05 ޖެނުއަރީ 2018 - 07:21

އިންސާނުންގެ ފުރާނަ ސަލާމަތްކުރުމަށް ޑޮކްޓަރުން ކުރާ ކަހަލަ ބުރަ އަދި ނުރައްކާތެރި މަސައްކަތެއް ކުރާ އެހެން ބަޔަކު ނެތެވެ. ހަމަ އެއާ އެކު މަދުން ނަމަވެސް ޑޮކްޓަރުންގެ ފަރުވާކުޑަކަމުން ދިމާވާ ގަބޫލުކުރަން ދަތި ބައެއް ކަންކަން މި ފަހަކަށް އައިސް މީޑިއާ އަށް ދަނީ ތިލަވަމުންނެވެ. މިއީ އިންޑިޔާގެ މަދުރާއީގައި ހިނގި މި ފަދަ ހާދިސާއެކެވެ.
މަދުރާއީގައި ދާދި ފަހުން މަގުމަތީ އެކްސިޑެންޓެއްގައި 60 އަހަރުގެ އަންނަލަކްޝްމީ މަރުވި އެވެ. އާއިލާގެ މީހުން އައިއިރު ވެސް އެމީހާ އޮތީ މަރުވެފަ އެވެ. ހޮސްޕިޓަލުން އާއިލާއަށް އެންގީ ހަށިގަނޑު ހަވާލުކުރެވޭނީ ޕޯސްޓް-މޯޓަމް ހެދުމަށް ފަހު ކަމަށެވެ. އަދި އެގޮތުގެ މަތިން ޕޯސްޓް-މޯޓަމް ހަދާފައި ހަށިގަނޑު އާއިލާއާ ހަވާލުކުރުމުން ގެއަށް ގެންދިޔަ އެވެ. އެކަމަކު ދެން އެނގުނީ އެއީ އަންނަލަކްޝްމީގެ ހަށިގަނޑު ނޫންކަން އެނގުނެވެ.
ޕޯސްޓް-މޯޓަމް އަށް ފަހު އަންހެންމީހާގެ ހަށީގަނޑު ހަވާލުކުރީ ހުދު ފޮތިގަނޑަކަށް ލާ ނިވާކޮށްފަ އެވެ. އެހެންކަމުން ޖަނާޒާގެ ކުރިން އެކަކު ވެސް އޭނާގެ މޫނު ބަލާފައެއް ނުވެ އެވެ.
ޖަނާޒާގެ ކަންތައްތައް ކުރިޔަށް ގެންގޮސް އަންނަލަކްޝްމީގެ ހަށިގަނޑު މަތިން އަޅާފައި އޮތް ހުދު ފޮތިގަނޑު ނެގުމާ އެކު އެއީ ފިހިގެން މަރުވެފައި އޮތް ޒުވާން އަންހެނެއްކަން އެނގުނެވެ. ވަގުތުން އެ ހަށިގަނޑު ހޮސްޕިޓަލަށް ގެންދިޔަ އެވެ. އަދި އެތަނުގައި އާއިލާގެ ހިތްހަމަނުޖެހުން ފާޅުކުރި އެވެ.
އާއިލާ އިން ފަހުން ވަނީ އަންނަލަކްޝްމީގެ ޖަނާޒާގެ ކަންތައް ފުރިހަމަކޮށްފަ އެވެ.