05 ޖެނުއަރީ 2018 - 07:54

ފާއިތުވީ އަހަރަކީ ރަންވީރު ސިންގަށް އެހާ ރަނގަޅު އަހަރެއް ނޫނެވެ. އޭނާ އެންމެ ފަހުން ކުޅުނު "ބޭފިކްރޭ" ނާކާމިޔާބުވުމުގެ އިތުރުން މުޅި އަހަރުގެ މަސައްކަތް ގުރުބާންކުރި "ޕަދްމާވަތީ" އަދިވެސް ރިލީޒެއް ނުކުރެވެ އެވެ.
ނަމަވެސް ރަންވީރު ބުނާ ގޮތުގައި މި އަހަރު އަނެއްކާވެސް އޭނާގެ ވަރަށް ރީތި، މޮޅު ފިލްމުތަކެއް ފެންނާނެ އެވެ.
މި އަހަރު ރިލިޒްކުރާ ރަންވީރުގެ ފިލްމުތަކުގެ ތެރޭގައި ޑައިރެކްޓަރު ޒޯޔާ އަޚްތަރުގެ "ގަލީ ބޯއީ"، ރޯހިތު ޝެޓީ ޑައިރެކްޓްކުރާ "ސިމްބާ" އަދި "ޕަދްމާވަތީ" ހިމެނެ އެވެ. މީގެ ތެރެއިން "ގަލީ ބޯއީ"ގައި ރަންވީރާ އެކު ބަތަލާގެ ރޯލު ކުޅެނީ އާލިއާ ބަޓް އެވެ.
ރަންވީރު ބުނީ އޭނާގެ ފިލްމީ ކެރިއަރުގެ އެންމެ ރަނގަޅު ދުވަސްތައް އަދި އޮތީ ކުރިޔަށް ކަމަށެވެ. އެގޮތުން މި އަހަރު ވަރަށް އެކަށީގެންވާ ނަތީޖާއެއް ނެރެވޭނެ ކަމަށް ގަބޫލުކުރެ އެވެ. ސަބަބަކީ މި އަހަރު އަޅުވާ ތިން ފިލްމުގައި ވެސް ވަރަށް މޮޅު ރޯލުތަކެއް ކުޅެފައި ވާތީ އެވެ.
"ޕަދްމާވަތީ"ގައި ރަންވީރު ކުޅެނީ މުސްލިމް ރަސްކަލެއް ކަމަށްވާ އަލާއުއްދީން ޚިލްޖީގެ ރޯލެވެ. ފިލްމުގައި ދައްކަނީ އެއީ އަނިޔާވެރި ރަސްކަލެއްގެ ގޮތުގަ އެވެ. "ގަލީ ބޯއީ"ގައި ކުޅެނީ ނައެޒީ ނުވަތަ ނާވީދު ޝޭޚް ކިޔާ ސްޓްރީޓް ރެޕާއެއްގެ ރޯލެވެ. "ސިމްބާ"ގައި އޭނާއަކީ އިނިސްޕެކްޓާ ސަންގްރާމް ރާއޯ އެވެ.
ރަންވީރު ބުނީ "ސިމްބާ"އާ ދޭތެރޭ އޭނާ ވަރަށް ޖެހިލުންވެ އެވެ. ސަބަބަކީ އެއް ބަތަލު އުޅޭ މިކަހަލަ ބޮޑު ފިލްމެއް އަދި މިހާތަނަށް އޭނާ ކުޅެފައި ނުވާތީ އެވެ.
ރަންވީރު 2010 ގައި ކުޅުނު "ބޭންޑް ބާޖާ ބާރާތު" އަށް ފަހު ކާމިޔާބު ލިބުނީ 2015 ގައި ނުކުތް "ބާޖީރާއޯ މަސްތާނީ" އަށެވެ. އެކަމަކު އޭނާ އުޅޭ ގޮތުން އާންމުންގެ ހަނދާނުން ފިލައިގެންނެއް ނުދެ އެވެ. ރަންވީރު ބުނާ ގޮތުން ނަމަ މި އަހަރު ނުކުންނަ ފިލްމުތަކުގެ ސަބަބުން އާންމުންގެ ލޯބި މާ ބޮޑަށް ލިބޭނެ އެވެ.