04 ޖެނުއަރީ 2018 - 15:25

ޑްރަގް މައްސަލައެއްގައި ޖަލަށްލާފައި ހުރި މ. ލޮނުމިދިލިގޭ އިބްރާހިމް ޝަފާޒް އަބްދުއްރައްޒާގު (ސަފާ) ގަވާއިދާ ޚިލާފަށް ރާއްޖެއިން ބޭރަށް ފުރުވާލި މައްސަލާގައި އެންވަޔަރްމެންޓް މިނިސްޓްރީގެ ސީނިއާ ޕޮލިސީ އެގްޒެކެޓިވް މުހައްމަދު ހާނިމާއި ކުރީގެ ކޮމިޝަނާ އޮފް ޕްރިޒަންސް މޫސާ އާޒިމްގެ މައްޗަށް ދައުވާކޮށް، ކްރިމިނަލް ކޯޓަށް ފޮނުވައިފި އެވެ.

ހުކުމް ތަންފީޒު ކުރަމުން ދަނިކޮށް ބޭސްފަރުވާ އަށް ސަފާ ސްރީލަންކާ އަށް ފޮނުވާލި މައްސަލާގައި ހާނިމާއި އާޒިމްގެ މައްޗަށް ކުރަނީ މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން ނާޖާއިޒް ފައިދާ ހޯދައި ދިނުމުގެ ދައުވާ އެވެ. މި މައްސަލާގައި ދައުވާކޮށް، ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ކޯޓަށް ފޮނުވީ މިދިޔަ އަންގާރަ ދުވަހު އެވެ.
އެ މައްސަލަ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިންނެވެ.
ހާނިމާއި އާޒިމްގެ އިތުރުން އެހެން ހަތަރު މީހަކަށް ވެސް އެ މައްސަލާގައި ދައުވާކޮށްދޭން އެދި އޭސީސީން ޕީޖީއަށް ފޮނުވި އެވެ. އެއީ ކަރެކްޝަނަލް ސާވިސްގެ މެޑިކަލް ބޯޑުގެެ ދެ މެމްބަރަކާއި އައިޖީއެމްއެޗްގެ ޑޮކްޓަރަކާއި މާލޭ ޖަލުގެ ޗީފް ސުޕްރިޓެންޑެންޓްގެ މައްޗަށެވެ. އެކަމަކު އެ ހަތަރު މީހުންގެ މައްޗަށް ދައުވާ ނުކުރަން ނިންމާފައިވާ ކަމަށް ޕީޖީ އޮފީހުން ބުނެ އެވެ.
ސަފާ ލަންކާއަށް ފޮނުވާލާފައި ހުއްޓާ ފަހުން އޭނާ ވަނީ ރާއްޖެ ގެނެސްފަ އެވެ. ފަހުން ހައި ކޯޓުން ވަނީ އޭނާގެ ޖަލު ހުކުމް ބާތިލްކޮށް، އޭނާ މިނިވަންކޮށްފަ އެވެ.