06 ޖެނުއަރީ 2018 - 09:30

ލިވަޕޫލް (ޖެނުއަރީ 6) – ދުނިޔޭގެ އެންމެ އަގުބޮޑު ޑިފެންޑަރުގެ ގޮތުގައި ލިވަޕޫލާ ގުޅުނު ނެދަލެންޑްސްގެ ވާޖިލް ވެން ޑައިކް އެ ޓީމަށް ކުޅެދިން ފުރަތަމަ މެޗުގެ ފަހުކޮޅު ވައްދާލި ގޯލާ އެކު ވާދަވެރި އެވަޓަން 2-1 އިން ބަލިކޮށް ލިވަޕޫލުން އެފްއޭ ކަޕުގެ ހަތަރު ވަނަ ބުރުން ޖާގަ ހޯދައިފި އެވެ.
އަނެއްކޮޅުން މެންޗެސްޓާ ޔުނައިޓެޑް ވަނީ ހަތަރު ވަނަ ޑިވިޝަނުގެ ޑާބީ ކައުންޓީ 2-0 އިން ބަލިކޮށް ހަތަރު ވަނަ ބުރުން ފުރުސަތު ހޯދައިފަ އެވެ.
އަމިއްލަ ދަނޑުގައި ލިވަޕޫލް ކުޅުނު މެޗުގެ 35 ވަނަ މިނެޓުގައި ޖޭމްސް މިލްނާ ވަނީ ޕެނަލްޓީއަކުން ކުރި ހޯދައިދީފަ އެވެ. އެވަޓަން އަށް އެއްވަރުކޮށްދިނީ 67 ވަނަ މިނެޓުގައި ގިލްފީ ސިގާސަން އެވެ. ލިވަޕޫލް މޮޅުކޮށްދިން ލަނޑު، މި މެޗުގެ ފުރަތަމަ އެގާރައިގައި ހިމެނިގެން ކުޅުނު ވެން ޑައިކް ޖެހީ 84 ވަނަ މިނެޓުގައި އެލެކްސް އޮކްސްލޭޑް-ޗެމްބަލައިން ހޯދައިދިން ފުރުސަތަކުންނެވެ.
ލިވަޕޫލުގެ ކޯޗު ޔާގެން ކްލޮޕް ބުނީ މެޗުގައި ފެނިގެން ދިޔައީ އެންމެ މޮޅު ފުޓްބޯޅަ ނޫން ކަމަށާއި އެކަމަކު ކުޅުންތެރިން ކުރި މަސައްކަތާ މެދު ހިތްހަމަޖެހޭ ކަމަށެވެ. އަދި މި މި މެޗުގައި ކުޅުންތެރިންގެ ފަރާތުން ފެނުނު އެޓިޓިއުޑާ މެދު ހިތްހަމަޖެހޭ ކަމަށް ވެސް އޭނާ ބުންޏެވެ.
"ވަރަށް އުނދަގޫ މެޗެއް މިއީ. މިއީ އެންމެ މޮޅު ކުޅުން ދެއްކޭނެ ފަދަ މެޗެއް ނޫން،" ކްލޮޕް ބުންޏެވެ.
ޑާބީ ކައުންޓީ އަތުން މެންޗެސްޓާ ޔުނައިޓެޑް މޮޅުވީ ފަހު ވަގުތު ޖެހި ދެ ގޯލުންނެވެ. ފުރަތަމަ ގޯލް 84 ވަނަ މިނެޓުގައި ޖެސޭ ލިންގާޑް ޖެހިއިރު ދެ ވަނަ ލަނޑު 90 ވަނަ މިނެޓުގައި ޖެހީ ރޮމެލޫ ލުކާކޫ އެވެ. މިދިޔަ ހަފުތާގެ ހޮނިހިރު ދުވަހު ސައުތުހެމްޓަނާ 0-0 އިން އެއްވަރުވި މެޗުގައި ބޮލަށް ލިބުނު އަނިޔާއަކާ ގުޅިގެން އެއް މެޗުގައި ކުޅުމާ ދުރުގައި ހުރި ލުކާކޫ މި މެޗުގައި އެރީ ދެ ވަނަ ހާފުގަ އެވެ.