05 ޖެނުއަރީ 2018 - 07:29

އެއް ކަމެއް ކުރާ އަދި ވާދަވެރި ދެ އަންހެނަކު އާންމުކޮށް އެކަކު އަނެކަކާ ނުގުޅެ އެވެ. މިއީ އިންޑިއާގެ މުނިފޫހިފިލުވުމުގެ ދާއިރާއިން ވެސް ފެންނަ ވަރަށް ބޮޑު ހަގީގަތެކެވެ.
ބޮލީވުޑް ތަރިން ކަމަށްވާ މާދުރީ ޑިކްޝިޓް އާއި ޖޫހީ ޗައުލާ އެއް ވަނަ މަގާމަށް ވާދަކުރި ދުވަސްވަރު މި ދެ ބަތަލާއިންގެ މެދުގައި ވަރަށް ބޮޑު ވާދަވެރިކަމެއް އޮތެވެ. ކަރީނާ ކަޕޫރާއި ޕްރިޔަންކާ ޗޯޕްރާ މިހާރު ވެސް އެކަކު އަނެކަކާ ވާހަކަ ދައްކައެއް ނޫޅެ އެވެ.
އެކަމަކު ޖޫހީ އާއި މާދުރީ ވަނީ ދާދި ފަހުން އެމީހުންގެ ޚިޔާލުތަފާތުވުންތައް އެއްފަރާތްކޮށް "ގުލާބް ގޭންގް" ކުޅެފަ އެވެ.
ކަލާޒް ޗެނަލުން ދައްކާ "ބިގް ބޮސް" ރިއަލިޓީ ޝޯގައި ވެސް ފެށުނީއްސުރެ ފެނުނީ ވާދަވެރިން ވަރަށް ބޮޑަށް ޖެހިފައި ތިއްބަ އެވެ.
ފުރަތަމަ ސީޒަންގައި ރާކީ ސާވަންތާއި ކަޝްމީރާ ޝާހެވެ. އޭގެ ފަހުން ޕާޔަލް ރަހަތޯގީ އާއި ސަމްބާވްނާ ޝޭތު، ޑޯލީ ބިންދްރާ އާއި ޝްވޭތާ ތިވާރީ އަދި ތަނީޝާ މުކަރުޖީ އާއި ގޯހަރް ޚާންގެ ދެކޮޅުވެރިކަން އެކި ސީޒަންތަކުގައި ފެނުނެވެ.
މިފަހަރުގެ ސީޒަންގައި އެންމެ ބޮޑު ވާދަވެރިކަމަކާއި ދެކޮޅުވެރިކަމެއް އޮތީ ޝިލްޕާ ޝިންޑޭ އާއި ހީނާ ޚާންގެ މެދުގަ އެވެ. ނަމަވެސް ޓީވީ ސިލްސިލާތަކުން ވަރަށް ގިނަ ބައެއްގެ މަގްބޫލުކަން ހޯދާފައިވާ މި ދެ ފަންނާނުންގެ ވާދަވެރިކަން އެހެން ސީޒަންތަކުގައި ނުފެންނަ ކަހަލަ ގޮތަކަށް ވަނީ އެނބުރިފަ އެވެ.
ކުރީ ސީޒަންތަކުގައި ދެކޮޅުވެރިވެގެން އުޅުނު ފަންނާނުން ޝޯ ނިމުމަށް ފަހު ވެސް އެ ގޮތުގައި ދެމިތިބިކަން ފާހަގަކޮށްލެވެ އެވެ. ނަމަވެސް ހީނާ އާއި ޝިލްޕާ މި ފެނުނީ ޝޯ ނުނިމެނީސް އެ ވާދަވެރިކަން ދޫކޮށް އެއް ޓީމެއްގެ ގޮތުގައި މަސައްކަތް ފެށި ތަނެވެ.
ޝޯ ފެށުނީއްސުރެ އެކަކު އަނެކަކަށް މަލާމާތްކުރުމާއި ޖެއްސުން ކުރުމުގައި ދެމިތިބި މި ދެ އެކްޓަރުންނަށް މި ވީ ގޮތުން ގިނަ ބަޔަކު ވަނީ ހައިރާންވެފަ އެވެ.
ޝޯގައި މި މީހުން އެކުވެރިންނަށް ވީ އާކާޝް ދަދްލާނީ އާއި ވިކާސް ގުޕްތާއާ ދެކޮޅަށް މަސައްކަތެއް ފުރިހަމަކުރަން ޖެހުމުންނެވެ. އެންމެ އަޅައިގަތް ކަމަކީ ހީނާ އަށް މަލާމާތްކުރީތީ ޝިލްޕާ މައާފަށް އެދުމާއި ދެ މީހުން އެކަކު އަނެކަކުގެ ގައިގައި ބައްދާލާ ސަލާން ކުރުމުންނެވެ. އޭގެ ފަހުން ދެ މީހުންގެ ގުޅުން ވަނީ ވަރަށް ރަނގަޅުވެފަ އެވެ.
ބިގް ބޮސްގެ ޚަބަރުތައް ބުނާ ގޮތުން މި ޝޯގެ ފައިނަލްގައި އެންމެ ބޮޑަށް ވާދަކުރާނެ ކަމަށް ބެލެވޭ ދެ ބައިވެރިންނަކީ ވެސް މި އެވެ. އަދި ޝޯ ކާމިޔާބުކުރާނީ މިތަނުން އެކަކު ކަމަށް ވަރަށް ގިނަ ބަޔަކު މިހާރު ގަބޫލުކުރެ އެވެ.
ނަމަވެސް ކުރީ ފަހަރުތަކާއި މިފަހަރުގެ ތަފާތަކީ ފައިނަލަށް ހިނގައްޖެ ނަމަ މި ދެ މީހުން ވެސް އެކަކު އަނެކަކާ ވާދަކުރަން ޖެހޭނެތީ އެވެ. ދެ ހަތުރުންގެ ގޮތަކު ނޫނެވެ. ހަމައެކަނި ދެ ވާދަވެރިންގެ ގޮތުގަ އެވެ.