ވެންގާ ތިން މެޗަށް ސަސްޕެންޑްކޮށްފި
ވެންގާ ތިން މެޗަށް ސަސްޕެންޑްކޮށްފި

ލަންޑަން (ޖެނުއަރީ 6) – ޕްރިމިއާ ލީގުގައި އާދީއްތަ ދުވަހު ވެސްޓް ބްރޮމްއާ 1-1 އިން އާސެނަލް އެއްވަރުވި މެޗަށް ފަހު އެ ޓީމުގެ ކޯޗު އާސެން ވެންގާ ރެފްރީޒް ޗޭންޖިން ރޫމުގެ ތެރޭގައި އަމަލުކުރި ގޮތުގެ ސަބަބުން އިނގިރޭސި އެފްއޭ އިން އޭނާ ތިން މެޗަށް ސަސްޕެންޑްކޮށް 40،000 ޕައުންޑުން ޖޫރިމަނާކޮށްފި އެވެ.

ފުޓްބޯޅަ އެސޯސިއޭޝަނުން ބުނީ ވެންގާގެ ބޭނުންކުރި ބަސްތަކާއި އުޅުނު ގޮތަކީ، ނަހަމަ، އަދަބާހިލާފު އަދި ރެފްރީ މައިކް ޑީންގެ ތެދުވެރިކަމާ މެދު ސުވާލު އުފެދޭ ފަދަ ބަސްތަކާއި އުޅުމެއް ކަމަށް ވެންގާ އެއްބަސްވެފައިވާ ކަމަށެވެ.

އެ ދުވަހު ވެންގާ ހިތްހަމަޖެހުނީ އާސެނަލް މޮޅުވާން ދަނިކޮށް 89 ވަނަ މިނެޓުގައި އެ ޓީމުގެ ކޯލަމް ޗެމްބާސްގެ އަތުގައި ބޯޅަ ޖެހުނު ކަމަށް ބަލައި ރެފްރީ ޕެނަލްޓީ ދިނުމުންނެވެ. އެ ޕެނަލްޓީ ކާމިޔާބުކޮށް ވެސްޓް ބްރޮމުން މެޗު އެއްވަރުކުރި އެވެ.

ސަސްޕެންޝަނުގެ ސަބަބުން ވެންގާ އަށް ބެންޗަށް ނުދެވޭނެ ފުރަތަމަ މެޗަކީ އެފްއޭ ކަޕުގައި މާދަމާ ރަށުން ބޭރުގައި ނޮޓިންހަމް ފޮރެސްޓާ ދެކޮޅަށް ކުޅޭ މެޗެވެ. އޭގެ ފަހުން ލީގު ކަޕުގައި ބުރާސްފަތި ދުވަހު ރަށުން ބޭރުގައި ޗެލްސީއާ ދެކޮޅަށް ކުޅޭ މެޗާއި ލީގުގައި މި މަހުގެ 14 ވަނަ ރަށުން ބޭރުގައި ބޯންމައުތާ ދެކޮޅަށް ކުޅޭ މެޗު ވެސް ގެއްލޭނެ އެވެ.

ޕްރިމިއާ ލީގުގައި ބުދަ ދުވަހުގެރޭ ޗެލްސީއާ 2-2 އިން އާސެނަލް އެއްވަރުވި މެޗުގެ ކުރިން އަދި ފަހުން ރެފްރީންގެ ނިންމުންތަކާ ބެހޭގޮތުން ވެންގާ ދެއްކި ވާހަކަތަކަށް ޖަވާބުދާރީވާން ވެސް ވެންގާ އަށް އެފްއޭ އިން ވަނީ އަންގައިފަ އެވެ.