05 ޖެނުއަރީ 2018 - 19:16

ސޯލް (ޖެނުއަރީ 5) - އަންނަ މަހު ސޯލްގައި ބާއްވާ ވިންޓަ އޮލިމްޕިކްސްގައި ނޯތު ކޮރެއާގެ ޓީމެއް ބައިވެރި ކުރުމާ ބެހޭ ގޮތުން މަޝްވަރާ ކުރުމަށް ދިން ދައުވަތު ނޯތު ކޮރެއާ އިން ގަބޫލްކޮށްފައިވާ ކަމަށް ސައުތު ކޮރެއާ އިން ބުނެފި އެވެ.
ނޯތު ކޮރެއާގެ ލީޑަރު ކިމް ޖޮން-އުން މިދިޔަ ހަފުތާގައި ވަނީ ނޯތު ކޮރެއާގެ ޓީމެއް ގޭމްސް އަށް ފޮނުވުމަކީ ދެ ގައުމުގެ އެއްބައިވަންތަކަން ދައްކާލަން ލިބޭނެ ފުރުސަތެއް ކަމަށް ވިދާޅުވެފަ އެވެ. މިހާރު އެއްބަސްވެފައިވާ ގޮތުން ދެ ގައުމުގެ މެދުގައި މަތީ ފެންވަރުގެ މަޝްވަރާތައް ބާއްވާނީ މި މަހު 9 ވަނަ ދުވަހު ޕަންމުންޖޮމްގަ އެވެ.
މިއީ ޑިސެމްބަރު 2015 ގެ ފަހުން ދެ ގައުމުގެ މެދުގައި ބާއްވާ މަތީ ފެންވަރުގެ ފުރަތަމަ މަޝްވަރާތަކެވެ.
އެމެރިކާގެ ދިފާއީ ވަޒީރު ޖޭމްސް މަޓިސް ވިދާޅުވެފައި ވަނީ މަޝްވަރާ އަށް ނޯތު ކޮރެއާ އިން އެއްބަސްވެފައި ވަނީ ބައިނަލްއަގުވާމީ ޕްރެޝަރު ބޮޑުވުމުން ކަމަށެވެ.
ދެ ކޮރެއާގެ މެދުގައި މަޝްވަރާ ކުރަން ނޯތު ކޮރެއާ އިން އެއްބަސްވެފައި ވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި ކިމްއާ ދެމެދު ވަރުގަދަ ބަހުގެ ހަމަލާތަކެއް ބަދަލު ކުރުމަށް ފަހު އެވެ. އެއްގައުމު އަނެއް ގައުމުން ވަނީ ހަނގުރާމައެއް ފަށަން ޖެހިދާނެ ކަމުގެ އިންޒާރު ވެސް މީގެ ދުވަސްކޮޅެއް ކުރިން ދީފަ އެވެ.