ސަންޖޭ ދަތުގެ ހަޔާތާ ބެހޭ ފިލްމު ފަސްކޮށްފި
ސަންޖޭ ދަތުގެ ހަޔާތާ ބެހޭ ފިލްމު ފަސްކޮށްފި

ސަންޖޭ ދަތުގެ ބައޮޕިިކް ރިލީޒްކުރުން އަނެއްކާވެސް ފަސްކޮށްފި އެވެ. ފިލްމު ފަސްކުރީ ކަނޑައެޅިފައިވާ ތާރީޚަށް ފިލްމުގެ މަސައްކަތް ނުނިމޭނެތީއެއް ނޫނެވެ. މިހާރު ކަނޑައަޅާފައިވާ ތާރީޚުގައި ފިލްމު ރިލީޒްކޮށްފިނަމަ ޓައިގާ ޝްރޮފްގެ "ބާގީ 2" އާ ބޮކްސް އޮފީހުގައި ފިލްމު ކުރިމަތިލާން ޖެހޭތީ އެވެ. "ބާގީ 2" ރިލީޒްކުރަން ހަމަޖެހިފައިވަނީ މި އަހަރުގެ މާޗް 30 ވަނަ ދުވަހު އެވެ.

ކަން ދިމާކުރި ގޮތުން "ބާގީ 2" އާއި ސަންޖޭ ދަތު ބައޮޕިކް އަކީ ވެސް ފޮކްސް ސްޓޫޑިއޯއިން ޕްރޮޑިއުސްކުރާ ދެ ފިލްމެވެ. އެހެންވެ އެ ކުންފުނީގެ ދެ ފިލްމެއް ބޮކްސް އޮފީހުގައި މުޑިއަރާކަށް އެ ކުންފުންޏަކުން ބޭނުމެއް ނުވެ އެވެ. އެހެންވެ ސަންޖޭދަތުގެ ބައޮޕިކް މިއަހަރުގެ ޖޫން 29 ގައި ރިލިޒްކުރަން ނިންމީ އެވެ.

ރާޖްކުމާރު ހިރާނީ ޑައިރެކްޓްކޮށްފައިވާ ސަންޖޭދަތު ބައޮޕިކް އަކީ ބަލާލަން ވަރަށް ހިތްގައިމު ފިލްމަކަށް ވާނެކަމަށް ގިނަ ބަޔަކު އުންމީދު ކުރެ އެވެ. ސަބަބަކީ ހިރާނީ މިހާތަނަށް އުފެއްދި ހުރިހާ ފިލްމެއް ވެސް ވަރަށް މޮޅުވީމަ އެވެ. "މުންނާބާއީ" ސިލްސިލާގެ ދެ ފިލްމާއި "ތުރީ އިޑިއަޓްސް" އަދި "ޕީކޭ" އަކީ ހިރާނީގެ އުފެއްދުންތަކެވެ.

ސަންޖޭ ދަތުގެ ބައޮޕިކްގައި އޭނާގެ ހަޔާތުގެ މުހިއްމު ސަފުހާތަކެއް ދައްކާނެ އެވެ. ފިލްމުގައި ސަންޖޭ ދަތުގެ ރޯލު ކުޅެނީ ރަންބީރު ކަޕޫރެވެ. ރަންބީރު ވަނީ ވަރަށް ބޮޑަށް ހަށިގަނޑަށް ބަދަލުތައް ގެނެސް ސަންޖޭ ދަތާ ވަރަށް އެއްވައްތަރަށް ހަށިގަނޑު ބަދަލުކޮށްލާފަ އެވެ. ކުރިން ވަރަށް ހިކިކޮށް ހުރި ރަންބީރު މިހާރު ހުރީ އަށެއްކަ ކިލޯ ބަރުވެ ގައިގައި މަސްތައް ވެސް ވަރުގަދަ ކޮށްފަ އެވެ.

ޓްރޭޑް އެކްސްޕާޓުން ބުނަނީ މި ފިލްމަކީ ރަންބީރުގެ އެންމެ ކާމިޔާބު ފިލްމަށް ވާނެ ކަމަށް އުންމީދު ކުރެވޭ ކަމަށެވެ. އަދި 200 ކްރޯޑު ފަހަނައަޅާ ދާ އޭނާގެ ފުރަތަމަ ފިލްމަށް ސަންޖޭ ދަތު ބައޮޕިކް ވާނެކަމަށް ވެސް ތަޖުރިބާކާރުން ބުނެ އެވެ.