ތާޖް މަހަލް އަށް އިންޑިއާ މީހުން ޒިޔާރަތްކުރާ ވަރު މަދުކުރަނީ
ތާޖް މަހަލް އަށް އިންޑިއާ މީހުން ޒިޔާރަތްކުރާ ވަރު މަދުކުރަނީ

ނިއު ދިއްލީ (ޖެނުއަރީ 4) - ތާޖް މަހަލް އަށް އިންޑިއާ މީހުން ކޮންމެ ދުވަހަކު ވެސް ޒިޔާރަތް ކުރާ މިންވަރު ލިމިޓް ކުރަން ނިންމައިފި އެވެ.

ސަތާރަ ވަނަ ގަރުނުގެ ބިނާ އަށް މީހުން ޒިޔާރަތް ކުރާވަރު ލިމިޓް ކުރަން ނިންމީ އެތަނަށް ލިބޭ ގެއްލުން ކުޑަ ކުރާށެވެ. ތަޖްރިބާކާރުން ބުނަނީ ކޮންމެ އަހަރަކު އެ ތަނަށް ޒިޔާރަތް ކުރާ އެތައް މިލިއަން މީހުންގެ ސަބަބުން ތާޖް މަހަލްގެ ހުދު މާބްލްތަކުގެ ކުލަ ބަދަލުވާ ކަމަށެވެ. އަދި އާގަރާގެ ވައިގެ ނުސާފުކަމުގެ ސަބަބުން މާބްލްތައް ރީނދޫ ކުލަ އަށް ބަދަލުވާތީ ކޮންމެ ދުވަހަކު ސާފު ކުރަން ޖެހޭ ކަމަށް ވެސް ބުނެފައިވެ އެވެ. އެހެންކަމުން އިންޑިއާ މީހުން ތާޖް މަހަލް އަށް ޒިޔާރަތް ކުރާ މިންވަރު ވަނީ ދުވާލަކަށް 40،000 އަށް ލިމިޓްކޮށްފަ އެވެ.

"ތާޖް މަހަލް އާއި އެތަނަށް ޒިޔާރަތް ކުރާ މީހުންގެ ރައްކާތެރި ކަމަށް ވެސް ވިސްނަން ޖެހޭ. ކްރައުޑް މެނޭޖް ކުރުމަކީ ބޮޑު ގޮންޖެހުމެއް،" ތާޖް މަހަލް ބަލަހައްޓާ އިންޑިއާގެ އާކިއޮލޮޖިކަލްގެ ސާވޭގެ އޮފިޝަލަކު ވިދާޅުވި އެވެ.

އިންޑިއާ މީހުން ތާޖް މަހަލް އަށް ޒިޔާރަތް ކުރާ މިންވަރު ލިމިޓްކުރި ނަމަވެސް ބޭރު މީހުންނަށް ވަކި ލިމިޓެއް ނެތެވެ. ބޭރު މީހުން ތާޖް މަހަލް އަށް ޒިޔާރަތް ކުރުމަށް 1،000 ރުޕީސް (16 ޑޮލަރު) ގެ ފީއެއް ނަގަ އެވެ. އިންޑިއާ މީހުންގެ އަތުން ނަގަނީ 40 ރުޕީސް އެވެ.

ޔުނެސްކޯގެ ވޯލްޑް ހެރިޓޭޖް ސައިޓެއްގެ ގޮތުގައި ކަނޑައަޅާފައިވާ ތާޖް މަހަލް އަށް ވަނުމަށް މިހާރު ވެސް ދިގު ކިޔޫއެއް ހަދަން ޖެހެ އެވެ. ތާޖް މަހަލް އަށް އެވްރެޖްކޮށް ކޮންމެ ދުވަހަކު ވެސް 10،000-15،000 އާ ދެމެދުގެ އަދަދަކަށް މީހުން ޒިޔާރަތް ކުރެ އެވެ. ނަމަވެސް ހަފުތާ ބަންދުތަކުގައި 70،000 މީހުން ޒިޔާރަތް ކުރެ އެވެ. ތާޖް މަހަލް އަށް 2016 ވަނަ އަހަރު ވަނީ 6.5 މިލިއަން މީހުން ޒިޔާރަތް ކޮށްފަ އެވެ.