04 ޖެނުއަރީ 2018 - 09:58

ލަންޑަން (ޖެނުއަރީ 4) – ފަހު ވަގުތު އާސެނަލްއާ 2-2 އިން އެއްވަރުވެ ޗެލްސީ އަށް އިނގިރޭސި ޕްރިމިއާ ލީގުގެ ދެ ވަނަ އަށް އަރަން ލިބުނު ފުރުސަތު ގެއްލިއްޖެ އެވެ.
ތާވަލުގެ ތިން ވަނައިގައި 46 ޕޮއިންޓާ އެކު ޗެލްސީ އޮތްއިރު ދެ ވަނަ މަގާމުގައި އޮތީ 47 ޕޮއިންޓާ އެކު މެންޗެސްޓާ ޔުނައިޓެޑެވެ. ރޭ ޗެލްސީ މޮޅުވި ނަމަ 48 ޕޮއިންޓާ އެކު އެ ޓީމު ދެ ވަނަ އަށް އަރާނެ އެވެ. އަނެއްކޮޅުން ޗެލްސީ މޮޅުނުވުމާ އެކު އެއް ވަނައިގައި 62 ޕޮއިންޓާ އެކު އޮތް މެންޗެސްޓާ ސިޓީ އަށް ވަނީ 15 ޕޮއިންޓުގެ ލީޑު ދަމަހައްޓަން ފުރުސަތު ލިބިފަ އެވެ.
އާސެނަލްގެ އެމިރޭޓްސް ސްޓޭޑިއަމުގައި ކުޅުނު މި މެޗުގައި ދެ ޓީމުން ޖުމްލަ 33 ޝޮޓް ފޮނުވާލި އެވެ. ހާއްސަކޮށް ޗެލްސީގެ ސްޕެއިން ފޯވާޑް އަލްވާރޯ މޮރާޓާ އަށް ލިބުނު ފުރުސަތުތައް ފާހަގަކުރެވެ އެވެ. މި މެޗުގައި އާސެނަލްގެ ގޯލްކީޕަރު ޕެޓާ ޗެކާއި ޗެލްސީގެ ގޯލްކީޕަރު ތިބައޫ ކޯޓުއާ ގިނަ ހަމަލާތައް މަތަކުރި އެވެ.
މި މެޗުގައި ލީޑު ނެގީ އާސެނަލުންނެވެ. މެޗުގެ 63 ވަނަ މިނެޓުގައި ގޯލް ޖެހީ ޖެކް ވިލްޝެއާ އެވެ. އޭގެ ހަތަރު މިނެޓު ފަހުން ޗެލްސީން އެއްވަރުކުރީ 67 ވަނަ މިނެޓުގައި ޕެނަލްޓީއަކުން އެޑިން ހަޒާޑް ޖެހި ގޯލުުންނެވެ. އަދި 84 ވަނަ މިނެޓުގައި މާކަސް އަލޮންސޯ ވަނީ ޗެލްސީ އަށް ލީޑު ނަގައިދީފަ އެވެ. އާސެނަލުން އެއްވަރުކުރީ އިތުރު ވަގުތުގެ ދެ ވަނަ މިނެޓުގައި ހެކްޓަ ބެލެރިން ޖެހި ގޯލުންނެވެ.
ޗެލްސީގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ލަނޑު ޖަހަން މިވަރަށް ފުރުސަތު ލިބޭއިރު މޮޅުވާން ޖެހޭނެ ކަމަށާއި އެކަން ނުވުމަކީ ހިތާމައެެއް ކަމަށެވެ.
"ބަދަލުގައި އަހަރެމެން މި ދައްކަނީ މޮޅު ޓީމަކާ އެއްވަރުވި ވާހަކަ. އެކަމަކު މި މެޗުގައި އަހަރެމެންނަށް މޮޅުވާން ހައްގު. ސަބަބަކީ ވަރަށް ގިނަ ފުރުސަތު ހޯދާފައިވާތީ،" ކޮންޓޭ ބުންޏެވެ.
އާސެނަލްގެ ކޯޗު އާސެން ވެންގާ ބުނީ ނިމިގެން މިދިޔައީ މޮޅު ފުޓްބޯޅަ މެޗެއް ކަމަށެެވެ. އޭނާ ބުނީ ހަ ދުވަހުގެ ތެރޭގައި ތިން މެޗު ކުޅެފި ނަމަ ކަމަށާއި އެކަމަކު ވެސް ކުޅުންތެރިން ގައިގައި ހުރިއްޔާ ހުރި ހިތްވަރެއްލީ ކަމަށެވެ.