05 ޖެނުއަރީ 2018 - 14:48

މެލްބަން (ޖެނުއަރީ 5) – މި މަހު ބާއްވާ އޮސްޓްރޭލިއަން އޯޕަން ޓެނިސް މުބާރާތުން ދުނިޔޭގެ ކުރީގެ އެއް ވަނަ ކުޅުންތެރިޔާ ސެރީނާ ވިލިއަމްސް ވަކިވެއްޖެ އެވެ.
ސެޕްޓެމްބަރު މަހު ވިހެއުމަށް ފަހު އުމުރުން 36 އަހަރުގެ އެމެރިކާ ކުޅުންތެރިޔާ ވަނީ ފުރަތަމަ މެޗު މިދިޔަ ހަފުތާގައި ކުޅެފަ އެވެ. އަބޫ ދާބީގައި ކުޅުނު ދައްކާލުމުގެ އެ މެޗުން ސެރީނާ ވަނީ ޖެލެނާ އޮސްޓަޕެންކޯ އަތުން ބަލިވެފަ އެވެ.
އޮސްޓްރޭލިއަން އޯޕަންގެ އެންމެ ފަހުގެ ޗެމްޕިއަން އަދި 23 ގްރޭންޑް ސްލޭމް މުބާރާތް ކާމިޔާބުކޮށްފައިވާ ސެރީނާ ބުނީ އޭނާ ބޭނުންވާ ހިސާބާ ވަރަށް ކައިރީގައި ހުރި ނަމަވެސް އަދި އެހިސާބަށް ނުދެވޭ ކަމަށެވެ.
މި ވަގުތު ދުނިޔޭގެ 22 ވަނައިގައި ރޭންކްކުރެވިފައިވާ ސެރީނާ ބުނީ އޭނާގެ ކޯޗާއި ޓީމުން އަބަދު ވެސް ބުނަނީ، މުބާރާތްތަކަށް ދާންވާނީ، އެންމެ ދުރަށް ދެވޭހާ ތައްޔާރުވެވުމުން ކަމަށެވެ.
"އަހަންނަށް ވާދަކުރެވިދާނެ. އެކަމަކު އަހަރެން ބޭނުމެއް ނޫން ހަމައެކަނި ވާދަކޮށްލާކަށް. އެއަށް ވުރެ މާ ރަނގަޅު ކުރަން އަހަރެން ބޭނުންވޭ. އަދި އެކަން އެގޮތަށް ކުރަން އަހަންނަށް އަދި އިތުރު ވަގުތުކޮޅެއް ބޭނުންވޭ،" ސެރީނާ ބުންޏެވެ.
އޭނާ މިދިޔަ އަހަރުގެ އޮސްޓްރޭލިއަން އޯޕަން ކާމިޔާބުކުރީ ބަލިވެ އިނދެ ބަނޑަށް އަށް ހަފުތާގަ އެވެ.
ސެރީނާގެ އިތުރުން ބައެއް މަޝްހޫރު ފިރިހެން ކުޅުންތެރިން ވެސް މުބާރާތުން ނުފެނިދާނެ ކަމަށް ބެލެވެ އެވެ. މި މަހުގެ 15 ވަނަ ދުވަހު ފަށާ މުބާރާތުން އިނގިރޭސި ތަރި އެންޑީ މަރޭ ވަނީ ބުރާސްފަތި ދުވަހު ވަކިވެފަ އެވެ. މުބާރާތް ހަ ފަހަރު ކާމިޔާބުކޮށްފައިވާ ސާބިއާގެ ނޮވަކް ޖޮކޮވިޗް ވެސް އުޅަބޮށީގެ އަނިޔާއަކާ ގުޅިގެން މުބާރާތުން ވަކިވުމުގެ ފުރުސަތު އެބައޮތެވެ.
ދުނިޔޭގެ އެއް ވަނަ ކުޅުންތެރިޔާ ސްޕެއިނުގެ ރަފައެލް ނަޑާލާއި މުބާރާތް 2014 ވަނަ އަހަރު ކާމިޔާބުކުރި ސްވިޒަލެންޑުގެ ސްޓަން ވަވަރިންކާގެ ފިޓްނަސްއާ މެދު ވެސް ސުވާލުތަކެއް ވަނީ އުފެދިފަ އެވެ.