09 ޖެނުއަރީ 2018 - 06:10

އަންހެން ސްޕަހީރޯއަކާ އެކު މިދިޔަ އަހަރު ގެނެސްދން "ވޮންޑަ ވުމަން" އަކީ އެތައް ބަޔަކަށް ހައިރާންކަން ގެނުވި ފިލްމެކެވެ. ހާއްސަކޮށް އެ ފިލްމް ބޮކްސް އޮފީހުގައި ހޯދި ބޮޑު ކާމިޔާބީ ހަޖަމު ނުވެގެން ބައެއް މީހުންގެ ފާޑު ކިޔުންތައް ވެސް އަމާޒުވި އެވެ.
އެހެންވެ ގަލް ގެޓޯ ޓައިޓްލް ރޯލް ކުޅެ، އަންހެން ޑައިރެކްޓަރެއް ކަމަށްވާ ޕެޓީ ޖެންކިންސް ވަނީ ފިރިހެނުންނަށް ދޫނުކުރާ ވަރުގެ މަސައްކަތްތަކެއްކޮށް އަންހެނުންނަށް ވެސް ވަރުގަދަ މަސައްކަތްތަކެއް ކުރެވިދާނެކަން "ވޮންޑަ ވުމަން" އާ އެކު ސާތިބުކޮށް ދީފަ އެވެ.
ފިލްމް ހޯދި ބޮޑު ކާމިޔާބީ އަށް ފަހު، މީގެ ދެވަނަ ބައި ޑިސެމްބަރު، 1، 2019 ގައި ސިނަމާތަކަށް އަންނާނެ އެވެ.
ޑައިރެކްޓަރު ޕެޓީ ބުނަނީ "ވޮންޑަ ވުމަން 2" ފުރަތަމަ ބަޔާ ވަރަށް ތަފާތުވެފައި، ފިލްމް މާ ބޮޑަށް ވެސް ފުރިހަމަ ވާނެ ކަމަށެވެ.
"ފުރަތަމަ ބައިގައި ހުރި ބައެއް ކަންތައްތައް ދެވަނަ ބައިގައި ވެސް ހުންނާނެ. އެކަމަކު އަހަރެން ބުނާ ހިތެއް ނެތް މިއީ ސީކްއެލްއެކޭ. އެއަށް ވުރެ ބޮޑަށް ފިލްމް ތަފާތު ވާނެ،" ގަލްއާ އެކު ހަދާ ދެވަނަ ބަޔާ ބެހޭ ގޮތުން އޭނާ ބުންޏެވެ.
މޮންސްޓާ (2003) އާއި ފައިވް (2011) ފަދަ ފިލްމްތައް ގެނެސް ދިން ޕެޓީ، 46، ބުނި ގޮތުގައި އަމާޒަކީ ވެސް "ވޮންޑަ ވުމަން 2" ސީކްއެލްއެއްކަން އިހުސާސް ނުކުރެވޭ ވަރުގެ ފިލްމެއް ގެނެސް ދިނުން ކަމަށެވެ.
"އެ މަސައްކަތް އަހަރަމެން ކާމިޔާބު ވެސް ކުރާނަން. އަދި އެކަން ކުރެވޭ ވަރުގެ ޓީމެއް އަހަންނާ އެކު އޮތުމަކީ ބޮޑު ނަސީބެއް،" އޭނާ ބުންޏެވެ.
ސަތޭކަ ސާޅީސް ނުވަ މިލިއަން ޑޮލަރުގެ ބަޖެޓަކުން އުފައްދައި މިދިޔަ އަހަރުގެ މެއި މަހު ރިލީޒް ކުރި "ވޮންޑަ ވުމަން" އަށް ބޮކްސް އޮފީހުގައި 821.9 މިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދާފައިވެ އެވެ.