05 ޖެނުއަރީ 2018 - 07:52

ރޭގަނޑު ހަތަރުދަމާ އެކު 18 ގަޑިއިރުގެ ޝިފްޓް ޑިއުޓީއެއްގައި ވަރަށް ބުރަކޮށް މަސައްކަތްކުރި ޗައިނާގެ ޑޮކްޓަރަކު ޑިއުޓީގައި ހުއްޓާ ސްޓްރޯކެއް ޖެހި މަރުވެއްޖެ އެވެ.
ބަލިމީހެއްގެ ފުރާނަ ސަލާމަތްކުރަން މަސައްކަތް ކުރަމުން ދަނިކޮށް ޑރ. ޒާއޯ ބިއަންޒިއަންގް ވެއްޓުނު މަންޒަރު އޭނާއާ އެކުގައި މަސައްކަތްކުރި ޑޮކްޓަރުންނާއި ނަރުހުންނަށް ވެސް ފެނުނެވެ.
ޗައިނާގެ ޔޫސީ ޑިސްޓްރިކްޓް ހޮސްޕިޓަލްގައި މިދިޔަ ހަފުތާގައި ހިނގި މި ހާދިސާގައި ޒާއޯ އަށް ސްޓްރޯކެއް ޖެހިގެން ވެއްޓުމުން އޭނާ ސަލާމަތްކުރަން 20 ގަޑިއިރު ބުރަ މަސައްކަތްތަކެއް ކުރި ކަމަށް އެހެން ޑޮކްޓަރަަކު ޗައިނާގެ މީޑިއާއަށް ކިޔައިދިނެވެ،
އޭނާ ބުނި ގޮތުގައި ޑިސެމްބަރު 28 ގައި ޑރ. ޒާއޯ ޑިއުޓީ ފެށީ އިރުއޮއްސި 6.00 ގަ އެވެ. އޭނާ ވެއްޓުނީ އެއްވެސް ބްރޭކެއް ނެގުމެއް ނެތި އެރޭ ހަތަރުދަމު ހޭލާ ހުރެ މަސައްކަތް ކުރަމުން ގޮސް އަނެއް ދުވަހު މެންދުރުވީ ފަހުންނެވެ.
ޒާއޯއާ އެކު އުޅުނު ޑޮކްޓަރު ބުނި ގޮތުގައި މަސައްކަތް ހުންނަ ގޮތުން ވަރަށް ގިނަ ފަހަރު ޑިއުޓީ ނިމޭއިރު ވެސް ސަލާމަތެއް ނުވެވެ އެވެ. އަދި އެ ހޮސްޕިޓަލުގެ ޑިޕާޓްމަންޓް އޮފް ރެސްޕިރޭޓަރީ ކެއާގެ މަސައްކަތް ފަހަކަށް އައިސް ވަނީ މާ ބުރަވެފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ.
ޑރ. ޒާއޯ، 43، އާ އެކު މަސައްކަތްކުރާ ޑޮކްޓަރުންނާއި ނަރުހުން އޭނާ ސިފަކުރަނީ ކަމަށް ކަމޭހިތައިގެން ބުރަކޮށް މަސައްކަތްކުރާ ޑޮކްޓަރެއްގެ ގޮތުގަ އެވެ.
"ޑރ. ޒާއޯ ހަގީގަތުގައި ވެސް ހުރީ ވަރަށް ވަރުބަލިވެފައި،" އޭނާއާ އެކު އުޅުނު ޑޮކްޓަރު ބުންޏެވެ.
އޭނާގެ ފުރާނަ ސަލާމަތްކުރެވޭތޯ ޗައިނާގެ ދުރު ހިސާބަކުން ވަރަށް މޮޅު ތަޖުރިބާކާރު ޑޮކްޓަރަކު ވެސް އެ ހޮސްޕިޓަލަށް ގެންދިޔަ އެވެ. އެކަމަކު ފުރާނަ ސަލާމަތެއް ނުކުރެވުނެވެ.
ޑރ. ޒާއޯ އަށް އެ ހާދިސާ ކުރިމަތިވީއްސުރެ އެންމެ ވަގުތު ކޮޅަކަށް ވެސް ބޭރަށް ނުގޮސް އޭނާގެ އަތުގައި ހިފަހައްޓާލައިގެން މަންމަ އާއި ބައްޕަ ތިއްބެވެ.
ބުރަކޮށް ގިނައިރު މަސައްކަތްކުރުމާ ގުޅިގެން ކުއްލިއަކަށް މަރުވާ މީހުން ކުރިން އެންމެ ގިނައީ ޖަޕާންގައި ނަމަވެސް ދާދި ފަހުން އެކަން ބޮޑީ ޗައިނާގަ އެވެ.
ގިނަ ވަގުތު ބުރަކޮށް މަސައްކަތްކުރުމުގެ ސަބަބުން ވަރުބަލިކަން އިންތިހާއަށް ގޮސް ޗައިނާގައި އަހަރަކު 600،000 މީހުން މަރުވާ ކަމަށް އެ ގައުމުގެ ޒިންހުއާ ނިއުސް އެޖެންސީން ބުންޏެވެ.
ޗައިނީޒް މެޑިކަލް ޖާނަލްގައިވާ ގޮތުން ގިނައިރު ވަންދެން ބުރަކޮށް މަސައްކަތްކުރުމުން ސިއްހީ ތަފާތު މައްސަލަތަކުގެ ސަބަބުން މި އަހަރުގެ ޖެނުއަރީން ޖުލައިގެ ނިޔަލަށް 13 ޑޮކްޓަރަކު ވަނީ މަރުވެފަ އެވެ.