"ބިގް ބޮސް" އަށްވުރެ "ސުޕަ ޑާންސާ" ކުރީގައި
"ބިގް ބޮސް" އަށްވުރެ "ސުޕަ ޑާންސާ" ކުރީގައި

މިހާރު އިންޑިއާގެ ޗެނަލްތަކުން ދައްކާ ރިއަލިޓީ ޝޯތަކުން ތެރެއިން ކަލާޒް ޗެނަލްގެ "ބިގް ބޮސް" ފަހަތަށް ޖައްސާލާފައި ސޮނީ ޓީވީގެ "ސުޕަ ޑާންސަ ޗެޕްޓާ 2" ކުރި ހޯދައިފި އެވެ. އެންމެ ގިނަ ބަޔަކު ބަލާ 10 ޝޯގެ ތެރޭގައި މި ދެ ޝޯ ހިމެނުނު ނަމަވެސް "ބިގް ބޮސް" އޮތީ 10 ވަނައިގަ އެވެ. "ސުޕަ ޑާންސަ" އުޅެނީ ފަސް ވަނައިގަ އެވެ.

އަހަރުގެ އެންމެ ފަހު ހަފުތާގެ ޓީވީ ރިޕޯޓަށް ބަލާއިރު އެންމެ ގިނަ ބަޔަކު ބަލާ ޝޯއަކަށް ވެފައިވަނީ ޒީ-ޓީވީން ދައްކާ އެކްތާ ކަޕޫރު ޕްރޮޑިއުސްކުރާ "ކުންޑަލީ ބާގްޔާ" އެވެ. އެންމެ ބޮޑު ކުރިއެރުމެއް ލިބިފައިވަނީ ޒީ-ޓީވީގެ "މެހެކް" އަށެވެ. އެ ޝޯ މިހާރު އޮތީ ޗާޓުގެ ނުވަ ވަނައިގަ އެވެ. ސްޓާ ބާރަތުގެ "ނިމްކީ މުކިޔާ" ވެސް ވަނީ ސިޓީތަކުގެ މީހުން ބަލާ އެންމެ ކާމިޔާބު 20 ޝޯގެ ތެރޭގައި ހިމެނިފަ އެވެ. ސްޓާ ޕްލަސްގެ "ތޫ ސޫރަޖް މައިން ސާންޖް ޕިޔާޖީ" އަށް ވެސް ބޮޑު ތަރުހީބެއް ދަނީ ލިބެމުންނެވެ. މި ޝޯގައި ލީޑް ރޯލު ކުޅޭ ރިއާ ޝަރުމާ އާއި އަވީނާޝް ރެކީގެ ކެމިސްޓްރީ ގިނަ ބަޔަކަށް ވަނީ ވަރަށް ކަމުގޮއްސަ އެވެ.

އެކްތާ ކަޕޫރުގެ "ކުންޑަލީ ބާގްޔާ" އެއްވަނައިގައި އުޅެނީ 7.2 މިލިއަން ވިއުއަޝިޕް އިމްޕްރެޝަން އާ އެކުގަ އެވެ. ދެ ވަނައިގައި 7.1 މިލިއަނާއެކު އޮތީ "ކުމްކުމް ބާގްޔާ" އެވެ. ތިން ވަނަ ސަބް-ޓީވީގެ "ތާރަކް މެހެތާ ކާ އުލްޓާ ޗަޝްމާ" އެވެ. ހަތަރު ވަނައިގައި 6.3 އިމްޕްރެޝަން އާއެކު އޮތީ ސްޓާ ޕްލަސްގެ "ޔޭ ހޭ މުހައްބަތޭން" އެވެ. ފަސް ވަނައިގައި ސޮނީގެ "ސުޕަ ޑާންސާ" އޮތީ 6.2 މިލިއަން އިމްޕްރެޝަން އާއެކުގަ އެވެ. "އުޅާން"، "ޔޭ ރިޝްތާ ކިޔާ ކެހެލާތާހޭ" އަދި "ޝަކްތީ - އޭކް އަސްތިތުވާ ކޭ އިހްސާސް ކީ" ހަ ވަނަ، ހަތް ވަނަ އަދި އަށް ވަނަ ހޯދާފައިވިއިރު 5.4 މިލިއަން އެކްސްޕްރެޝަން އާއެކު "މަހެކް" އޮތީ ނުވަ ވަނައިގަ އެވެ. އަދި "ބިގް ބޮސް" އަށް 10 ވަނަ ލިބިފައިވަނީ 4.9 މިިލިއަން އިމްޕްރެޝަންއާ އެކުގަ އެވެ.

އަވަށްތަކާއި ސިޓީތައް އެއްކޮށްލައިގެން ނެރެފައިވާ ޓީއާރުޕީ ޗާޓުގައި "ކުންޑަލީ ބާގްޔާ" އާއެކު 12.2 މިލިއަން އިމްޕްރެޝަން ލިބިފައިވާއިރު 11.4 މިލިއަން އިމްޕްރެޝަންއާ އެކު ދެ ވަނައިގައި އޮތީ "ކުމްކުމް ބާގްޔާ" އެވެ. ތިން ވަނައިގައި އޮތީ ސްޓާ ޕްލަސްގެ "ކިޔާ ހާލް މިސްޓަ ޕަންޗާލް" އެވެ. ހަތަރު ވަނައިގައި "މެހެކް" އޮތީ 9.7 މިލިއަން އާއެކުގަ އެވެ. ސޮނީ ޓީވީގެ "ސުޕަ ޑާންސާ" ފަސް ވަނައިގައި އޮތް އިރު އެ ޝޯއަށް ލިބިފައިވަނީ 9.1 މިލިއަން އިމްޕްރެޝަން އެވެ.

ޗެނަލްތަކަށް ބަލާއިރު ރަށްފުށުގައި އަދި ސިޓީތަކުގައި ވެސް އެއްވަނަ ޗެނަލަކަށް އޮތީ ސްޓާ ބާރަތު އެވެ. ދެ ވަނަ ޒީ އަންމޯލް، ކަލާޒް، ސްޓާ އުޓްސަވް އަދި ޒީ-ޓީވީ އަށެވެ. އާބަން ސެކްޓާއަށް އެކަނި ބަލާއިރު އެއް ވަނަ ލިބެނީ ކަލާޒް އަށެވެ. ކަލާޒްގެ ގިނަ ޝޯތަކެއް މިހާރު އެންމެ ކާމިޔާބު 20 ޝޯގެ ތެރޭގައި ހިމެނި މިއީ ކަލާޒް އަށް ވަރަށް ކާމިޔާބު ދުވަސްވަރެއްކަން ފާހަގަކޮށްލެވެ އެވެ.