ވެއްޓުނު ސީޕްލޭން ކޯރުން ނެގުމުގެ މަސައްކަތް ފަށައިފި
ވެއްޓުނު ސީޕްލޭން ކޯރުން ނެގުމުގެ މަސައްކަތް ފަށައިފި

ސިޑްނީ (ޖެނުއަރީ 4) - އޮސްޓްރޭލިއާގެ ސިޑްނީއާ ކައިރީގައިވާ ކޯރަކަށް މިދިޔަ ހޯމަ ދުވަހު ވެއްޓުނު ސީޕްލޭން ނެގުމުގެ މަސައްކަތް ފަށައިފި އެވެ.

ވެއްޓުނު ސީޕްލޭނުން ދަތުރު ކުރި ހަ މީހުން ވެސް ވަނީ މަރުވެފަ އެވެ. ސީޕްލޭނުން ދަތުރު ކުރީ އިނގިރޭސިވިލާތުގެ ވިޔަފާރި ވެރިޔާ ކޮމްޕަސް ގްރޫޕުގެ ޗީފް އެގްޒެކެޓިވް ރިޗާޑް ކަޒިންސް، 58، އާއި އޭނާގެ އާއިލާގެ ހަތަރު މެމްބަރުންނާއި ބޯޓުގެ ކެނެޑާ ޕައިލެޓެވެ. ބޯޓު ދުއްވި ކެޕްޓަން ގެރެތު މޯގަން ވަނީ 2015 އިން 2017 ގެ ފެބްރުއަރީ އަށް ރާއްޖޭގައި ޕައިލެޓެއްގެ ގޮތުގައި މަސައްކަތް ކޮށްފަ އެވެ. އުމުރުން 44 އަހަރުގެ ގެރެތަކީ ޕައިލެޓުން ނަގާ އެންމެ މަތީ އެއް ފާސް ކަމަށްވާ އެއާލައިން ޓްރާންސްޕޯޓް ޕައިލެޓް ލައިސެންސް (އޭޓީޕީއެލް-އޭ) ފާސް ނަގާފައިވާ ކެޕްޓަނެކެވެ. ހާސިދާ ހިނގި އިރު އޭނާ ދުއްވަން އިނީ ސިންގަލް އިންޖީން ޑީއެޗްސީ-2 ބީވާ މަރުކާގެ ބޯޓެކެވެ.

ކޯރުން 40 ފޫޓަށް މިއަދު ވަނީ ސީޕްލޭން ނަގައިފަ އެވެ. ބޯޓު ވެއްޓުނީ ކީއްވެ ކަމެއް އަދި ނޭނގެ އެވެ. މި ހާދިސާއާ ގުޅޭ ރިޕޯޓް 30 ދުވަސް ތެރޭ ތައްޔާރު ކުރާނެ ކަމަށްވެ އެވެ. ތަހުގީގު ޓީމުން ވަނީ ބޯޓުގެ ބައިތައް ޗެކްކޮށް މަންޒަރު ދުށް މީހުންގެ ބަޔާން ނަގާ އަދި ޕައިލެޓުގެ ފްލައިން ހިސްޓްރީ ބަލަން ނިންމައިފަ އެވެ.

ސިޑްނީ މޯނިން ހެރަލްޑް ނޫހުން ބުނި ގޮތުގައި ވެއްޓުނު ސީޕްލޭން ވަނީ މީގެ 22 އަހަރު ކުރިން ވެސް އެކްސިޑެންޓްވެފަ އެވެ. ނަމަވެސް ފަހުން ވަނީ ބޯޓު ރިޕެއާކޮށް ދަތުރު ކުރުމުގެ ހުއްދަ ސިވިލް އޭވިއޭޝަން އެންޑް ސޭފްޓީ އޮތޯރިޓީން ދީފަ އެވެ.