ގަލޮޅު ދަނޑުގައި އެއްކޮށް ގޮނޑި ޖަހަނީ
ގަލޮޅު ދަނޑުގައި އެއްކޮށް ގޮނޑި ޖަހަނީ

އާ ސީޒަން ފަށާއިރު ގަލޮޅު ދަނޑުގެ ހުރިހާ ހިސާބެއްގައި ގޮނޑި ޖަހައި، "އޯލް-ސީޓާ" ސްޓޭޑިއަމަކަށް ބަދަލުވާނެ ކަމަށް އެފްއޭއެމުން ބުނެފި އެވެ.

އެ މަސައްކަތް ފަށާފައިވާތާ ދުވަސްތަކެއް ވެފައިވާއިރު ކުރިއަށް އޮތް ތިން ހަފުތާގެ ތެރޭގައި މަސައްކަތް ނިންމާލާނެ އެވެ. އެކަމަކު މި ބަދަލާ އެކު، މިހާރު 11،000 މީހުންނަށް ވަދެދޭ ސްޓޭޑިއަމަށް ދެން ވަދެވޭނީ 6500 މީހުންނަށެވެ.

ގަލޮޅު ދަނޑު އޯލް ސީޓާ ސްޓޭޑިއަމަކަށް ހެދުމަށް އޭއެފްސީން ވަނީ މަޖުބޫރުކޮށްފަ އެވެ. އެފްއޭއެމުން ކުރިން ރާވާފައި އޮތީ މިދިޔަ ސީޒަން ފަށަންވާއިރަށް އެ މަސައްކަތް ނިންމާލާށެވެ. އެކަމަކު އެކަން ކާމިޔާބުނުުވުމުން މިދިޔަ ސީޒަން ކުރިއަށްގެންދިޔައީ އޭއެފްސީގެ ހާއްސަ ހުއްދައެއްގެ ދަށުންނެވެ.

"އާ ބަދަލާ އެކު ކުރިއަށް ވުރެ ޖާގަ މަދުވާނެ. އެކަމަކު ކުޅިބެލުންތެރިންނަށް ވަރަށް ބޮޑަށް ފަސޭހަވާނެ ކުރިއަށް އޮތްތަނުގައި. ދަނޑަށް ވަންނަ ކޮންމެ މީހަކަށް ވެސް ހާއްސަ ގޮނޑިއެއް އިންނާނެ. ސަލާމަތީ ގޮތުން ބެލިޔަސް ދަނޑު އިތުރަށް ފުރިހަމަވާނެ،" އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒް ވިދާޅުވި އެވެ.

ޖަވާޒް ވިދާޅުވީ މި ބަދަލާ އެކު ދަނޑަށް ވަންނަ މީހުންގެ އަދަދު ވެސް އިތުރުވާނެ ކަމަށް ގަބޫލުކުރެވޭ ކަމަށެވެ. މިދިޔަ ސީޒަނުގެ ފަހުކޮޅު، ހާއްސަކޮށް އެފްއޭ ކަޕާއި ޕްރެޒިޑެންޓްސް ކަޕް ފައިނަލް މެޗު ބަލަން ވަން ސަޕޯޓަރުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވި އެވެ. މީގެ ކުރިން ގިނައިން ސަޕޯޓަރުން ވަންނަ މެޗުތަކުގައި ގޮނޑި ބަރި އެކަނި ފުރުނު ނަމަވެސް، އެ ދެ މެޗުގައި ސިޑިބަރި ވެސް އަށް ގިނަ ބަޔަކު ވަނެވެ.

ދަނޑުގެ ހުޅަނގު ފަރާތު ސިޑިބަރީގައި މިހާރު ވެސް ގޮނޑި ޖަހާފައި ހުރެ އެވެ. އެކަމަކު އެއީ ލަކުޑި ފަތިތަކަށް ޕްލާސްޓިކް ގޮނޑިތަކެއް އެޓޭޗްކޮށް ޖަހާފައިވާ ގޮނޑި ބަރިއެކެވެ. އެއީ އޭއެފްސީގެ މިންގަނޑާ ހިލާފު ގޮތެކެވެ. މިހާރު ކުރިއަށްދާ ޕްރޮޖެކްޓުގެ ދަށުން ގޮނޑި ޖަހާއިރު ޖަހާނީ ސިޑިބަރީގެ ކޮންގްރީޓް ގަނޑަށް ގޮނޑިތައް ހަރުލާ ގޮތަށެވެ. އެއީ ސަލާމަތީ ގޮތުން ބަލާއިރު ވެސް އެންމެ ފުރިހަމަ ގޮތެވެ.

އަންނަ ސީޒަން ހުޅުވާނީ ފެބްރުއަރީ 6 ވަނަ ދުވަހު ކުޅޭ ޗެރިޓީ ޝީލްޑް މެޗުންނެވެ. އެކަމަކު އޭއެފްސީ ކަޕުގެ ޕްރިލިމިނަރީ ބުރުގެ ދެ ވަނަ ލެގުގައި މާލޭގައި މި މަހުގެ 30 ވަނަ ދުވަހު ޓީސީ ސްޕޯޓްސް ކްލަބުން ބަންގްލަދޭޝްގެ ސައިފް ސްޕޯޓިން ކްލަބާ ދެކޮޅަށް ކުޅޭނެ އެވެ.

ރާއްޖޭގައި ޒަމާނުއްސުރެ ފުޓްބޯޅަ މުބާރާތްތައް ބާއްވަން ގަލޮޅު ދަނޑު ބޭނުންކުރަމުން އަންނައިރު ދަނޑުގައި މިހާރު ހުރި ސިޑިބަރިތައް ހަދާފައިވަނީ 1980ގެ އަހަރުތަކުގަ އެވެ. އަދި ކުރިން ހުރި ދަގަނޑު ފައިލީ ގޮނޑިބަރިތައް ޕްލާސްޓިކް ގޮނޑިއަށް ބަދަލުކޮށްފައިވަނީ ދެހާހުގެ މެދުތެރޭގެ އަހަރުތަކުގަ އެވެ. ސާފް ޗެމްޕިއަންޝިޕް ބާއްވަން 2008 ވަނަ އަހަރު ވެސް ދަނޑަށް ކޮންމެވެސް ވަރެއްގެ ބަދަލުތަކެއް ގެނެސްފައިވާއިރު، އެންމެ ފަހުން ބޮޑު ބަދަލެއް ގެނައީ 2014 ވަނަ އަހަރުގެ އޭއެފްސީ ޗެލެންޖް ކަޕަށެވެ. އެ ފަހަރު ރޮސްޓަރަމް ތަޅާލައި ވީއައިޕީ ބޮކްސް އާއި މީޑިއާ ބޮކްސް އާއި ޕްރެސް ރޫމް ހިމެނޭ ގޮތަށް ފެންވަރު ރަނގަޅު ރޮސްޓަރަމެއް ވަނީ ތަރައްގީކޮށްފަ އެވެ. އަދި އެ ފަހަރު ދަނޑުގެ ނަން ވަނީ ގައުމީ ފުޓްބޯޅަ ސްޓޭޑިއަމަށް ރި-ބްރޭންޑްކޮށްފަ އެވެ.

ކުރިން އެތުލެޓިކްސް އާއި ކްރިކެޓަށް ވެސް ގަލޮޅު ދަނޑު ބޭނުންކުރި ނަމަވެސް ދެހާހުގެ އަހަރުތަކުން ފެށިގެން ދަނޑު މުޅިން ވެސް ބޭނުންކުރަނީ ފުޓްބޯޅަ އަށެވެ. އެކަމަކު މިނިވަން ދުވަހުގެ ހަރަކާތްތައް ބޭއްވުމަށާއި ބައެއް މިއުޒިކް ޝޯ ތަކަށް އަދިވެސް ދަނޑު ދޫކުރެ އެވެ.