11 ޖުލައި 2016 - 12:15

ޑަލަސް (ޖުލައި 11) - އެމެރިކާގެ ޑަލަސްގައި ހަމަލާދީ ފުލުހުންގެ ފަސް މީހުން މަރާލި ޒުވާނާ ބޭނުންވީ އެއަށް ވުރެ ގިނަ މީހުން މަރާލެވޭ ވަރުގެ ވަރުގަދަ ހަމަލާއެއް ދޭން ކަމަށް ސިޓީގެ ފުލުހުންގެ ވެރިޔާ ވިދާޅުވެއްޖެ އެވެ.

އުމުރުން 25 އަހަރުގެ މިކާހު ޖޯންސަން ހަމަލާދީ ދިނީ ފުލުހުންގެ ބަޑީގެ ހަމަލާތަކެއްގައި ކަޅު ނަސްލުގެ ދެ މީހަކު މަރާލުމާ ގުޅިގެންނެވެ. ފުލުހުންގެ ވެރިޔާ ޑޭވިޑް ބްރައުން ވިދާޅުވީ ޖޯންސަންގެ "ޕްލޭން ވަރަށް ފުޅާ" ކަމަށެވެ.
ސީއެންއެންއާ ވާހަކަ ދައްކަވަމުން ބްރައުން ވިދާޅުވީ ސިފައިންގެ ތެރޭގައި ކުރިން އުޅުނު ޖޯންސަން ވަނީ ގޮވާ ތަކެތި ގޮއްވަން ފަރިތަ ވެސް ކޮށްފައި ކަމަށެވެ. އަދި ޖޯންސަންގެ ލެއިން ލިޔެފައިވާ ދެ އަކުރު ކަމަށްވާ "އާރުބީ" އަކީ ކޮބައިތޯ ފުލުހުން ބަލަމުންދާ ކަމަށް ވެސް ވިދާޅުވި އެވެ. މީގެ އިތުރުން ޖޯންސަންގެ ގެއިން ފެނުނު ލިޔުންތައް ވެސް ފުލުހުން ދިރާސާ ކުރަމުންދާ ކަމަށް ބްރައުން ވިދާޅުވި އެވެ.
ފުލުހުންގެ ގޮވާތަކެތީގެ ރޮބަޓެއް ބޭނުންކޮށްގެން ޖޯންސަން މަރާލުމުގެ ކުރިން އޭނާއާ ވަނީ ދެގަޑިއިރު ވަންދެން ވާހަކަ ދައްކައިފަ އެވެ. ބްރައުން ވިދާޅުވީ ޖޯންސަންއާ ދެއްކި ވާހަކައިގައި އޭނާ ބައެއް ފަހަރު ދޮގު ހަދާ، ލަވަ ކިޔާ ހީ ސަމާސާކޮށް ހެދި ކަމަށެވެ. އަދި އޭނާ ބޭނުންވީ ވީހާ ވެސް ގިނަ މީހުން މަރާލަންކަން އެނގުނު ކަމަށް ވެސް ބްރައުން ވިދާޅުވި އެވެ.
މިނެސޮޓާ އާއި ލޫސިއާނާގައި ފުލުހުންގެ ހަމަލާތަކުގައި ކަޅު ނަސްލުގެ ދެ މީހުން މަރާލުމާ ގުޅިގެން އެމެރިކާގެ ސިޓީތަކުގައި ފުލުހުންނާ ދެކޮޅަށް ކުރާ މުޒާހަރާތައް އަދިވެސް ދަނީ ކުރިއަށެވެ. ލޫސިއާނާ އިން އިއްޔެ ވެސް ވަނީ 40 މީހުން ހައްޔަރުކޮށްފަ އެވެ. މުޒާހަރާ ކުރި ބައެއް މީހުން ވަނީ އިންސާފު ނުލިބި ހަމަޖެހުން ނުލިބޭނެ ކަމަށް ބުނެފަ އެވެ.