ތޫފާނަށް ފަހު އިންޑިއާ އިން 660 މަސްވެރިން ވަނީ ގެއްލިފައި
ތޫފާނަށް ފަހު އިންޑިއާ އިން 660 މަސްވެރިން ވަނީ ގެއްލިފައި

ނިއު ދިއްލީ (ޖެނުއަރީ 4) - މިދިޔަ އަހަރުގެ ފަހުކޮޅު ކުރިމަތިވި ބާރުގަދަ އޮކްޝީ ތޫފާނުގައި އިންޑިއާ އިން 660 އަށް ވުރެ ގިނަ މަސްވެރިން ގެއްލިފައިވާ ކަމަށް އެ ގައުމުގެ ރަސްމީ ފަރާތްތަކުން ބުނެފި އެވެ.

ތޫފާން އޮކްޝީ ނޮވެމްބަރު 29 ވަނަ ދުވަހު ސްރީ ލަންކާ އަށް އަރާ އެ ގައުމުން ވަނީ 27 މީހުން މަރުވެފަ އެވެ. މި ތޫފާނުގައި އިންޑިއާ އިން ވަނީ 250 އަށް ވުރެ ގިނަ މީހުން މަރުވެފަ އެވެ. ގަޑިއަކު 130 ކިލޯމީޓަރު (80 މޭލު) ގެ ބާރު މިނުގައި ވައި ޖެހެމުންދިޔަ ތޫފާނުގައި އިންޑިއާގެ ބައެއް ސަރަހައްދުތަކުން އިމާރާތްތައް ވެއްޓި، ފޯނާއި ކަރަންޓް ނެޓްވޯކް ހަލާކުވެ އަދި އިންފްރާސްޓްރަކްޗާ އަށް ވަނީ ބޮޑެތި ގެއްލުންތައް ލިބިފަ އެވެ.

އިންޑިއާގެ ޑިފެންސް މިނިސްޓަރު ނިރްމަލާ ސިތާރާމް ޕާލަމެންޓުގައި ވާހަކަ ދައްކަވަމުން ވިދާޅުވީ ތޫފާނުގައި 661 މަސްވެރިން ގެއްލިފައިވާ ކަމަށެވެ. މީގެ ތެރޭން 400 މީހުންނަކީ ޓަމިލް ނާޑޫ މީހުންނެވެ. ބާކީ 261 މީހުންނަކީ ކެރަލާ މީހުންނެވެ. ސިތާރާމް ވިދާޅުވީ ޑިސެމްބަރު 20 އާ ހަމައަށް 845 މީހުން ސަލާމަތްކޮށްފައިވާ ކަމަށެވެ.

ތޫފާނާ ގުޅިގެން މަސްވެރިންނަށް އެކަށީގެންވާ އިންޒާރު ދީފައި ނުވާ ކަމުގެ ޝަކުވާތައް ވެސް ވަނީ އާއްމުވެފަ އެވެ. ހާލުގައި ޖެހުނު ބައެއް މަސްބޯޓުތައް ވަނީ ލަންކާ އާއި އެރޭބިއަން ކަނޑުން ވެސް ސަލާމަތްކޮށްފަ އެވެ.

ތޫފާން އޮކްޝީގައި ގެއްލުނު އިންޑިއާގެ މަސްވެރިން ހޯދަން އެ ގައުމުގެ އެހެން މަސްވެރިންތަކެއް ރާއްޖެ އަށް މިހާރު ވަނީ މިސްރާބު ޖަހައިފަ އެވެ.