05 ޖެނުއަރީ 2018 - 11:47

ދިރިއުޅުމުގައި އުފަލާއި ހިތްހަމަ ޖެހުން ނުލިބިގެން ޝަކުވާ ކުރުމަކީ އިންސާނީ ތަބީއަތެކެވެ. މިގޮތުން ބައެއް މީހުން ބައެއް ހާލަތްތަކުގައި ކުރާ ޝަކުވާ އެއީ ހަގީގަތުގައި ވެސް މާޔޫސް ކަމެއް ލިބުމުން ކުރާ ޝަކުވާއަކަށް ވެދާނެ އެވެ. އެހެން ނަމަވެސް ގިނަ މީހުންނަކީ އެމީހުންނަށް ދިރިއުޅުމުގެ ހަޔާތުގައި ލިބިފައިވާ ނިއުމަތްތަކާއި ބާއްޖަވެރިކަމުގެ އަގު ވަޒަން ކުރަން ނޭނގުމުގެ ސަބަބުން ޝަކުވާ ކޮށް މާޔޫސް ވާ ހިސާބަށް ދާ ބައެކެވެ. އަނެއް ބަޔަކީ ދުނިޔަވީ ހަޔާތާ މެދު ދެކޭ ގޮތެއްގެ ސަބަބުން ނުވަތަ ގަބޫލުކުރާ ގަބޫލު ކުރުމެއްގެ ސަބަބުން އޮޅިފައިވާ ބައެކެވެ. އެހެންކަމުން މާޔޫސް ނުވެ ދިރިއުޅުން ވޭތު ކުރުމަށްޓަކައި އިސްލާމް ދީން ދޭ އިރުޝާދު ތަކަކީ ކޮބައިތޯ ބަލައިލަން ޖެހެއެވެ.
މިގޮތުން އެންމެ ފުރަތަމަ ކަމަކީ، އީމާންތެރިކަން ވަރުގަދަ ކުރުމެވެ. ސަބަބަކީ ދިރިއުޅުމުގައި މާޔޫސް ވާން މެދުވެރިވާ އެއް ސަބަބަކީ އީމާންތެރިކަން ނިކަމެތި ވުމެވެ. ﷲ އާ މެދު އޮންނަ އިތުބާރާއި އެފަރާތަށް ވަކީލު ކުރުން ކުޑަވުމެވެ. އެފަރާތާ އިންސާނާއާ ދެމެދު އޮންނަން ޖެހޭ ރޫހާނީ ގުޅުން ނެތުމެވެ. އެކަލާނގެއަށް ތަޤުވާވެރި ވެވޭ މިންވަރު ކުޑަވުމެވެ. އެހެންކަމުން ﷲ އަށް ފުރިހަމައަށް އީމާންވެ އެފަރާތަށް އިތުބާރުކޮށް އެފަރާތުން އެކި ކަންކަމަށް އެދި އެފަރާތުގެ އަމުރުތަކުގެ މަތީ ދެމިހުރެގެން އެ ދެމެދުގައި ރަނގަޅު ރޫހާނީ ގުޅުމެއް އުފައްދަން ޖެހެއެވެ.
މިފަދަ ގުޅުމެއް އުފެއްދިއްޖެ ނަމަ އިންސާނާ އަށް އޭނާގެ ދިރިއުޅުމުގެ ހަޔާތް ފެނިގެން ދާނީ ނިއުމަތާއި ރަހުމަތުން ފުރިގެންވާ ހަޔާތެއްގެ ގޮތުގައެވެ. އެހެނީ ﷲ އަށް ތަޤުވާވެރި ވުމަކީ އެމީހެއްގެ ކުރިމަތީ ބެދިފައިވާ މަގުތައް ހުޅުވި އެމީހަކު ހީ ނުކުރާހާ ދިމަދިމާއިން ރިޒުޤު ވެސް ލިބެނިވި ކަމެކެވެ. މިކަން ކީރިތި ޤުރުއާނުގެ އައްޠަލާޤު ސޫރަތުގެ ދެ ވަނަ އާޔަތާއި ތިން ވަނަ އާޔަތުން އެނގި ހާމަވެ އެވެ.
ދެ ވަނަ ކަމަކީ، ދިރިއުޅުމުގެ ހަޔާތުގެ މުސްތަގުބަލާ މެދު ވަހުމީ ބެލުމަކުން ނުބަލައި ތިމާއަށް ލިބިފައިވާ ނިއުމަތްތަކުގެ ބޭނުން ހެޔޮ ގޮތުގައި ހިފުމެވެ. ސަބަބަކީ ވަހުމީ ބެލުމަކުން މުސްތަގުބަލަށް ބަލާނަމަ ލިބޭ ނިއުމަތްތަކުގެ ބޭނުން ނުހިފައި އުޅެން ހަދައިފި ނަމަ ހިތަށް ނުތަނަވަސްކަން ވެރިވާނެތީ އެވެ. އެއީ އެފަދަ ވަހުމީ ބެލުމަކުން ބަލާނަމަ ވަހުމީ މުސީބާތްތަކެއް މުސްތަގުބަލުގައި ކުރިމަތިވެދާނެ ކަމަށް ބަލަބަލާ ހުންނާނެތީ އެވެ. އަދި މި ހާލަތުގައި ހުންނަ ހިނދު، ލިބިފައިވާ ނިއުމަތްތަކުގެ ވެސް ބޭނުން ނުހިފައި ހުންނަން އާދަވާނެތީ އެވެ.
ހަމައެފަދައިން މިފަދަ ހާލަތެއްގައި ހުއްޓައި ތިމާ ހީނުކުރާ ފަދަ ދެރަ ގޮތަކަށް ފަހުން ކަންތައްތައް ބަދަލުވެގެން ގޮސްދާނެތީ އެވެ. އަދި ނަތީޖާއެއްގެ ގޮތުން ފަހުން ވެސް އެއްކަލަ ނިއުމަތުގެ ބޭނުން ނުހިފި ގޮސްދާނެތީ އެވެ. މިހުރިހާ ކަމެއްގެ ސަބަބުން އެއްކަލަ ވަހުމީ ލަފާ ކުރުންތައް ދާނީ އަބަދުވެސް އިތުރު ވަމުންނެވެ. ނަތީޖާ އަކީ ދިރިއުޅުމުގައި މާޔޫސް ވުމެވެ.
ފަހުން ދިމާވެދާނެ ކަމަކަށްޓަކައި ދިރިއުޅުމުގައި ދުރާލައި ރައްކާވެ ތިބުމީ، އެއްވެސް ޝައްކެއް ނެތް ގޮތުގައި، ކުރަން ޖެހޭ ކަމެކެވެ. މިގޮތުން ތިމާއަށް ލިބޭ އެއްޗަކުން މިންވަރެއް ފަހަށް ރައްކާ ކުރުމަކީ ނެތް ކަމެއް ނޫނެވެ. އަދި ކިއެއްތަ، އެއީ އިސްލާމް ދީން އެކަމަށް ހިތްވަރު ދޭ އިގުތިސާދު ކުރުމުގެ ތެރެއިން ހިމެނޭ ކަމެކެވެ. އިސްލާމީ ނަޒަރުން ބަލާއިރު އިގުތިސާދު ކުރުމަކީ ދިރިއުޅުމުގެ ދެބައިކުޅަ އެއްބަޔެވެ.
ނަމަވެސް އޭގެ މާނައަކީ، ﷲ ޙަލާލު ކުރައްވާފައިވާ ރަނގަޅު ތަކެތިން ތިމާ ދުނިޔެމަތީގައި އުފަލާއި ހިތްހަމަޖެހުން ނުހޯދައި ހުރުމަށް މަސައްކަތް ކުރުމެއް ނޫނެވެ. އިސްލާމީ ގޮތަކީ މިއެއް ނޫނެވެ. އެހެނީ މީހަކަށް ﷲ ދެއްވާ ނިއުމަތްތަކުގެ އަސަރު އެމީހެއްގެ ކިބައިން ފެނިގެން ދިއުމަކީ ﷲ ލޯބިވެ ވޮޑިގަންނަވާ ކަމެއްކަން ނަބަވީ ހަދީސުން އެނގޭތީ އެވެ.
އެހެންކަމުން އިސްރާފު ކުރުމެއް ނެތި އަދި އަތްމަތި މުޅިން ހުސްކޮށްލުމެއް ނެތި ކޮންމެ މީހަކަށް ވެސް ލިބޭ މިންވަރަކުން ހުއްދަ ކަންކަން ކޮށްގެން ހިތްއުފާ ކުރުމަކީ ހުއްދަ ކަމެކެވެ. އަދި އުފާވެރި ދިރިއުޅުމެއް އުޅެވޭ ކަމުގެ އިހުސާސް އޭގެ ސަބަބުން ކުރެވޭނެ ކަމެކެވެ. ނަތީޖާ އަކީ ދިރިއުޅުމުގައި މާޔޫސް ކަން ނައްތާލުމަށް އެހީތެރިކަން ލިބުމެވެ.
މާޔޫސް ނުވެ ދިރިއުޅުމަށްޓަކައި އިސްލާމް ދީނުން ލިބޭ އިރުޝާދުތަކުގެ ތިންވަނަ ކަމަކީ، ދިރިއުޅުމުގެ ހަޔާތަކީ އޭގައި ހެވާއި ނުބައި އަދި އުފަލާއި ހިތާމަ އޮންނަ އެއްޗެއްކަން ދަނެގެން އަބަދުވެސް ދިރިއުޅުމެވެ. ދިރިއުޅުމުގައި އެއްވެސް ކަހަލަ ނުރަނގަޅު ކަމެއް ނުވަތަ ހިތާމައެއް ނުވަތަ ދެރައެއް ނެތި އުޅެވޭނެ ކަމަށް ވިސްނުމަކީ މި ކައުނުގައިވާ އިލާހީ ސުންނަތާ ޚިލާފަށް ކުރެވޭ ވަހުމީ އުއްމީދެކެވެ.
މި އުއްމީދުގެ ސަބަބުން އިތުރަށް އެމީހަކަށް ހިތްހަމަ ނުޖެހުމާ ކުރިމަތިލައި އަބާއްޖަވެރި ކަމާއި މާޔޫސް ވުމުގެ އިހުސާސް ކުރަން ޖެހޭނެ އެވެ. އިލާހީ ހިކުމަތަކީ މި ދިރިއުޅުމުގެ ހަޔާތުގައި ހެޔޮ ކަންތައްތައް ވާ ފަދައިން ނުބައި ކަންތައްތައްވެސް ލެއްވުމެވެ. އެއީ ދިރިއުޅުމުގެ ހަޔާތުގެ ތަބީއަތެވެ.
ދިރިއުޅުމުގެ ހަޔާތުގެ ބޭނުމަކީ ﷲ ކީރިތި ޤުރުއާނުގައި އަންގަވާފައިވާ ފަދައިން އިންސާނާ އިމްތިހާނު ކޮށް ޓެސްޓު ކުރުމެވެ. ވީމާ ހެވާއި ނުބައި މި ދެބައި އޮވެގެން މެނުވީ ދިރިއުޅުމުގެ އިމްތިހާނު ފުރިހަމަ ނުކުރެވޭނެ އެވެ. ﷲ އަށް ކިޔަމަން ވަނީ އަދި އެފަރާތަށް ނުކިޔަމަން ވަނީ އެކަލާނގެ އަޅުތަކުންކުރެ ކޮން ބައެއްކަން ފާހަގަ ކުރެވޭނީ މި ދެބައި އޮވެގެންނެވެ.
އެހެންކަމުން އިންސާނުން އިމްތިހާނު ކުރެއްވުމުގައި މީހަކަށް މަތިވެރި ނިއުމަތްތައް ﷲ މިންވަރު ކުރައްވާ ފަދައިން އެ މީހެއްގެ ކިބައިން ނިއުމަތްތައް މަހުރޫމް ވެސް ކުރައްވަ އެވެ. ވީމާ ދިރިއުޅުމުގައި މި ދެބައިވެސް އޮންނަކަން ދަނެގެން ނިއުމަތެއް ލިބޭ ހިނދު އެ ނިއުމަތަށް ޝުކުރު ކޮށް އަދި ނިއުމަތުން މަހުރޫމުވާ ހިނދު ކެތްތެރިވާން ދަސްކުރަން ޖެހެއެވެ. ނިއުމަތަށް ޝުކުރުވެރި ވާނަމަ ނިއުމަތް އިތުރުކުރައްވާނެ ކަމަށް ﷲ އަންގަވާފައިވާކަން (އިބްރާހީމް 7) އަބަދުވެސް ހަނދާން ކުރަން ޖެހެއެވެ. މިގޮތުގައި އިންސާނާ ހުންނަ ނަމަ ދިރިއުޅުމުގައި މާޔޫސް ވުމުގެ އިހުސާސް ވަރަށް ބޮޑުތަން ކުޑަ ވެގެން ދާނެއެވެ.
މާޔޫސް ނުވުމަށްޓަކައި އިސްލާމްދީނުން ލިބޭ އިރުޝާދުގެ ހަތަރުވަނަ ކަމަކީ، ކުދިކުދި ކަންކަން މާބޮޑެތި ކަންކަމުގެ ގޮތުގައި ނުހަދައި އަބަދުވެސް އުއްމީދީ ހާލަތުގައި ދެމިހުރުމެވެ. މީގެ މާނަ އަކީ އެއްވެސް ހާލެއްގައި ދިމާވާ ކުދިކުދި ކަންކަމާ އަޅާ ނުލުމެއް ނޫނެވެ. އެއާ ޚިލާފަށް އެފަދަ ކަންކަމުން ވެސް ސަލާމަތް ވާން މަސައްކަތް ކުރަން ޖެހޭނެ އެވެ. އަދި އުއްމީދުތައް ކަނޑާލައިގެން ނުވާނެ އެވެ. އެހެން ނޫންނަމަ ވާނެ ގޮތަކީ ދިރިއުޅުމުގެ އާދައިގެ ކުދިކުދި ކަންކަމާ މެދު އަބަދާއި އަބަދު ވިސްނައި ފިކުރު ބޮޑުވެ މީހާގެ އަޒުމް ބަލިކަށިވާގޮތް ވުމެވެ.
ނަތީޖާއެއްގެ ގޮތުން މާޔޫސް ކަމުގެ އިހުސާސް ކުރަން ޖެހިދެއެވެ. ﷲ ކީރިތި ޤުރުއާނުގައި އަންގަވަނީ އެކަލާނގެ ރަޙުމަތާ މެދު އުއްމީދު ކަނޑާ ނުލުމަށެވެ. (އައްޒުމަރު 53). ވީމާ މިފަދައިން އަންގަވާފައިވާ އިރު މިކަން ހަނދާން ނައްތާލައި ތިމާއަށް ދިމާވާ ކުޑަކުޑަ ކަމެއް އެއީ ނުއުފުލޭ ވަރުގެ ބޮޑު ބުރައެއް ނުވަތަ މުސީބާތެއް ކަމުގައި ބެލުން ހެޔޮނުވާނެ އެވެ. އެހެނީ މިގޮތަށް ބަލާނަމަ މިކަމުގެ ނަތީޖާ އެއްގެ ގޮތުން ދިރިއުޅުމުގައި މާޔޫސް ކަމާއި އަބާއްޖަވެރި ކަން ތަހައްމަލު ކުރަން ޖެހިދާނެތ އެވެ.
މާޔޫސް ނުވުމަށްޓަކައި އިސްލާމްދީނުން ލިބޭ އިރުޝާދުގެ އެންމެފަހު ކަމެއްގެ ގޮތުގައި މި ލިޔުމުގައި ފާހަގަކޮށްލާ ކަމަކީ ﷲ ދެއްވާ ގިނަގުނަ ނިއުމަތްތަކުގެ މަތިން ހަނދާން ނައްތާނުލުމެވެ. އަދި ދިރިއުޅުމުގައި ދިމާވާ މަދު ހިތާމަތަކާ މެދު މާބޮޑަށް ނުވިސްނުމެވެ.
ސަބަބަކީ އިންސާނުންނަށް ލިބިފައިވާ ނިއުމަތް ތަކަކީ ގުނައި އަދަދު ނުކުރެވޭހާވެސް ގިނަ ނިއުމަތް ތަކެއް ކަމުގައިވާތީ އެ ނިއުމަތްތައް ގުނައި އޭގެމަތިން ހަނދާން ކުރުން މާ އައުލާކަން ބޮޑުވެގެންވާތީ އެވެ. އަދި މިގޮތަށް އަމަލުކުރާނަމަ ދިރިއުޅުމުގައި ދިމާވާ މަދު ވޭންތައް ނުވަތަ ހިތާމަތައް އެއީ މާ ބޮޑެތި ކަންކަމަށް ވެގެން ނުދާނެތީ އެވެ. ނަތީޖާއަކަށް ވާނީ މާޔޫސްކަން ފިލައިގޮސް ބާއްޖަވެރި ދިރިއުޅުމެއް އުޅެވޭ ކަމުގެ އިހުސާސް ލިބިގެން ދިއުމެވެ.
ވީމާ، އަޅުގަނޑުމެންގެ ތެރެއިން ހަމަ ކޮންމެ މީހަކުވެސް މި ދެންނެވި ކަންކަމަށް ސަމާލުކަން ދީގެން މާޔޫސް ވުމުގެ ސަބަބުތައް ނައްތާލުމަށް މަސައްކަތް ކުރަން ޖެހޭނެ އެވެ. މިގޮތަށް އިންސާނާ މަސައްކަތް ކޮށްފިނަމަ ދިރިއުޅުމުގައި މާޔޫސް ވާން ޖެހޭ ކަންކަން އެތައް ގުނައަކަށް މަދުވެގެން ދާނެ އެވެ. ދިރިއުޅުން ބާއްޖަވެރި ދިރިއުޅުމެއް ކަމުގައި ވުމުގެ ފުރުސަތު ބޮޑުވާނެ އެވެ. ނުވަތަ އެންމެ ކުޑަމިނުން އެފަދަ ހިތްހަމަޖެހޭ އިހުސާސްތަކެއް ކުރެވޭނެ އެވެ.