ޖާނުންފިދާވާން ރޭވި ދެ މީހުންނަށް ވަކީލަކު ހަމަޖައްސަން ފުރުސަތު ދީފި
ޖާނުންފިދާވާން ރޭވި ދެ މީހުންނަށް ވަކީލަކު ހަމަޖައްސަން ފުރުސަތު ދީފި

ޖާނުން ފިދާވެގެން ރާއްޖޭގައި ޓެރަރިސްޓް ހަމަލާއެއް ދޭން ރޭވި ކަމަށް ބުނެ ދައުލަތުން ދައުވާކުރާ ދެ ދިވެހިންގެ ޝަރީއަތް ފަށައި، އެ މީހުންނަށް ވަކީލަކު ހަމަޖައްސަން ކްރިމިނަލް ކޯޓުން މިއަދު ފުރުސަތު ދީފި އެވެ.

ޖާނުންފިދާވެގެން ޓެރަރިސްޓް ހަމަލާއެއް ދޭން އުޅުނު ކަމަށް ބުނެ ދައުލަތުން ދައުވާކުރަނީ ޏ. ފުވައްމުލަކު އަލުވިމާގޭ، ހުސައިން އަފީފާއި ރ. މަޑުއްވަރީ ވިލުދޮޅި، އިސްހާގު އަލީގެ މައްޗަށެވެ. އަފީފްގެ މައްޗަށް ކުރަނީ ޓެރަރިޒަމް ގާނޫނުގެ ދަށުން ޓެރަރިޒަމްގެ އަމަލެއް ކުރަން އުޅުމުގެ ދައުވާ އެވެ. އިސްހާގުގެ މައްޗަށް ކުރަނީ ޓެރަރިޒަމްގެ އަމަލެއް ކުރަން ރޭވުމުގެ ދައުވާ އެވެ. އެ ދައުވާ މިއަދު އިއްވާފައި ނުވާތީ، ދައުވާގެ އެއްވެސް ތަފްސީލެއް އަދި ސާފެއް ނުވެ އެވެ.

އެ މައްސަލައިގެ މިއަދު ބޭއްވި ފުރަތަމަ އިބްތިދާއީ އަޑުއެހުމުގައި އެ ދެ މީހުން ވެސް ބުނީ މައްސަލަ ކުރިއަށް ގެންދަން ބޭނުންވަނީ ވަކީލަކާ އެކު ކަމަށެވެ. އިސްހާގު މިހާރު ވަކީލަކު ހަމަޖައްސާފައި ހުއްޓަސް އެ ވަކީލު މިއަދުގެ އަޑުއެހުމަށް ހާޒިރެއް ނުވެ އެވެ. އަފީފްގެ ވަކީލެއް އަދި ހަމަޖައްސާފައެއް ނެތެވެ.

ވަކީލަކު ހަމަޖައްސަން ގާޒީ އާދަމް އާރިފް އެ ދެ މީހުންނަށް ދެއްވީ 10 ދުވަހުގެ މުއްދަތެވެ.

އަފީފާއި އިސްހާގުގެ މައްޗަށް ކުރަނީ ޓެރަރިޒަމްގެ ދައުވާއެއް ކަމަށް ވާތީ، ގާޒީ އާރިފް ވަނީ އަމިއްލަ އަށް ވަކީލަކު ހޯދޭފަދަ ތަނަވަސްކަން ނެތް ނަމަ ދައުލަތުގެ ޚަރަދުގައި ވަކީލަކު ހަމަޖައްސައިދޭން އެދެވިދާނެ ކަން އެ ދެ މީހުންނަށް ސާފުކޮށް ދެއްވައިފަ އެވެ.

އެ މައްސަލައިގެ އިތުރު އަޑުއެހުމެއް މި މަހުގެ 14 ވަނަ ދުވަހު ބާއްވާނެ ކަން ގާޒީ އާރިފް އިއުލާން ކުރެއްވި އެވެ.

ޖާނުންފިދާވާން އުޅުމުގެ ދައުވާ ދެ މީހެއްގެ މައްޗަށް އުފުލާފައިވާއިރު ސީރިއާގައި ހިނގަމުންދާ ދާޚިލީ ހަނގުރާމާގައި ބައިވެރިވާން އުޅުނު ބައެއް މީހުންގެ މައްޗަށް ވެސް ދައުވާ އުފުލައި، ޝަރީއަތް ދަނީ ހިނގަމުންނެވެ. އެ ހަނގުރާމާގައި ބައެއް ދިވެހިން މިހާރު ވެސް ދަނީ ބައިވެރިވަމުންނެވެ.