ޝޯ އިން ބޭރުވެފަ އެވެ. ނަމަވެސް ރަސްމީކޮށް މިކަން ޔަގީންކުރެވޭނީ ޝޯގެ އެލިމިނޭޝަން އެޕިސޯޑް ދެއްކީމަ އެެވެ.