ޕާކިސްތާނަށް އެމެރިކާ އިން ދޭ ސަލާމަތީ އެހީ ހުއްޓާލައިފި
ޕާކިސްތާނަށް އެމެރިކާ އިން ދޭ ސަލާމަތީ އެހީ ހުއްޓާލައިފި

ވޮޝިންޓަން (ޖެނުއަރީ 5) - ޓެރަރިސްޓް ޖަމާއަތްތަކަށް އެހީވުން ޕާކިސްތާނުން ހުއްޓާލާފައި ނުވާ ކަމަށް ބުނެ އެ ގައުމަށް އެމެރިކާ އިން ދޭ ސަލާމަތީ ހުރިހާ އެހީއެއް ހުއްޓާލަން ނިންމައިފި އެވެ.

ސްޓޭޓް ޑިޕާޓްމަންޓުން ބުނީ ހައްގާނީ ނެޓްވޯކާއި އަފްޣާން ތާލިބުންނާ ދެކޮޅަށް ފިޔަވަޅު އަޅަންދެން އިސްލާމްއާބާދަށް ދޭ އެހީ ހުއްޓުވާފައިވާ ކަމަށެވެ. ރައީސް ޑޮނަލްޑް ޓްރަމްޕް މިދިޔަ ހަފުތާގައި ވަނީ ޕާކިސްތާނަށް ބިލިއަނުން އެހީދޭ އިރު ބަދަލުގައި ލިބެނީ ދޮގާއި މަކަރު ކަމަށް ވިދާޅުވެފަ އެވެ.

އެމެރިކާ އިން އެޅި ފިޔަވަޅަށް އިންޑިއާ އާއި އަފްޣާނިސްތާނުން ވަނީ ތާއީދުކޮށްފަ އެވެ. ނަމަވެސް ޕާކިސްތާނުގައި ބިލިއަން ޑޮލަރުން އިންވެސްޓްކޮށްފައިވާ ޗައިނާ އިން ވަނީ އިސްލާމްއާބާދުގެ ދިފާއުގައި ވާހަކަ ދައްކައިފަ އެވެ.

އަސްކަރީ އެހީގެ ގޮތުގައި ޕާކިސްތާނަށް ދޭ 255 މިލިއަން ޑޮލަރު ޓްރަމްޕް ސަރުކާރުން މިހާރު ވެސް ވަނީ ހިފަހައްޓައިފަ އެވެ. ޕާކިސްތާނަށް ދިނުން ހުއްޓުވި އެހީގެ އަދަދެއް ސްޓޭޓް ޑިޕާޓްމަންޓުން ބުނެފައެއް ނުވެ އެވެ.