މިއީ މުޅި ފްރާންސަށް ލިބުނު ހިތާމައެއް: ޑިޝޯމްޕްސް
މިއީ މުޅި ފްރާންސަށް ލިބުނު ހިތާމައެއް: ޑިޝޯމްޕްސް

ލިޔޯން، ފްރާންސް (ޖުލައި 11) - ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ފައިނަލުން ބަލިވުމަކީ ހަމައެކަނި ޓީމަށް ލިބުނު ގެއްލުމެއް ނޫން ކަމަށާއި މުޅި ގައުމަށް ލިބުނު ހިތާމައެއް ކަމަށް ފްރާންސް ޓީމުގެ ކޯޗު ޑިޑިއޭ ޑިޝޯމްޕްސް ބުނެފި އެވެ.

ރޭގެ ފައިނަލުގައި ޕޯޗުގަލް އަތުން ބަލިވެ ފްރާންސަށް ވަނީ ތިން ވަނަ ފަހަރަށް ޔޫރޯ ކާމިޔާބު ކުރުމުގެ ފުރުސަތު ގެއްލިފަ އެވެ. އަދި 1984 ވަނަ އަހަރުގެ ޔޫރޯ އާއި 1998ގެ ވޯލްޑް ކަޕަށް ފަހު އަމިއްލަ ގައުމުގައި ކުޅުނު މުބާރާތަކުން ޗެމްޕިއަން ހޯދުމުގެ ފުރުސަތު ވެސް ގެއްލުނީ އެވެ.

"މިއީ ބުނެވޭ ބަހަކުން ބަޔާން ކޮށްދެވޭ ވަރަށް ވުރެން ބޮޑު ހިތާމައެއް. ފަނަރަ އަހަރަށް ފަހު މުބާރާތެއް ކާމިޔާބުކުރަން ލިބުނު ރަނުގެ ފުރުސަތެއް ބީވެގެން މިދިޔައީ. މިއީ ހަމައެކަނި މި ޓީމަކަށް ނޫން މުޅި ގައުމަށް ވެސް ލިބުނު މާޔޫސްކަމެއް،" 1998 ވަނަ އަހަރުގެ ވޯލްޑް ކަޕާއި 2000 ވަނަ އަހަރުގެ ޔޫރޯ ފްރާންސަށް ހޯދައިދިން ކެޕްޓަން ޑިޝޯމްޕްސް ބުންޏެވެ.

އޭނާ ބުނީ މި ފައިނަލުގެ މަތިން ހަނދާން ނައްތާލަން ދުވަސް ނަގާނެ ކަމަށާއި ކުޅުންތެރިންނަށް ވެސް ލިބިފައިވަނީ ޝޮކެއް ކަމަށެވެ.

"ކޮންމެ ގޮތެއްވިޔަސް ގިނަ ބަޔަކު އުއްމީދުކޮށްގެން ތިބި ގޮތާ ހިލާފަށް މުބާރާތް މި ނިމުނީ. ވަރަށް އުއްމީދު އޮތް މުބާރާތް ކާމިޔާބުކޮށް ސަޕޯޓަރުންނަށް ވެސް ހަދިޔާއެއް ދޭން. އެކަމަކު އެކަން ކާމިޔާބު ނުވުމަކީ ލިބުނު ފޫނުބެއްދޭ ވަރުގެ ގެއްލުމެއް،" ޑިޝޯމްޕްސް ބުންޏެވެ.

ފްރާންސް އަތުން ޕޯޗުގަލް މޮޅުވީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި އެޑާ އިތުރު ވަގުތުގެ ދެ ވަނަ ހާފްގައި ޖެހި ލަނޑުން 1-0 އިންނެވެ. މިއީ ޕޯޗުގަލް އިން ބޮޑު މުބާރާތެއްގެ ޗެމްޕިއަންކަން ހޯދި ފުރަތަމަ ފަހަރެވެ.