04 ޖެނުއަރީ 2018 - 18:14

އުރީދޫ މޯލްޑިވްސްގެ ޗީފް ފައިނޭންޝަލް އޮފިސަރު (ސީއެފްއޯ) ގެ މަގާމަށާއި ވަތަނިއްޔާ އިންޓަނޭޝަނަލްގެ ފަރާތުން ބޯޑު ޑައިރެކްޓަރަކަށް ބޭފުޅަކު އައްޔަން ކޮށްފި އެވެ.
ރާއްޖޭގައި ފުޅާދާއިރާއެއްގައި މުވާސަލާތީ ޚިދުމަތް ދޭ ކުންފުނިން ބުނީ ސީއެފްއޯގެ މަގާމަށް އައްޔަންކުރީ މެލޭޝިއާގެ ބޭފުޅެއް ކަމަށްވާ ތަވަބަލަން ޕޫބަލަސިންހަމް ކަމަށެވެ.
މުވާސަލާތީ ޚިދުމަތުގެ ދާއިރާގައި 17 އަހަރު މަސައްކަތް ކުރައްވާފައިވާ ތަވަބަލަން، އުރީދޫއާ ގުޅިވަޑައިގަތުމުގެ ކުރިން މަސައްކަތް ކުރެއްވީ އުރީދޫ މިޔަންމާގެ ފައިނޭންޝަލް ކޮންޓްރޯލަރުގެ މަގާމުގައި ކަމަށް އުރީދޫން ބުންޏެވެ.
އޭނާއަކީ އެސޯސިއޭޝަން އޮފް ޗާޓަޑް ސަޓިފައިޑް އެކައުންޓަންޓްސް (އޭސީސީއޭ) ގެ މެމްބަރެއް ވެސް މެ އެވެ.
އުރީދޫން ބުނީ އުރީދޫ މޯލްޑިވްސްގެ ސީއެފްއޯ އަދި އެކްޒެކެޓިވް ޑައިރެކްޓަރުގެ މަގާމަށް ތަވަބާލަން ހަމަޖެއްސީ ކުރީގެ ސީއެފްއޯ ރަމަނަތަން ސިވަކުމާރް އެ މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެން ކަމަށެވެ.
ކުރީގެ ސީއެފްއޯ އަދި އެކްޒެކެޓިވް ޑައިރެކްޓަރުގެ މަގާމުގައި ހުންނެވައިގެން ރަމަނަތަން ވަނީ ކުންފުނީގެ ކާމިޔާބީ އާއި ކުރިއެރުމުގައި ވަރަށް މުހިއްމު ދައުރެއް އަދާކޮށްފައި ކަމަށް ވެސް އުރީދޫން ބުންޏެވެ.
"އުރީދޫ މޯލްޑިވްސްގެ ސީއެފްއޯ އަދި ބޯޑު ޑައިރެކްޓަރެއްގެ މަގާމަށް ތަވަބާލަން އައްޔަން ކުރުމާ ގުޅިގެން ކުންފުނީގެ ފަރާތުން އެ ބޭފުޅާ އަށް އަށް ވަރަށް ހޫނު މަރުހަބާއެއް ދަންނަވައި، ތަވަބާލަން ޕޫބަލަސިންހަމްގެ އިރުޝާދާއި އެހީތެރިކަމާއެކު ކުންފުނި އިތުރު ކުރިއެރުމާއި ކާމިޔާބު ހޯދާނެ ކަމަށް ޔަގީން ކުރަން،" އެ ކުންފުނިން ނެރުނު ނޫސްބަޔާނުގައި ވެ އެވެ.