11 ޖުލައި 2016 - 13:03

ކޮލަމްބޯ (ޖުލައި 11) - ސްރީ ލަންކާގެ ޚާރިޖީ ވަޒީރު މަންގަލަ ސަމަރަވީރާގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނަގަން ވިސްނަމުންދާ ކަމަށް އިދިކޮޅު ފަރާތްތަކުން ބުނެފި އެވެ.

ޖޮއިންޓް އޮޕޮޒިޝަންގެ ޕާލަމެންޓް މެންބަރު އުދަޔާ ގަމަންޕިލާ ވިދާޅުވީ ސަމަރަވީރާގެ އިތުބާރު ނެތް ކަމަށް ހުށަހަޅަނީ ލަންކާ ހަނގުރާމައިގެ ޖަރީމާތައް ތަހުގީގު ކުރުމަށް ބޭރުގެ ފަނޑިޔާރުން ގެންނަން އުޅޭ މައްސަލާގައި ކަމަށެވެ. އަދި ރައީސް މައިތުރިޕާލާ ސިރިސޭނާ ވިދާޅުވެފައިވާ ގޮތާ ޚިލާފަށް ސަމަރަވީރާ ކަންކަން ކުރައްވަން އުޅުއްވުމަކީ މައްސަލައެއް ކަމަށް ވެސް ގަމަންޕިލާ ވިދާޅުވި އެވެ.
އދ. ގެ ގަރާރަށް ބޯލަނބާ، ސިރިސޭނާ ވަނީ ލަންކާ ހަނގުރާމައިގެ ތެރޭގައި ހިންގާފައިވާ އިންސާނިއްޔަތާ ޚިލާފު ހުރިހާ އަމަލެއް ތަހުގީގު ކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި އެކަން ކުރާނީ އެތެރޭގެ ތަހުގީގަކުން ކަމަށް ވެސް ސިރިސޭނާ ވިދާޅުވެފައިވެ އެވެ.
ގަމަންޕިލާ ވިދާޅުވީ ސަމަރަވީރާ އުޅުއްވަނީ ރައީސްގެ ބާރު ކަނޑުވާލަން ކަމަށާއި އެހެންވެ އޭނާ އިސްތިއުފާ ދެއްވަން ޖެހޭ ކަމަށެވެ. ނޫން ނަމަ ރައީސް ސިރިސޭނާ އޭނާ މަގާމުން ވަކި ކުރައްވަން ޖެހޭ ކަމަށް ވެސް ގަމަންޕިލާ ވިދާޅުވި އެވެ.
"މި ދެގޮތުން ކުރެ ގޮތަކަށް އަމަލު ނުކޮށްފި ނަމަ އިދިކޮޅު އިއްތިހާދަށް ދެން ޖެހޭނީ ސަމަރަވީރާގެ އިތުބާރު ނެތް ކަމަށް ޕާލަމެންޓަށް ހުށަހަޅަން،" ގަމަންޕިލާ ވިދާޅުވި އެވެ.
އިދިކޮޅު ފަރާތްތަކަށް ރައްދު ދެއްވަމުން ފޮރިން މިނިސްޓަރުގެ ނައިބް އަޖިތު ޕެރޭރާ ވިދާޅުވީ މިއީ ވަރަށް ބޮޑު ޖޯކެއް ކަމަށާއި ހަނގުރާމައިގެ ކުށްތައް ތަހުގީގު ކުރުމުގައި ލަންކާ ސަރުކާރުގެ ހުރިހާ ވެރިންގެ ވެސް ވިސްނުން އެއްގޮތް ކަމަށެވެ. އަދި ހަނގުރާމައިގެ ކުށްތައް ތަހުގީގު ކުރުމުގައި ބޭރުގެ ފަނޑިޔާރުން ގެންނާނެ ކަމަށް ސަމަރަވީރާ ވިދާޅުވެފައި ނުވާ ކަމަށާއި ގަމަންޕިލާގެ ބޭނުމަކީ ރައްޔިތުންނަށް އޮޅުވާލުން ކަމަށް ޕެރޭރާ ވިދާޅުވި އެވެ.
އިިދިކޮޅު ފަރާތްތައް ގުޅިގެން ދާދި ފަހުން ވަނީ ލަންކާގެ މާލީ ވަޒީރު ރަވީ ކަރުނަނަޔަކަގެ އިތުބާރު ނެތްކަމުގެ ވޯޓެއް ވެސް ނަގައިފަ އެވެ. ނަމަވެސް އެ ވޯޓު ސަރުކާރުން ވަނީ 94 ވޯޓުން ކާމިޔާބުކޮށްފަ އެވެ.