04 ޖެނުއަރީ 2018 - 11:07

ތެހެރާން (ޖެނުއަރީ 4) - އީރާން ސަރުކާރާ ދެކޮޅަށް މިދިޔަ ބުރާސްފަތި ދުވަހު ފެށި މުޒާހަރާތައް ނާކާމިޔާބުކޮށްލާފައިވާ ކަމަށް ރިވޮލިއުޝަނަރީ ގާޑުގެ ވެރިޔާ މޭޖާ ޖެނެރަލް މުހައްމަދު އަލީ ޖާފަރީ ވިދާޅުވެއްޖެ އެވެ.
މިިދިޔަ ބުރާސްފަތި ދުވަހު މަޝްހާދު ސިޓީގައި ފެށި މުޒާހަރާތަކުގައި މިހާތަނަށް ވަނީ 22 މީހުން މަރުވެފަ އެވެ. މުޒާހަރާތައް ފެށީ ތަކެތީގެ އަގު ބޮޑުވާ މައްސަލާގައި ކަމަށް ވިޔަސް ފަހުން ވަނީ ސަރުކާރާ ދެކޮޅު މުޒާހަރާތަކަކަށް ބަދަލުވެފަ އެވެ. މިއީ 2009 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް ފަހު އީރާނުގައި ކުރި މުޒާހަރާތަކަށް ފަހު ފެށި އެންމެ ވަރުގަދަ މުޒާހަރާތަކެވެ.
ޕާސިއަން ކަލަންޑަރުން 1396 އަށް އިޝާރާތް ކުރައްވާ ޖެނެރަލް ޖާފަރީ ވިދާޅުވީ 96 ގެ ސަރުކާރާ ދެކޮޅު ހަރަކާތްތައް ނިމުމަކަށް ގެނެސްފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ އެ ހަރަކާތްތައް ނިމުމަކަށް ގެނައީ ރިވޮލިއުޝަނަރީ ގާޑުގެ ހުޝިޔާރު ކަމުން ކަމަށް ވިދާޅުވި އެވެ.
"އެކި ޕްރޮވިންސްތަކުގައި މުޒާހަރާ ކުރި މީހުންގެ އަދަދު 1،500 އަށް ވެސް ނާރާ. މުޅި ގައުމުގައި މުޒާހަރާ ކުރި މީހުންގެ އަދަދު 15،000 އަށް ވުރެ ވެސް މަދު،" ޖެނެރަލް ޖާފަރީ ވިދާޅުވި އެވެ.
އީރާނުގައި ހަމަނުޖެހުންތައް އުފެއްދުމުގެ ފަހަތުގައި ވަނީ ގައުމުގެ ދުޝްމަނުން ކަމަށް ޖެނެރަލް ޖާފަރީ ވިދާޅުވި އެވެ. އީރާނުގެ ރޫހީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ ވެސް ވަނީ ހަމަނުޖެހުންތަކުގެ ފަހަތުގައި ވަނީ ބޭރުގެ ދުޝްމަނުން ކަމަށް ވިދާޅުވެފަ އެވެ. ދުޝްމަނުން ކަމަށް ޚާމަނާއީ އިޝާރާތް ކުރައްވާފައި ވަނީ އެމެރިކާ، އިޒްރޭލް އަދި ސައުދީ އަރަބިއާ އަށެވެ.
އަނެއްކޮޅުން އީރާން ސަރުކާރާ އެއްކޮޅަށް ބޭއްވި މުޒާހަރާތައް ވަނީ ގައުމީ ޓީވީން ދައްކަން ފަށައިފަ އެވެ. ސަރުކާރާ އެއްކޮޅު މުޒާހަރާތަކުގައި ވަނީ ގައުމީ ދިދަ އާއި އާޔަތުﷲ އަލީ ޚާމަނާއީގެ ފޮޓޯތައް ބޭނުންކޮށްފަ އެވެ.