03 ޖެނުއަރީ 2018 - 17:40

އެޑިސް އަބާބާ (ޖެނުއަރީ 3) - އިތިއޯޕިއާގެ ހުރިހާ ސިޔާސީ ކުށްވެރިން މިނިވަންކޮށް އެ ގައުމުގައި އެންމެ ބޮޑަށް އަނިޔާދޭ ކަމަށް މަޝްހޫރުވެފައިވާ ޖަލު ބަންދުކުރާނެކަން ބޮޑު ވަޒީރު ހައިލެމަރިއަމް ޑެސަލެން އިއުލާން ކުރައްވައިފި އެވެ.
ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ ޝަރީއަތުގެ މަރުހަލާގައި މިހާރު ތިބި ސިޔާސީ ހުރިހާ ކުށްވެރިންގެ މައްސަލަތައް ވެސް ދޫކޮށްލައްވާނެ ކަމަށެވެ. ޖަލު ބަންދު ކުރުމަށް ފަހު އެ ތަން ދާރުލްއާސާރަކަށް ބަދަލު ކުރުމަށް ވަނީ ނިންމައިފަ އެވެ.
އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ފަރާތްތަކުން ތުހުމަތު ކުރާ ގޮތުގައި އިިދިކޮޅު ފަރާތްތައް ހުއްޓުވުމުގެ ގޮތުން އިތިއޯޕިއާ އިން ވަނީ ގިނަ ބަޔަކު ޖަލުތަކުގައި ބަންދުކޮށްފަ އެވެ. އިތިއޯޕިއާ އަށް ސިޔާސީ އަދި އިގްތިސާދީ އިސްލާހީ ބަދަލުތައް ގެނައުމަށް ފެށި މުޒާހަރާތަކާ ގުޅިގެން 2016 ވަނަ އަހަރު ވަނީ ކުއްލި ހާލަތު އިއުލާންކޮށްފަ އެވެ.
ސިޔާސީ ކުށްވެރިންނަށް މައާފް ދިނުމަށް ބޮޑު ވަޒީރު ނިންމެވީ ކީއްވެ ކަމެއް ނޭނގެ އެވެ. ނަމަވެސް އެކަމާ ބެހޭ ގޮތުން ވެރިކަން ކުރާ ޕާޓީގެ ތެރޭގައި މަޝްވަރާ ކުރާތާ ދުވަސްކޮޅެއް ވެއްޖެ ކަމަށް އެ ގައުމުގެ ނޫސްތަކުން ބުނެ އެވެ.