ޖެޓް އެއާވޭސްގެ ބޯޓެއްގެ ކޮކްޕިޓުގައި ޕައިލެޓުންގެ ހަމަނުޖެހުން
ޖެޓް އެއާވޭސްގެ ބޯޓެއްގެ ކޮކްޕިޓުގައި ޕައިލެޓުންގެ ހަމަނުޖެހުން

ނިއު ދިއްލީ (ޖެނުއަރީ 4) - ލަންޑަނުން މުމްބާއީ އަށް ދަތުރު ކުރި އިންޑިއާގެ ޖެޓް އެއާވޭސްގެ މަތިންދާ ބޯޓެއްގެ ކޮކްޕިޓުގައި ދެ ޕައިލެޓުންގެ މެދުގައި ހަމަނުޖެހުން ހިންގައިފި އެވެ.

އެއާ ލައިނުން ބުނީ އާ އަހަރު ފެށުނު ދުވަހު ކުރި ދަތުރުގައި ކޮކްޕިޓުގައި ދެ ޕައިލެޓުންގެ މެދުގައި "މިސްއަންޑަސްޓޭޑިންއެއް" ހިނގި ކަމަށެވެ. އަދި ކޮކްޕިޓުގެ ހަމަނުޖެހުމުގައި ބައިވެރި ދެ ޕައިލެޓުން މިހާރު ސަސްޕެންޑްކޮށްފައިވާ ކަމަށް ވެސް އެއާލައިނުން ބުންޏެވެ. އެ މައްސަލަ މިހާރު ދަނީ ތަހުގީގު ކުރަމުންނެވެ.

ޕައިލެޓުންގެ ކޯޅުންގަނޑު ކުރިއަށް ދިޔަ ނަމަވެސް 324 ޕަސެންޖަރުންނާ އެކު ދަތުރު ކުރި ބޯޓު ވަނީ ސަލާމަތުން މުމްބާއީ އަށް ޖައްސައިފަ އެވެ.

އިންޑިއާގެ ބައެއް މީޑިއާތަކުން ބުނި ގޮތުގައި ކޮކްޕިޓުގައި ހަމަނުޖެހުން އުފެދުނީ ފިރިހެން ޕައިލެޓް، އަންހެން ޕައިލެޓް ގައިގައި މަޖަލަކަށްވާ ގޮތަށް ޖަހާލުމުން ކަމަށެވެ. އަދި އެކަމުގެ ރުޅީގައި އަންހެން ޕައިލެޓް ކޮކްޕިޓުން ނުކުމެގެން ދިޔަ ކަމަށާއި އޭނާ އެނބުރި އައީ އެތައް އިރެއް ފަހުން ކަމަށް ވެސް ބުނެފައިވެ އެވެ.

ޖެޓް އެއާވޭސް އިން ބުނީ އެ މައްސަލަ ވަނީ ޑައިރެކްޓަރޭޓް ޖެނެރަލް އޮފް ސިވިލް އޭވިއޭޝަން އަށް ރިޕޯޓްކޮށްފައި ކަމަށާއި ޕަސިންޖަރުންގެ ސަލާމަތާ މެދު ފަރުވާ ކުޑަކުރާ ސްޓާފުންނާ މެދު ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށެވެ.