މޮޅެއް ނުލިބި އިންޓަ ފަސް ވަނަ މެޗު ނިންމާލައިފި
މޮޅެއް ނުލިބި އިންޓަ ފަސް ވަނަ މެޗު ނިންމާލައިފި

ފްލޮރެންސް (ޖެނުއަރީ 6) – އިޓާލިއަން ލީގުގައި ރޭ ފިއޮރެންޓީނާއާ 1-1 އިން އިންޓަ މިލާން އެއްވަރުވުމުން ލީގުގައި މޮޅެއް ނުލިބި އިންޓަ ފަސް ވަނަ މެޗު ނިންމާލަން ޖެހިއްޖެ އެވެ.

އިންޓަ މި ވަގުތު އޮތީ 42 ޕޮއިންޓާ އެކު ތާވަލުގެ ތިން ވަނައިގަ އެވެ. އެއް ވަނައިގައި 48 ޕޮއިންޓާ އެކު ނަޕޯލީއާ ދެމެދު ހަ ޕޮއިންޓުގެ ފަރަގެއް އެބައޮތެވެ. މިރޭ ހެލަސް ވެރޯނާ އަތުން ނަޕޯލީ މޮޅުވެއްޖެ ނަމަ ނުވަ ޕޮއިންޓަށް ފަރަގު ބޮޑުވާނެ އެވެ.

އަނެއްކޮޅުން ހަތަރު ވަނައިގައި 39 ޕޮއިންޓާ އެކު އޮތް ރޯމާ މިރޭ އެޓަލާންޓާ އަތުން މޮޅުވެއްޖެ ނަމަ އިންޓައާ ޕޮއިންޓުގެ ގޮތުން އެއްވަރުވާނެ އެވެ.

މި ސީޒަނަށް އިންޓަ އިން މާބޮޑު ހަރަދެއް ނުކުރި ނަމަވެސް އާ ކޯޗު ލޫސިއާނޯ ސްޕަލެއްޓީއާ އެކު އެ ޓީމުގެ ނަތީޖާތައް ވަރަށް ރަނގަޅުވި އެވެ. ތާވަލުގެ އެއް ވަނައިގައި ވެސް އެ ޓީމު އޮތްއިރު އެ ޓީމުން ލީގު ކާމިޔާބުކުރާނެ ކަމަށް ބެލެވުނު ދުވަސްކޮޅެއް ދިޔަ އެވެ. އެކަމަކު ޑިސެމްބަރު 3 ވަނަ ދުވަހު ކިއޭވޯ އަތުން 5-0 އިން މޮޅުވި މެޗަށް ފަހު ކުޅުނު ފަސް މެޗުގެ ތެރެއިން ދެ މެޗުން ބަލިވެ ތިން މެޗު އެއްވަރުވީ އެވެ. އަދި ވާދަވެރި އޭސީ މިލާން އަތުން ބަލިވެ އިޓާލިއަން ކަޕުގެ ކުއާޓާ ފައިނަލުން ވެސް އެ ޓީމު ވަނީ ކަޓައިފަ އެވެ. މި ނަތީޖާތަކާ އެކު ކޯޗުގެ މަގާމާ މެދު ވެސް ސުވާލުތަކެއް ވަނީ އުފެދިފަ އެވެ.

ރޭ ފްލޮރެންސްގައި ކުޅުނު މެޗުގައި އިންޓަ އަށް ކުރި ހޯދައިދިނީ 55 ވަނަ މިނެޓުގައި ކެޕްޓަން މައުރޯ އިކާޑީ އެވެ. ފިއޮރެންޓީނާ އަށް އެއްވަރުކޮށްދިނީ 90 ވަނަ މިނެޓުގައި ޖިއޮވާނީ ސިމިއޯނީ އެވެ. އޭނާ އަކީ އިންޓަގެ ކުރީގެ ކުޅުންތެރިޔާ އަދި މިހާރު އެތުލެޓިކޯ މެޑްރިޑަށް ކޯޗުކޮށްދެމުން އަންނަ ޑިއޭގޯ ސިމިއޯނީގެ ދަރިފުޅެވެ.