އުމުރު ދުވަހުގެ ޖަލު ހުކުމަކުން ސަލާމަތްވެފައި ވަނިކޮށް، އެހެން މައްސަލައެއްގައި 10 އަހަރުގެ ޖަލު ހުކުމެއް
އުމުރު ދުވަހުގެ ޖަލު ހުކުމަކުން ސަލާމަތްވެފައި ވަނިކޮށް، އެހެން މައްސަލައެއްގައި 10 އަހަރުގެ ޖަލު ހުކުމެއް

ދެ ކިލޯގެ މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރު ދުވަހުގެ ޖަލު ހުކުމަކުން ސަލާމަތްވި މީހަކު، މަސްތުވާތަކެތީގެ އެހެން މައްސަލައެއްގައި 10 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.

އޮފީހެއްގެ ތެރެއިން 2011 ވަނަ އަހަރު ދެ ކިލޯ އަށް ވުރެ ގިނަ މަސްތުވާތަކެތި ފެނުނު މައްސަލާގައި ރ. މަޑުއްވަރީ މުޝްތަރީގޭ، ހުސައިން ސަބާހް އުމުރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައި ވަނިކޮށް، އެ ހުކުމުން އޭނާ ސަލާމަތްވީ 2014 ގައި އެ ހުކުމް ހައި ކޯޓުން ބާތިލް ކުރުމުންނެވެ. ހައި ކޯޓުން އެ ހުކުމް ބާތިލްކުރީ މަސްތުވާތަކެތި ފެނުނު އޮފީހަށް ކޯޓު އަމުރެއް ނެތި ފުލުހުން ވަދެފައިވާތީ އެވެ.

ނަމަވެސް މި ފަހަރު ސަބާހްގެ މައްޗަށް 10 އަހަރުގެ ޖަލު ހުކުމެއް އައީ އޭނާ އުމުރު ދުވަހުގެ ޖަލު ހުކުމުން ސަލާމަތްވި ފަހުން ،މިދިޔަ އަހަރުގެ މާޗް މަހު ހައްޔަރު ކުރިއިރު، އޭނާގެ ޖީބުން ނުވަ ގްރާމްގެ މަސްތުވާތަކެތި ފެނުނު މައްސަލައެއްގަ އެވެ. ފުލުހުން ސަބާހް ހައްޔަރުކުރީ އޭނާ މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމަށް ފުލުހުންނަށް މައުލޫމާތު ލިބިގެން ހިންގި އޮޕަރޭޝަނެއްގަ އެވެ.

އެ މައްސަލާގައި މިދިޔަ ޑިސެމްބަރު މަހުގެ 24 ވަނަ ދުވަހު ކޯޓުން ކުރި ހުކުމުގައި، ސަބާހްގެ މައްޗަށް އެ ކުށް ސާބިތުވާތީ އޭނާ 10 އަހަރަށް ޖަލަށްލާން ހުކުމް ކުރުމުގެ އިތުރުން ވަނީ 50،000ރ. އިން ޖޫރިމަނާ ވެސް ކޮށްފަ އެވެ. ޖޫރިމަނާ ފައިސާ 30 ދުވަހުގެ ތެރޭގައި ދައުލަތަށް ދައްކަން އެ ހުކުމުގައި ވަނީ އަންގައިފަ އެވެ.

ސަބާހް ޖަލަށް ލާން ހުކުމް ކުރިއިރު، އޭނާ އުމުރު ދުވަހުގެ ޖަލު ހުކުމުން ސަލާމަތްވި މައްސަލަ ދައުލަތުން އޮތީ ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކޮށްފަ އެވެ.